ވީއައިއޭގައި ވަރަށް ކުރިންސުރެ މަސައްކަތްކުރަމުން އަންނަ ބައެއް ރައްޓެހިންނާ ވާހަކަ ދައްކާލުމުން އެކަކު ބުނީ ވެހިކަލް ދުއްވަން ދަސްކުރަން ރަންވޭ މަތީގައި ވެސް އެ އެއްޗެހި ދުއްވި ކަމަށެވެ.
"އޭރު ފްލައިޓްތައް އެހާ ވެސް މަދު. ރަންވޭ ހުސްކޮށް އޮންނާތީ އެތަނަށް އަރައިގެން ވެހިކަލް ދުއްވި ހަނދާންވޭ،" އެއް މުވައްޒަފަކު ބުންޏެވެ.
އެއީ 1990ގެ އަހަރުތަކެވެ. ވީއައިއޭއަކީ 24 ގަޑިއިރު ހިދުމަތް ދޭ ތަނެއްގެ ގޮތުގައި އޮތަސް ފްލައިޓްތައް މަދުކަމުން ގިނަ ވަގުތު އޮންނަނީ ހުހަށެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ތަރައްގީ އާއި އެތެރޭގެ އުދުހުންތަކަށް އައި ބަދަލާ އެކު ވީއައިއޭއަކީ ބިޒީ ތަނަކަށް ވީތާ ކިތައްމެ ދުވަހެކެވެ.
މިކަން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. އެކަމަކު މައްޗަށްގޮޅީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު އިއްޔެ ވާހަކަ ދެއްކެވީ ވައިގެ ދަތުރުފަތުރަށް އައި ބޮޑު ތަރައްގީ އެނގިވަޑައިނުގެން ހުންނަވަ އެވެ. އޭނާ ގޮވާލެއްވީ ވީއައިއޭއަށް ހުކުރު ވަގުތު ފްލައިޓް ޖެއްސުން ހުއްޓާލަން ޖެހޭ ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން 2008ގައި ފެށުމުގެ ކުރިން، ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ހުކުރު ވަގުތު އެއާޕޯޓަށް ފްލައިޓް ނުޖައްސާ ކަމަށް ވިދާޅުވި އެވެ.
އޭނާގެ އެ ވާހަކައިގެ މަގުސަދަކީ ހުކުރު ވަގުތު ފްލައިޓްތައް މެދުކަނޑާނުލާތީ މިހާރު 2،780 އަށް ވުރެ ގިނަ މުވައްޒަފުންގެ ހުކުރު ގެއްލޭތީ އެކަން ބަދަލުކުރުމެވެ. ނަމަވެސް 2،780 މުވައްޒަފުންގެ އަދަދު ގެންނެވީ ކޮން ގޮތަކަށް ބައްލަވައިގެން ކަމެއް ނޭނގެ އެވެ.
ވީއައިއޭގެ ބިޒީކަމާއި ރާއްޖޭގެ ޓޫރިޒަމް އާއި ވައިގެ ދަތުރުފަތުރު ތަރައްގީވެފައި އޮތް ގޮތަށް ބަލާއިރު އެންމެ ޕީކް އެއް ގަޑި ކަމަށްވާ މެންދުރު ގަޑީގައި ހިދުމަތްތައް މެދުކަނޑާލެވޭނީ ކިހިނެއް ބާވަ އެވެ؟ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހޭދަކޮށްގެން އާ ޓާމިނަލެއް ވެސް އެ ހަދަނީ އަދިވެސް ފްލައިޓްތައް އިތުރުކުރާށެވެ. ދަތުރުވެރިންގެ އަދަދު މައްޗަށް ގެންދާށެވެ.
'ދައުރު'އާ ވާހަކަ ދެއްކި އެމްއޭސީއެލްގެ ބައެއް މުވައްޒަފުން ބުނީ މެންދުރު ވަގުތު ވެސް ފްލައިޓްތައް ޖައްސަން ޖެހޭ ވަރަށް އެއާޕޯޓް ބިޒީވީ ރާއްޖެ އަންނަ އެއާލައިންތައް ވެސް ގިނަވެ، ފްލައިޓްތަކުގެ އަދަދު އިތުރުވެގެން ކަމަށެވެ. އެއީ، އިބްރާހިމް ވިދާޅުވި ވާހަކައާ ހިލާފަށް، ހުކުރު ނަމާދު ނުކުރެވޭ ގޮތަށް ހެދުމުގެ ވިސްނުން އޮވެގެން ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އެ މުވައްޒަފުން ބުންޏެވެ.
އެމްޑީޕީގެ ވެރިކަން ސިފަކުރައްވަން އިބްރާހިމް ބޭނުންކުރެއްވީ "ލާދީނީ" އެވެ. ވިއައިއޭއަށް ހުކުރު ވަގުތު ފްލައިޓް ޖައްސަން ފެށީ އެމްޑީޕީގެ އެ ވިސްނުމުގެ ތެރެއިން ކަމަށް އޭނާ މާނަކުރެއްވި އެވެ.
"ފްލައިޓްތައް އިތުރުވާތީ ހުކުރު ވަގުތު ވެސް ހުއްޓާނުލައި އެ ގެންދަނީ. އަޅުގަނޑަށް ހިއެއްނުވޭ ހުކުރު ނުކުރެވޭ ގޮތް ހަދަން އެއާޕޯޓް ހުޅުވާފައި ބާއްވާނެއެކޭ،" ގިނަ ވަގުތު ހުސްކޮށް އޮތް ވީއައިއޭ އާއި މިހާރު ބިޒީ ވީއައިއޭގެ ކަންކަން ވެސް ތަޖުރިބާކުރެއްވި މުވައްޒަފަކު ބުންޏެވެ.
"މިހާރު މިއީ ހަމަ ވަރަށް ބިޒީ ތަނެއް. އެއް އިރެއްގައި އިރުއޮއްސި ހައެއްގެ ފަހުން އެއްވެސް ކަމެއް ނެތި ވެސް ދިޔަ. މިހާރު އެހެންނެއް ނޫން."
ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް މެންދުރު ގަޑީގައި ބަންދުކުރުމަކީ މިހާރު ކުރެވިދާނެ ކަމެއް ކަމަކަށް ނުފެނެ އެވެ. އެއީ މުސްލިމް އެހެން ގައުމުތަކުގައި ވެސް މައި އެއާޕޯޓްތަކުގެ ހިދުމަތް ފޯރުކޮށް ދޭނެ ގޮތެއް ނޫނެވެ.
"އިބްރާހިމް އެވެ. ދުނިޔެ އެނބުރެނީ ރާއްޖެ ވަށައިގެން ނޫނެވެ. ދިވެހި ރާއްޖޭގެ ހުކުރު ވަގުތަށް މުޅި ދުނިޔޭގެ ވައިގެ އުދުހުންތައް ތަރުތީބުކުރާނީ ކިހިނެއް ހެއްޔެވެ؟" ސޯޝަލް މީޑިއާގެ އެކްޓިވިސްޓް، ލޫކަސް ޖަލީލް، އަސްލު ނަމުން ނަމަ ޝަމްއޫން ޖަލީލް ކުރި ޕޯސްޓެއްގައި ބުންޏެވެ.
މިއީ މިހާރު ދެ މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަންނަ ގައުމެކެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮފް ޓޫރިޒަމް މަންޒިލެވެ. ރީޖަނަލް އެތައް އެއާޕޯޓެއް އޮޕަރޭޓްކޮށް، އެތައް ފްލައިޓެއްގެ ދަތުރުތައް ފަށައި އަދި ނިންމާ އެއާޕޯޓެވެ.
ޖައްސާނެ ފްލައިޓެއް ނެތުމުން ގިނަ ވަގުތު ހުސްކޮށް އޮންނަ ރަންވޭއަށް ވެހިކަލް އަރުވައި، ދުއްވަން ދަސްކުރި މުވައްޒަފުންނަށް މިހާރު ފެންނަނީ އޭރު ހިޔާލަށް ވެސް ނާންނަ ފަދަ ހަރަކާތްތެރި ތަނެކެވެ. މިއަދު އެމީހުންގެ ވަޒީފާ ވެސް އެހާ ބުރަ އެވެ.
ޓޫރިސްޓުންގެ ކަންކަމާ އުޅޭ ރެޕަކު ބުނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ކުރެވޭނެ ކަމަކީ "ހުސް އަނގަތެޅުން" ކަމަށެވެ.
"އެމީހުންނަށް ކިޔަވައިދިން ބަޔަކު ވެސް ލަދުގަންނާނެ އެ މީހުން އެ ދައްކާ ވާހަކަތަކާ ހެދި. އެއިން މީހަކަށް ނޭނގޭނެ މިތަން ހިނގާ ގޮތެއް ވެސް،" އޭނާ ބުންޏެވެ.
"އަނގައެއް ތަޅާލަންވީމާ ތަޅަންވީ. އެ ވަރިހަމަ ކޮންމެ ކަމަކަށް ވިޔަސް. ހަގީގަތަކަށް ބަލާނެ ކަމެއް ނެތް."
އެ ބުނީ ތެދެކެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ކަންކަން ފެނިވަޑައިގަންނަވަނީ އެހެން މީހުންނަށް ފެންނަ ގޮތަކަށެއް ނޫނެވެ. ކުރެއްވި ހުވާގައި އޮންނަ އެއްޗަކާއި އަމަލާ ދިމާނުވަނީ ވެސް އެހެންވެގެންނެވެ.
ހުސްކޮށް އޮތް ރަންވޭގައި މުވައްޒަފުން ވެހިކަލް ވެސް ދުއްވި، އެކަމަކު މިއީ އެ ދުވަހެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ