މުޅި މާލެއިން ކަރަންޓު ކެނޑެން ދިމާވި ސަބަބެއް އަދިވެސް ބުނެނުދެވޭ
        މާލެއާއި ހުޅުމާލޭ ދެ ފިޔަވަހިން ފަސް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން އެއްކޮށް ކަރަންޓު ކެނޑުނު ސަބަބު އަދިވެސް ސްޓެލްކޯއާއި އެ މައްސަލަ ތަހުގީގުކުރާ ފަރާތްތަކުން ބުނެ ނުދެވޭކަން އެނގިއްޖެއެވެ.  މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު 12:35 ހާއިރެވެ. އޭގެ ފަހުން، ހަ ގަޑިއިރެއްހާއިރު ފަހުން ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވޭ ވަރުވީ، އިރުއޮއްސި 18:30 ހާއިރެވެ.  އެކަމުގެ ސަބަބުން އެކިއެކި ޚިދުމަތްތަކަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ބުރޫއެރިއެވެ.  ފާހަގަކޮށްލެވޭ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ކަރަންޓު ނެތި، ޚިދުމަތް ނުދެވި ދެ ގަޑިއިރަށްވުރެ ގިނައިރު އޮތެވެ.  ނަމަވެސް, މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު ސަބަބެއް މިހާތަނަށް ކަށަވަރުވެފައިނުވެއެވެ.  އެ މައްސަލައިގެ ތަހުގީގު ސްޓެލްކޯއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފުން ވެސް ކުރާ ކަމަށް ސްޓެލްކޯއިން އިއްޔެ 'ސަން'އަށް ބުންޏެވެ. އެ ތަހުގީގުގެ ރިޕޯޓު އެކުލަވައިލުމުގެ މަސައްކަތް ކުރާ ކަމަށާއި، އެކަމުގެ މައުލޫމާތު ސްޓެލްކޯގެ މެނޭޖްމަންޓުން ބުނިހާ އަވަހަށް ދޭނެ ކަމަށް ބުންޏެވެ.  ނަމަވެސް, މިއަދު ގުޅުމުން ވެސް އެ ކުންފުނީގެ މެނޭޖްމަންޓުން އަދި ވަކި އެއްޗެއް ނުބުނާކަން އެނގުނެވެ.  އެ ކަމާ ގުޅިގެން 'ސަން'އިން ފުލުހުންނާ ސުވާލުކުރުމުން ވެސް ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.  https://sun.mv/206769  ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމަށް ފަހު ހާމަކުރައްވާނެ ކަމަށާއި އެ މައްސަލަ ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.  އެ މައްސަލައާ ގުޅޭ ގޮތުން ސްޓެލްކޯއިން އާދިއްތަ ދުވަހުގެ ހަވީރު ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައިވަނީ، އެހާތަނަށް ބެލިބެލުމުން އެ ކުންފުނީގެ ބޮޑު އިކުއިޕްމެންޓަކަށް ގެއްލުންވެފައިވާ ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ. އަދި މުޅި މާލެއަށް އެއްކޮށް ކަރަންޓު ކެނޑެނީ މަދުންކަން ފާހަގަކޮށް، ދެންވެސް އެފަދަ 'ޓޯޓަލް ބްލެކްއައުޓް'އެއް އައުމަކީ ނާދިރު ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.  ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އަންގަވައިފައެވެ. އެހެންވެ، ފުލުހުން ތަހުގީގެއް ފަށައިފައިވާއިރު، އެ މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ