ހައްޖަށް ދާއިރު ޖަހާ ވެކްސިނާއި ހައްޖުގައި ތިބޭއިރު ނަގަން ޖެހޭ ބޭސް ހިލޭ ލިބޭ ގޮތް ހަދައިފި
ދިވެހިން ޙައްޖަށްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާގެ މައްކާގައި ހުންނެވި ރައީސް ވަނީ، މިއަދު ހަވީރު މައްކާގައި ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް، ޙައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި، ވެކްސިން ވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ޙައްޖާޖީންގެ ކަންތައްތައް ވީހާ ވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމަށެވެ. ރައީސްވަނީ، ދިވެހި ހައްޖުވެރީންނަށް އެނބުރި ރާއްޖެ ދެވެންދެން ހުރިހާ ކަމެއް ވީހައިވެސް ފުރިހަމައަށް ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެގޮތުން ޙައްޖުވެރިންނާ ވަރަށް ގާތުން އިސްލާމިކް މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ދިވެހި ހައްޖުވެރިންނާ ރައީސް ބައްދަލުކުރެއްވުން: ހައްޖަށް ދާއިރު ޖަހާ ވެކްސިނާއި ހައްޖުގައި ތިބޭއިރު ނަގަން ޖެހޭ ބޭސް ހިލޭ ލިބޭ ގޮތް ހައްދައިވައިފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި އަހަރުގެ ޙައްޖުވެރިންގެ ހުރިހާ ކަމެއްވެސް ފުރިހަމައަށް އިންތިޒާމު ކުރުމަށް ސަޢޫދީ ސަރުކާރުން ކޮށްދީފައިވާ ކަންކަން ވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީންނަށް ވަރަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ދިވެހި ޙައްޖުވެރިން މިނާގައި ތިބުންވެސް 'އަޕްގްރޭޑް'ކޮށް ޚިދުމަތާއި އިންތިޒާމުތައް ކުރިއަށްވުރެ މަތިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސައުދީގައި މިފަހަރު ދިވެހިންނަށް ޚާއްޞަ ކްލިނިކެއް ވެސް ގާއިމުކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ހުރިހާ ކަމަކަށްޓަކައި ރައީސް ވަނީ އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައިއާއި ދިވެހި ޙައްޖާޖީންގެ ފަރާތްޕުޅުން ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް ޝުކުރު އަދާކުރައްވައިފައެވެ. ރައީސް ވިދާޅުވީ ސަޢޫދީ ސަރުކާރުން ދިވެހިންނާމެދު ދެކެނީ ވަރަށް ގާތްކޮށް، ވަރަށް އުޚުއްވަތްތެރިކޮށް، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށެވެ. އެއީ ދިވެހިން އުފާކުރަންވާނެ ކަމެއްކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ދިވެހި ހައްޖުވެރިން މައްކާއަށް ދާން ފުރަންފެށީ މިދިޔަ ހޯމަ ދުވަހު ކަމަށްވާއިރު، މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހި 1000 ޙައްޖާޖީން ދަތުރުކުރިއެވެ. ދިވެހި ހައްޖު މިޝަންއިން ހޮނިހިރު ދުވަހު ހިއްސާކުރި މެސެޖެއްގައި ވަނީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން ދަތުރުކުރުމުގެ އިންތިޒާމްތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް މިއަހަރު ލިބިފައި ވާކަމަށެވެ. އެގޮތުން ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވިއިރު އެކަމުގެ ހިތްހަމަޖެހުން ހައްޖުވެރިން ފާހަގަކުރާ ކަމަށް ހައްޖު މިޝަންއިން ބުނެއެވެ. ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅުކަން ވެސް ހައްޖު މިޝަންއިން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ