ފޮޅައި ސާފު ކުރަން ވެމްކޯއިން ސަރުކާރުގެ ހަތަރު އޮފީހަކާއެކު ސޮއިކޮށްފި

ފޮޅައި ސާފު ކުރުމުގެ މަސައްކަތުގެ ތެރެއަށް ވެސް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ރަސްމީކޮށް ވަދެ، ދައުލަތުގެ ހަތަރުު އޮފީހަކާއެކު އެގްރިމެންޓުގައި ސޮއިކޮށްފި އެވެ.ވެމްކޯއިން ސޮއި ކުރީ މިފްކޯ އާއި ނެޝަނަލް ލައިބްރަރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ފެނަކަ ކޯޕަރޭޝަންއާއެކު އެވެ. ވެމްކޯއިން ދޭ ފޮޅައި ސާފު ކުރުމުގެ ހިދުމަތަށް ކިޔާ ނަމަކީ "ހޮބާ" އެވެ.ވެމްކޯ އަކީ ރާއްޖޭގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ހާއްސަކޮށްގެން އުފެއްދި ކުންފުންޏެވެ. އެގޮތުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އެ ކުންފުނީގެ ހިދުމަތް އަންނަނީ ދެމުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ރިސޯޓްތަކަށް ވެސް ކުނި އުކައި ދިނުމުގެ ހިދުމަތް ވެމްކޯ އިން ދެ އެވެ.އިމާރާތްތައް ފޮޅައި ސާފު ކުރުމުގެ މަސައްކަތަކީ މިހައިތަނަށް ޕްރައިވެޓު ކުންފުނިތަކުން ކުރަމުން އައި މަސައްކަތެކެވެ. އެ މަސައްކަތަށް ހާއްސަ ބައެއް ކުންފުނިތައް ވެސް ރާއްޖޭގައި ހަރަކާތްތެރިވަމުން ދާއިރު، އެ ފަދަ ކުންފުނިތަކުގެ ވަޒީފާގައި ގިނައިން އުޅެނީ ބިދޭސީންނެވެ.ވެމްކޯއިން އެ މަސައްކަތް ކުރަން ފެށުމާއެކު ޕްރައިވެޓު ކުންފުނިތަކަށް މާކެޓު ގެއްލުނު ނަމަވެސް ދިވެހީންނަށް އިތުރު ވަޒީފާތަކެއް ލިބުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ