އަންޗެލޮޓީ އަށް ބްރެޒިލް ފުޓްބޯޅައިގައި ދިން ޒިންމާތައް ވަރަށް ބޮޑު އަންޗެލޮޓީ އަށް ބްރެޒިލް ފުޓްބޯޅައިގައި ދިން ޒިންމާތައް ވަރަށް ބޮޑު

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޖޫން 1) - ސަތޭކަ އަހަރު ތެރޭ ބްރެެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމަށް އިރުޝާދުދޭނެ އެ ގައުމުން ބޭރުގެ ފުރަތަމަ ކޯޗަކަށް ވެގެންދިޔައީ، އިޓަލީގެ ލެޖެންޑަރީ ކޯޗު، ކާލޯ އަންޗެލޮޓީ އެވެ. އޭނާ އަށް އަންނަ އަހަރު، އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ކުޅޭ، ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން، ބްރެޒިލަށް ހޯދައިދިނުމުގެ ޓާގެޓާ އެކު، ބޮޑު ޒިންމާއެއް ވަނީ ހަވާލުކޮށްފަ އެެވެ.
ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވެ، އަންޗެލޮޓީ، 65، ބްރެޒިލާ ހަވާލުވެ މީޑިއާގެ ސުވާލުތަކަށް ޖަވާބުދެމުން ބުނީ، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ، އެންމެ ބޮޑު ޓާގެޓް ކަމަށެވެ.
މީގެ އެއް އަހަރު ކުރިން، އަންޗެލޮޓީ އަށް ބްރެޒިލްގެ އޮފާއެއް ލިބުނެވެ. އެކަމަކު، އެ ވަގުތު އެ ހުށަހެޅުން ގަބޫލުނުކޮށް، އަންޗެލޮޓީ ނިންމީ ރެއާލްގެ ކޮންޓްރެކްޓް އާ ކުރާށެވެ. އެކަމަކު، ރެއާލާ އެކު، އާ ކުރި ކޮންޓްރެކްޓް މުއްދަތަށް ވުރެ ނިމުމަކަށް ގެނެސް، އަންޗެލޮޓީ ވަނީ ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ބްރެޒިލާ ގުޅިފަ އެވެ.
"އަހަރެން އޭރު ބްރެޒިލަށް ނާދެވުނީ، ރެއާލާ އެކު އެއްބަސްވުމެއް އޮތުމުން، އެކަމަކު މިހާރު މި ހުރީ ބްރެޒިލްގައި، މަސައްކަތް ކުރިއަށްގެންދަން،" 250 އަށް ވުރެ ގިނަ ނޫސްވެރިން ބައިވެރިވި، ބައްދަލުވުމުގައި އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީ ކޯޗިން ކެރިއަރު ފެށީ އިޓަލީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 1992 ވަނަ އަހަރު އެވެ. އަންޗެލޮޓީ ވަނީ ކޯޗިން ކެރިއަރުގައި، އިޓަލީގެ ރެޖިއާނާ، ޕާމާ، ޔުވެންޓަސް، އޭސީ މިލާން އަދި ނަޕޯލީގެ އިތުރުން އިންގްލެންޑްގެ ޗެލްސީ އާއި އެވަޓަން، ފްރާންސްގެ ޕީއެސްޖީ އަދި ޖަރުމަނުގެ ބަޔާން މިއުނިިކަށް ކޯޗުކޮށްދީފަ އެވެ. ކެރިއަރުގައި ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލާ ހަވާލުވީ، 2021 ވަނަ އަހަރު އެވެ. އެއީ އެވަޓަން ދޫކޮށްލުމަށް ފަހު އެވެ.
ދުނިޔޭގެ މަޝްހޫރު އަދި ކާމިޔާބު ކޯޗުންގެ ލިސްޓުގެ ކުރީގައި އޮތް އަންޗެލޮޓީ އާއި ބްރެޒިލްގެ ފުޓްބޯޅައާ ގުޅެނީ 1980 ގެ އަހަރުތަކުގެ ތެރެއިން ކަމަށް ވަނީ ބުނެފަ އެވެ. އެ ގޮތުން، އަންޗެލޮޓީ ބުނީ، 1980ގެ ތެރޭގައި، ފަލްކާއޯ އާއި ސެރޭޒޯއާ އެކު ގުޅުން އޮތްއިރު، އެ ފަހުން، ކަކާ، ޕަޓޯ، ރިވާލްޑޯ، ރޮނާލްޑޯ، ކަފޫ އަދި މާސެލޯއާ އެކު މަސައްކަތްތަކެއް ކުރެވުނު ކަަމަށެވެ. އަދި، މިހާރު އޮތް ބްރެޒިލްގެ ޖީލުގެ ކުޅުންތެރިންގެ ތެރެއިން ކަސެމީރޯ، މިލިޓާއޯ، ވިނީޝިއުސް، ރޮޑްރީގޯ އަދި އެންޑްރިކާ އެކު ކާމިޔާބީތަކެއް ހޯދައިފައިވާކަން އަންޗެލޮޓީ ފާހަގަކުރި އެވެ.
"ބްރެޒިލް ފުޓްބޯޅަ އަހަންނަށް އެނގޭ، ބޭނުންކުރަން ވެސް އެނގޭ،" އަންޗެލޮޓީ ބުންޏެވެ.
ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަން، ސީބީއެފްއާ އެކު، އަންޗެލޮޓީ ވަނީ ގިނަ ކަންތައްތަކެއް މަޝްވަރާކޮށްފަ އެވެ. އެ ގޮތުން، ބްރެޒިލް ފުޓްބޯޅައިގެ މުސްތަގުބަލު މިހާރަށް ވުރެ ބޮޑަށް ރަނގަޅު ކުރެވޭނެ ދާއިރާތަކަށް ފޯކަސް ކުރުމަށް، "ޓެކްނިކަލް ޑިރެކްޓަރެއް"ގެ ޒިންމާތަކެއް ވެސް އަންޗެލޮޓީ ވަނީ ނަގައިފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ސީދާ އެ މައުލޫ އަށް ވާހަކަ ނުދައްކައި، އަންޗެލޮޓީ ބުނީ، ބްރެޒިލް ޓީމުގައި އޭނާ އަށް 365 ދުވަހު އޮތީ ކޯޗެއްގެ ވަޒީފާ ނޫން ކަމަށެވެ. އެއީ، ކްލަބް ފުޓްބޯޅައިގައި ޓީމަކާ ހަވާލުވާނަަމަ، ކޮންޓްރެކްޓްގައި ހުންނަ ކޮންމެ ދުވަހަކު، ސީޒަން ތެރޭގައި ޕްރެކްޓިހެއްގައި މަސައްކަތް ކުރަން ޖެހޭނެ އެވެ.
އަންޗެލޮޓީ ބުނީ، ބްރެޒިލްގައި ދިރިއުޅެން އޭނާ ޕޯޗުގީސް ބަސް ދަސްކުރުމަށް ވުރެ، ބޭނުމީ ބްރެޒިލްގެ ސަގާފަތް މިހާރަށް ވުރެ ބޮޑަށް ދެނެގަތުން ކަމަށެވެ.
"ދުނިޔޭގެ ކޮންމެ ދިމާލެއްގައި ހުރި ކަމުގައި ވިޔަސް ހުރިހާ މެޗެއް ބެލިދާނެ، މިސާލަކަށް ބްރެޒިލްގެ ކްލަބްތައް ކަމަށްވާ ބޮޓަފޯގޯ، ފްލަމެންގޯ، ޕަލްމެއިރާސްގެ މެޗުތައް ވެސް ބަލަންވީ، އެކަމަކު، އަހަރެން ބޭނުމީ، ދަތުރުކުރަން، ބްރެޒިލް ތެރޭގައި، ފުޓްބޯޅައިގެ ކަންކަން ކުޅުންތެރިންގެ ކަންކަން ދެނެގަންނަން، އަހަރެން ބޭނުން ބްރެޒިލްގެ އެކި ތަންތަނުގައި ޗުއްޓީ ހޭދަކުރަން ވެސް،" އަންޗެލޮޓީ ބުންޏެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން، ސީބީއެފްގެ އޮފިޝަލަކާ ހަވާލާދީ ދެކުނު އެމެރިކާގެ މީޑިއާ އަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންޗެލޮޓީ، ބްރެޒިލްގެ އެކި ސަރަހައްދުތަކަށް ދަތުރުކުރަނީ، އެ ގައުމުގެ ފުޓްބޯޅައިގެ އެލީޓް ޕޫލެއް އެކުލަވާލުމަށެވެ. އަދި، ޒުވާން އުމުރުގެ ކުޅުންތެރިން ދެނެގަނެ، ދުނިޔޭގެ ވަރުގަދަ ފުޓްބޯޅައިގެ ޓްރެއިނިން ސެންޓަރުތަކުގައި، ބްރެޒިލްގެ ޒުވާން ކުޅުންތެރިން ތަމްރީން ކުރުމާއި، ބްރެޒިލްގެ ފުޓްބޯޅަ ލީގު ވަރުގަދަ ކުރެވޭނެ ގޮތްތައް ހެދުމަށް، ކޯޗިންގެ ސެމިނާތައް ވެސް އަންޗެލޮޓީއާ އެކު ކުރިއަށްގެންދަން ވަނީ ރާވައިފަ އެވެ.
އަންޗެލޮޓީގެ ކޯޗުކަމުގައި ބްރެޒިލުން ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ މި މަހުގެ ފަސް ވަނަ ދުވަހު، އެކުއެޑޯގައި އެ ގައުމާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ތިން ދުވަސް ފަހުން، ބްރެޒިލްގައި ޕެރަގުއޭއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ