ހައްޖަށް މީހުން ގެންދިޔުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ޝަކީލުގެ މައްސަލައެއް އޭސީސީއަށް ހައްޖަށް މީހުން ގެންދިޔުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ޝަކީލުގެ މައްސަލައެއް އޭސީސީއަށް

މި އަހަރުގެ ހައްޖުގެ އަޅުކަމަށް މީހުންގެ ގެންދިޔުމާއި ކުރިއަށް އޮތް އުމުރާ ދަތުރުގެ ތައްޔާރީތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތުކޮށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުގައި ޝަކީލްގެ މަންމަ އާއި ބައްޕަގެ އިތުރުން އޭނާގެ ކޮއްކޮ ވެސް މި އަހަރު ހައްޖަށް ދިޔަ އެވެ. އަދި ސަރުކާރުގެ ހަރަދުގައި އެ ކުންފުނީގެ ވެރިންނާއި ބޯޑު މެންބަރުން ވެސް ކިއުގައި ނުޖެހި ހައްޖަށް ދިޔަ ކަމަށް އެ މައްސަލާގައި ބުނެފައި ވެ އެވެ.
ޝަކީލްގެ ކޮއްކޮ ދިޔައީ އެހީތެރިއެއްގެ ގޮތުގައި ކަމަށް މާޒް ސަލީމްގެ އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައި ވެ އެވެ. އެހީތެރިން ހޮވުމުގައި ވަކި ލިސްޓެއް ހަދައިގެން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރަކާތްތެރިންނަށް ފުރުސަތު ދީފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ކުރިއަށް އޮތް އުމުރާ ދަތުރަށް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ދާ އެންމެންގެ ވިސާ ނަގަމުން ދަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝެއިހު އަލީ ޝަރީފުގެ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށް ކަމަށް އެ މައްސަލާގައި ބުނެފައި ވެ އެވެ.
"މި ދެންނެވި ޝެއިހު އަލީ ޝަރީފުގެ ކުންފުންޏަށް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވިސާ ފީ ދައްކަމުންދަނީ 350 ޑޮލަރު ކަމަށާއި އަދި ސައޫދީ އަރަބިއްޔާއަށް ދައްކަން ޖެހޭ ވިސާ ފީގެ އަދަދަކީ 150 ޑޮލަރު،" މާޒް ސަލީމް ހުށަހެޅުއްވި މައްސަލާގައި ލިޔެފައި ވެ އެވެ.
ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައި، ލިސްޓުގައި ޖެހިފައި ތިބި ހައްޖު ވާޖިބު އެތައް ބަޔަކަށްވުރެ ކުރިން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުން ހައްޖަށް ދިޔަ އެވެ. އެ މީހުން ގޮސްފައިވަނީ އެހީތެރިންގެ ގޮތުގަ އެވެ.
"ކުރީގެ އަހަރުތަކުގައި ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި ހައްޖަށް ދާ ފަރާތްތައް ހޮވަނީ ވަކި ތަރުތީބަކުން ހުޅުވާލެވިގެން އެ ކަމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލު ހިމެނިގެން ނުދާ އުސޫލުތަކަށް އިސްކަންދީގެން. މި ފަހަރު ހައްޖަށް ދާ މީހުންގެ އެހީތެރިން ނަގާފައިވަނީ ޝަކީލްގެ ލިސްޓަކަށް އިއުލާން ކުރުމެއް ނެތި،" އެ މައްސަލާގައި ބުނެފައި ވެ އެވެ.
އެކަމާ ގުޅިގެން ކޮރަޕްޝަންގެ ތުހުމަތު އެ ކޯޕަރޭޝަނަށް އަމާޒުވި އެވެ. އަދި، ޝަކީލްގެ އާއިލާގެ ބަޔަކު ހައްޖަށް ގެންދިޔުމުގައި މަގާމުގެ ހައިސިއްޔަތާއި ނުފޫޒު ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުތައް ވެސް އަމާޒުވި އެވެ.
އޭސީސީއަށް ހުށަހަޅާ މައްސަލަތަކުގައި އެ ކޮމިޝަނަށް އެކަށީގެންވާ ވަރުގެ ތަހުގީގުތަކެއް ނުހިންގެ އެވެ. ގިނަ ފަހަރު މައްސަލަތައް ދިގުލައިގެން ގޮސް ނުނިމި އޮންނަތާ އެތައް އަހަރެއް ހޭދަވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ