ސިކުނޑީގެ ޓިއުމަރަކާ ހަނގުރާމަކުރަމުން އޯލެވެލްގެ ގަދަ 10އަށް

ބަލިވެގެން ކިޔެވުން ކުރިއަށް ނުގެންދެވޭނެހެން ހީވާ ކިތަންމެ ހާލަތެއް، އިންޝާ މުހައްމަދު ވަޖީހަށް ކުރިމަތިވި އެވެ. ކޮންމެ ދުވަހަކުހެން ފިޓު ޖެހުނެވެ. އިމްތިހާނު ހަދަން އިންނައިރު ހޮޑުލެވެ އެވެ. ދާއިމީކޮށް ބޭސް ކާން ޖެެހެ އެވެ. ކޮންމެ ހަ މަހަކުން ޑޮކްޓަރަށް ދައްކަން މާލެ އަންނަން ޖެެހެ އެވެ. ސިކުނޑީގައި އުފެދުނު ޓިއުމަރަކާ އޭނާ ހަނގުރާމަ ކުރާތާ ހަތް އަހަރުވީ އެވެ.
އެކަމަކު ވެސް ބ. ގޮއިދޫގައި ތައުލީމް ހާސިލް ކުރަމުން އައި އެ ދަރިވަރުގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. ބަލީގެ އުނދަގުލާއި ވޭނުގައި އުޅެމުން ވެސް އޭނާ ވަނީ މިދިޔަ އަަހަރުގެ އޯލެވެލް އިމްތިހާނުގެ އެންމެ މޮޅެތި ދަރިވަރުންގެ ތެރޭގައި ހިމެނިފަ އެވެ. އެންމެ މާއްދާއަކުން ފިޔަވައި، ހުރިހާ މާއްދާއަކުން އޭ ގްރޭޑާއި އޭ ޕްލަސް ގްރޭޑް ހޯދައި، ގައުމީ 10 ދިހައަކުން ޖާގަ ހޯދާފަ އެވެ.
"އަޅުގަނޑު ބުނާނީ، އަޅުގަނޑަށް ކިޔެވެންޏާ ކޮންމެ ކުއްޖަކަށް ވެސް ކިޔެވޭނެއޭ،" އޯލެވެލްއަށް ފަހު މިހާރު މާލޭގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރު ބުންޏެވެ.
އިންޝާއަކީ އަށް ބެއިން ހިމެނޭ އާއިލާއެއްގެ ހަގަށް ދެ ވަނައަށް ހުންނަ ކުއްޖާ އެވެ. އާއިލާގެ އެންމެ ހަގު އަންހެން ކުއްޖާ އެވެ. އޭނާ ދެކެ އެންމެން ވެސް އިންތިހާއަށް ލޯބިވެ އެވެ. އެކަމަކު އުމުރުން 10 އަހަރަށް އެޅުމާއެކު އޭނާ ބަލިވާން ފެށި އެވެ. ދުވާލުގެ އެކި ވަގުތުތަކުގައި ފަހެއް ނޫނީ ދިހަ ވަރަކަށް ސިކުންތު ވާންދެން ހުއްޓިފައި ހުންނަން ފެށި އެވެ. އޭގެ ހަގީގަތް ހެދުމަށް މާލެ އައިސް ހެދި ޓެސްޓުތަކުން އެނގުނީ، އޭރު އުމުރުން 10 އަަހަރުގެ އެ ކުއްޖާގެ ސިކުނޑީގެ ކަނާތް ފަޅީގައި ޓިއުމަރެއް އުފެދިފައިވާ ކަމެވެ. ވަގުތުކޮޅަކަށް އޭނާ ހުއްޓުން މި އަރަނީ އޭގެ ސަބަބުން ފިޓު ޖެހިގެން ކަމަށް އެނގުނެވެ.
"ދެން ވަގުތުން އަޅުގަނޑުމެން ފުރައިގެން ބޭރަށް ދިޔައީ. އެތަނުގައި ސިކުނޑީގެ އޮޕަރޭޝަންކޮށް ޓިއުމަރު ނެގިން. އެކަމަކު ޑޮކްޓަރުން ބުނީ ބޮޑުވަމުން އަންނަ ކުއްޖަކަށް ވާތީ އަދިވެސް ޓިއުމަރު އުފެދުމުގެ ފުރުސަތު އެބަ އޮތޭ،" އާއިލާގެ އެންމެ ދޮއްޓަށް ހުންނަ، ޝަހުލާ ވަޖީހު، ކޮއްކޮގެ ހާލަތު ކިޔައިދިނެވެ.
އިންޝާގެ ބަލި ބޮޑުވެފައި ނުރައްކަލެވެ. ފިޓު ޖެހޭތީ، އަބަދު ވެސް އެތައް ވައްތަރެއްގެ ބޭސް ކާން ޖެހެ އެވެ. ކޮންމެ ހަ މަހަކުން މާލެ އައިސް، އެމްއާރުއައި ޓެސްޓު ހަދައި ސިކުނޑީގައި ޓިއުމަރު އުފެދޭތޯ ޗެކް ކުރަން ޖެހެ އެވެ. އެކަމަކު އާއިލާއިން މަސައްކަތް ކުރީ އޭނާއަށް އާއްމު ދިރިއުޅުމެއް ހޯދައިދެވޭތޯ އެވެ.
ޝަހުލާ ބުނި ގޮތުގައި ބައްޔާ ހަނގުރާމަ ކުރަން ޖެހުނު ކަމުގައި ވިޔަސް ކޮއްކޮގެ ހުރިހާ ވަގުތެއް ހުސްކޮށްފައި ހުރީ ކިޔެވުމަށެވެ. އެންމެ ކުޑައިރުއްސުރެ އިންޝާއަކީ، ކިޔެވުމަށް އިންތިހާއަށް ސަމާލުކަން ދީ މޮޅު ނަތީޖާއެއް ހޯދަމުން އައި ދަރިވަރެކެވެ. ޑޮކްޓަރަށް ދައްކަން މާލެ އައި ކަމުގައި ވިޔަސް، އެޕޮއިންޓްމަންޓް ހައްދަން އެދޭނީ ހަފުތާ ބަންދާ ދިމާވާ ގޮތަށެވެ. ދެ ދުވަހަށް މާލެ އައި ކަމުގައި ވިޔަސް، ދަބަހުގައި ހެދުމަށް ވުރެ ގިނަވާނީ ފޮތް ކަމަށް އޭނާ ބުންޏެވެ.
"އަދިވެސް އޭނާ އަތުގައި ހުންނާނެ އެންމެ ކުޑައިރު ގެންގުޅުނު ނޯޓު ފޮތްތައް. ކޮންމެ ގްރޭޑެއް ނިމުމުން، ވަރަށް ރީތިކޮށް އެ ފޮތްތައް ވަކިން ކަބަޑަށްލައި ރައްކާކުރާނެ،" ޝަހުލާ ބުންޏެވެ.
އާއްމު ދިރިއުޅުމެއް އުޅުނު ކަމުގައި ވިޔަސް، އިމްތިހާނުގެ ހާސްކަމާއި ފިކުރުގެ ސަބަބުން ބަލީގެ ނުރައްކާ ބޮޑުވެދާނެ ކަމުގެ އިންޒާރު ކުރިއްސުރެ ވެސް ޑޮކްޓަރުން ދިޔައީ ދެމުންނެވެ. ދެ ވަނަ ފަަހަރަށް އިންޝާގެ ސިކުނޑީގައި ޓިއުމަރު އުފެދިފައިވާކަން އެނގުނީ، އޯލެވެލް އިމްތިހާނު ބޯމަތިވެފައި އޮއްވަ އެވެ. ވީހާ ވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ޖެހެ އެވެ. އެކަމަކު ދަރިވަރުގެ އެދުމަކަށްވީ، އިމްތިހާނު ނިންމާލާފައި އެ އޮޕަރޭޝަން ކުރުމެވެ. އޭގެ ސަބަބުން އިމްތިހާނު ގެއްލުމުގެ ބިރު އޮތީމަ އެވެ.
ޑޮކްޓަރުންނާ ވާހަކަ ދެއްކުމުން އެ މީހުން ދިން ހައްލަކީ ބޭހުގެ ޑޯޒް މަތި ކުރުމެވެ. އެކަމަކު އޭރު ވެސް އޭނާގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. ކްލާހުގައި އިންނައިރު ވެސް ފިޓު ޖެހޭ މިންވަރު ގިނަވެ، ފިޓު ޖެހޭ ވަގުތު ވެސް އިތުރުވި އެވެ. ގަޔަށް ހޮޑުލެވި، އަނގައިން ފޮނު އާދެ އެވެ.
"އިންޝާއަށް އެންމެ ފަސޭހަ އަދި އެންމެ އުއްމީދު ބޮޑު މާއްދާއަކީ ޓްރެވެލް އެންޑް ޓޫރިޒަމް. އެކަމަކު އެ މާއްދާ ހަދަން އިރު ފިޓު ޖެހި، ހޮޑުލެވުނު،" ޝަހުލާ ކިޔައިދިނެވެ.
"އެހެން ކުދިންނަށް އުނދަގޫވެދާނެތީ، އިނގިރޭސި ލިސިނިން ޓެސްޓު ހަދަން ޖެހުނީ ވެސް ކޮއްކޮ ވަކިން ބައިންދައިގެން."
ފިޓު ޖެހުމުގެ ސަބަބުން ޓްރެވެލް އެންޑް ޓޫރިޒަމް މާއްދާއިން އޭނާއަށް ލިބުނީ ބީ ގްރޭޑެކެވެ. އެހެން ހުރިހާ މާއްދާއަކުން ވެސް އޭ ގްރޭޑް ނުވަތަ އޭ ޕްލަސް ހޯދި އެވެ. ގޮއިދޫ ސްކޫލުން ޓޮޕްޓެންއަށް ދިޔަ ހަމައެކަނި ދަރިވަރަކީ ވެސް އެއީ އެވެ.
އެކަމަކު ނަތީޖާއާ މެދު އުފާފާޅުމުގެ ކުރިން އޭނާ ދާން ޖެހުނީ އަނެއްކާވެސް ސިކުނޑީގެ ބޮޑު އޮޕަރޭޝަނަކަށެވެ. އެ އިމްތިހާނުން ވެސް އޭނާ ފާސްވި އެވެ. އެކަމަކު ޓިއުމަރު އެއްކޮށް ފިލާގޮސްފައިވާ ކަން އެނގޭނީ، އަނެއްކާ ވެސް މަސްތަކެއް ފަހުން ހަދާ ޓެސްޓުން ކަމަށް ޝަހުލާ ބުންޏެވެ.
އޯލެވެލްގެ ރަން ނަތީޖާއާ އެކު އިންޝާ މިހާރު ތައްޔާރުވަމުން އަންނަނީ އޭލެވެލްއަށެވެ. އެއަށް ފަހު އޭނާ ކުރިއަށް ދާން ބޭނުންވަނީ މެޑިސިންގެ ދާއިރާއިންނެވެ. އޭނާގެ އުއްމީދަކީ ޑޮކްޓަރަކަށްވުމެވެ. ބައްޔާ ކުރިމަތިލާން އޭނާ ތައްޔާރެވެ. އަދި އެއިން ކާމިޔާބު ހޯދުމަށް ވެސް އޭނާ ހުރީ ތައްޔާރުވެގެންނެވެ.
އިންޝާ ސާބިތުކޮށްދިނީ، ހިތްވަރުކޮށްފި ނަމަ ކޮންމެ ކަމަކުން ވެސް ކާމިޔާބު ހޯދޭނެ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ