ގައުމީ ސަލާމަށް ވެސް ބެލުމެއްނެތި އެމްޑީޕީން އައުގުރާނަ ގޮވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ހއ.ދިއްދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާ ނިންމާލުމަށް ގައުމީ ސަލާމް ކިޔަމުން ދިޔަ ވަގުތު ވެސް އެމްޑީޕީ ސަޕޯޓަރުން އަޑުގަދަކޮށް އައުގުރާނަ ގޮވައިފިއެވެ.
ރައީސް މުއިއްޒުގެ ޖަލްސާ ކުރިއަށް ގެންދިޔައީ އެމްޑީޕީގެ ސަޕޯޓަރުން ބޭނުންވާ ވަރަށް އަޑުއުފުލުމުގެ ފުރުސަތު ދީގެންނެވެ. ރައީސް ވާހަކަފުޅު ދެއްކެވި ވަގުތު ވެސް އެމްޑީޕީ ސަޕޯޓަރުން އަޑުބާރުކޮށް ލަވަ ޖަހައި އަޑުގަދަ ކުރިއެވެ. ނަމަވެސް އެމްޑީޕީގެ ސަޕޯޓަރުން ހުއްޓުވަން ފުލުހުން މަސައްކަތެއް ނުކުރެއެވެ. ޖަލްސާ ނިންމުމުގެ ގޮތުން ގައުމީ ސަލާމް ޖަހަމުން ދިޔަ ވަގުތު އެމްޑީޕީން ހުތުރު ބަހުން އަޑުގަދަ ކުރުމުން އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވެސް ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މިރޭ "ދިޔަރެސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ ގައުމީ ސަލާމް ކިޔަމުން ދިޔަ ވަގުތު ހުތުރު ބަހުން އަޑުގަދަ ކުރެވުނީ އޮޅިގެން ކަމަށެވެ. "އެއީ އޮޅިގެން ކުރެވުނު ކަމެއް ކަމަށް ވަނީ. އެކޮޅުގައި ކަންކަން ރާވާފައި އޮތް ގޮތުން ސަޕޯޓަރުންނަށް ދިމާވި ގޮތެއް ކަމަށް ބެލެވެނީ. ދެން ބައެއް ސަޕޯޓަރުންގެ ކަންކަން ވެސް ހުރި ގޮތުން އެހެން ދިމާވީ." އޭނާ ވިދާޅުވިއެވެ.
ދިއްދޫން "ދިޔަރެސް" އާއި ވާހަކަދެއްކި މީހަކު ބުނީ ރައީސްގެ ޖަލްސާއަށް ހުރަސް އަޅަން މަސައްކަތް ކުރި އެމްޑީޕީގެ ބައެއް ސަޕޯޓަރުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. "އޭގެތެރެއިން ގިނަ މީހުން ތިބީ ހަމައިގައި ހެންނެއް ހިއެއް ނުވޭ. ބޮޑަށް ބެލެވެނީ އެހެންވެ ވާނުވާއެއް އެމީހުންނަށް ނޭންގުނީހެން." ދިއްދޫން ވާހަކަދެއްކި މީހަކު ބުންޏެވެ.
ރައީސް މުއިއްޒު މިރޭ އެމްޑީޕީގެ ސަޕޯޓަރުން އަޑުއުފުލަން ފުރުސަތު ދީގެން ޖަލްސާއެއް ބޭއްވި ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގެ ތެރެއާއި އަދި އޭގެ ކުރިން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްރަށަށް ވަޑައިގަންނަވަނީ އެސްއޯ ފުލުހުން ފޮނުވައި އިދިކޮޅު ސަޕޯޓަރުން ރައީސް ނުފެންނަ ހިސާބަށް ދުރަށް ޖެއްސުމަށް ފަހުއެވެ. އަދި ބައެއް ރަށްރަށަށް ރައީސް އިބްރާހިމް ވަޑައިގަތުމާއި ދިމާކޮށް އިދިކޮޅު ސަޕޯޓަރުން ހައްޔަރު ވެސް ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ