މަޖިލީހުގެ މަސައްކަތްތަކަށް ރިޔާސަތުން ހުރަސް އަޅާ ކަމަށް ބުނެ ގަރާރެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ރިޔާސަތުން ހުރަސް އަޅަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މިކަމުގައި މެންބަރުން ދެކޭ ގޮތެއް ބެލުމަށްޓަކައި މަޖިލީިހަށް އެމްޑީޕީގެ ފަރާތުން ގަރާރެއް ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.
ތަފްސީލު - ހަފްތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހޭއިރު، އިއްޔެ އާއި މިއަދު ވެސް ޖަލްސާ ބާއްވާފައެއް ނުވެ އެވެ. މި މަހު މިހާތަނަށް މަޖިލީހުން ބާއްވާފައި ވަނީ ހަތަރު ޖަލްސާ އެވެ. ޖަލްސާ ނުބޭއްވުމާއި އިދިކޮޅުން ހުށަހަޅާ މައްސަލަތައް ކުރިއަށް ނުގެންދާތީވެ، އެކަމާ އެމްޑީޕީ މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިކާއިލް ހުށަހެޅުއްވި ގަރާރުގައި އޭނާ ވިދާޅުވީ، ސަރުކާރުން ކުރާ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި ސަރުކާރު ޖަވާބުދާރީކޮށް، ގާނޫނުގެ މަތިން ފިޔަވަޅުތައް އެޅުމަކީ މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ. ނަމަވެސް އެ ޒިންމާ އަދާ ކުރުމަށް ރިޔާސަތުން ހުރަސް އަޅަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ:
ގާނޫނުއަސާސީގައި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރު އޮފީހެއްގެ ވެރިއަކު އަދާކުރާ ވާޖިބުތަކާ ބެހޭ ގޮތުން އެ މީހަކާ ލިޔުމުން ނުވަތަ އަނގަބަހުން ސުވާލުކުރުމުގެ ހައްގު މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވޭ
ވަޒީރުންނާ ސުވާލު ކުރުމަށް ދޭ 14 ދުވަހުގެ ނޯޓިސް ހަމަވާތާ އެތައް ދުވަހެއް ފާއިތުވެގެންދާއިރު ވެސް ރިޔާސަތުން އެކަން އެޖެންޑާނުކޮށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެންދަވަނީ އެކަން ލަސްކުރައްވަމުން
އޭގެ އިތުރުން، މަޖިލީހުގެ ގަވައިދުގެ ދަށުން ހަފްތާއަކު ތިން ދުވަހު ޖަލްސާތައް ބާއްވަން ޖެހޭއިރު، އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި އަދި މަޖިލީހުން އެހެން ގޮތަކަށް ކަނޑައަޅާފައިވާ ނުވަނީސް، މަޖިލީހުގެ ރައީސް ޖަލްސާތައް ނުބާއްވަވާ
"މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކުރައްވަމުންދާ ކަމެއް... [އަދި] މަޖިލީހާ މަތިިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމަށް ހުރަސް އެޅޭ ފަދަ ކަންކަން،" މީކާއިލްގެ ގަރާރުގައި ވިދާޅުވި އެވެ.
އެހެންވެ، އެ ގަރާރު ހުށަހެޅުއްވީ މިކަމުގައި މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށް ކަމަށް މީކާއިލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ