ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންގޮސް، މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލުމަށް އެދި ޕީއެންސީގެ ފަރާތުން މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް އެދި އެ އިސްލާހު މިއަދުގެ މަޖިލިސް ޖަލްސާގައި ހުށަހެޅުއްވި މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެއީ:
ފުރަތަމަ ދައުރު - 1 ފެބްރުއަރީން 15 މޭގެ ނިޔަލަށް
ދެވަނަ ދައުރު - 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް
ތިން ވަނަ ދައުރު - 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށް
ތަފްސީލް - މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ އިސްލާހު ހުށަހެޅުއްވުމުން އިތުރަށް ދިރާސާކުރުމަށް މިއަދު ވަނީ މަޖިލީހުގެ އާންމު ކޮމެޓީއަށް ފޮނުވާފަ އެވެ.
ރިފާއު ހުށަހެޅުއްވި އެ އިސްލާހުގައި އޮތީ:
މި މަހު 6ގައި ފެށި މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލައި މި ދައުރު ކުރުކޮށްލުމަށް
އަހަރުގެ ދެން ހުރި ދައުރުތައް ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް
އެ އުސޫލަށް އަމަލު ކުރެވޭނީ ހަމައެކަނި މިއަހަރުގެ ފުރަތަމަ ދައުރަށް
އެކަމާ ގުޅޭ ގޮތުން ރިފާއު 'ދައުރު'އަށް ވިދާޅުވީ ގަވާއިދަށް ބަދަލު ގެނައުމަށް ހުށަހެޅުއްވީ ރޯދަ މަހު މަޖިލީހުގެ މަސައްކަތް ކުރަން ލިބޭ ވަގުތު މަދުވުމުގެ ސަބަބުން މަސައްކަތުގެ އުފެއްދުންތެރިކަން ދަށްވާނެތީ ކަމަށެވެ.
"ރޯދަ މަހު މި ލިބެނީ މަސައްކަތް ކުރަން ހަތް ދުވަސް. ކޮންމެ ދުވަހަކު ދެ ގަޑިއިރު. އެއީ ޖަލްސާތައް މި އޮންނަނީ ހަފްތާގެ ވަކި ދުވަސްތަކެއްގައި. ވަރަށް މުހިންމު، ވަރަށް ބައިވަރު މަސައްކަތްތައް މަޖިލީހުގައި ކުރަން އެބަހުރި. އެހެންވެ، އަޅުގަނޑުމެންގެ ޕީޖީ ގްރޫޕުން މަޝްވަރާކޮށްފައި ނިންމީ އެ ގޮތަށް ހުށަހަޅަން،" ރިފާއު ވިދާޅުވި އެވެ.
އެނގުން މުހިންމު - މި ސަރުކާރުން ވަނީ ރޯދަ މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ނިންމާފަ އެވެ. އެއީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރޯދަމަހަށް މަޖިލިސް ބަންދުކޮށް، ދައުރު ކުރުކޮށްލަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ