ހަރަދު ކުޑަކުރުމުގެ ނަމުގައި ވަޒީފާއިން ކަނޑަނީ ސަރުކާރާ ދެކޮޅު މީހުން އެކަނި ކަމަށް ބުނެ މަޖިލީހަށް ގަރާރެއް

ހަރަދު ކުޑަކުރުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ނިންމި ނިންމުން ސަރުކާރުން ބޭނުންކުރަމުން ދަނީ ސަރުކާރަށް ތާއީދުނުކުރާ މީހުންނަށް އަދަބު ދިނުމުގެ ގޮތުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިއުން ވަނީ އިއްވައިފަ އެވެ.
ތަފްސީލް - އެ ގަރާރުގައި ބުނެފައިވަނީ ސަރުކާރުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރިތާ އެތައް ދުވަހެއް ފާއިތުވީއިރު ވެސް އެ ކަމަށް އިހުލާސްތެރިކަމާއި ހާމަކަމާއި ހަމަހަމަ އުސޫލަކުން އެއްވެސް ކަމެއް ކުރާ ތަނެއް ނުފެންނަ ކަމަށެވެ.
ނަމަވެސް ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ މީހުން ވަޒީފާއިން ވަކިކުރަމުންދާ ގޮތުން ހަތަރު ކަންބޮޑުވުމެއް އޮތް ކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން:
ވާޒީފާތަކުން ވަކިކުރަމުން ދަނީ މި ސަރުކާރާއި ރައީސް މުހައްމަދު މުއިއްޒާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދާ މީހުންނާއި އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހުން އެކަނި
އެ މުވައްޒަފުން ވަކިކުރަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބުތަކަކާ ލައިގެނެއް ނޫން
މި ކަންކަން ކުރަމުން ގެންދަނީ އެއްވެސް ހަމައެއް، އުސޫލެއް ނެތި، އެ ކުންފުނިތަކުގައިވާ އުސޫލުތަކާ ވެސް ހިލާފަށް
ގައުމުގެ އިގުތިސޯދު ދަށްވެ، މާލީ ގޮތުން ރައްޔިތުންނަށް ދަތިވަމުންދާ މިފަދަ ދަނޑިވަޅެއްގައި ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ވާޒީފާތަކުން ވަކިކުރުމަކީ މާލީ ގޮތުން އެ ކަމުގެ ނޭދެވޭ އަސަރު މެދު ފަންތީގެ ގިނަ ގޭބިސީތަކަކަށް ކުރާނެ ކަމެއް
އެއްވެސް މީހަކު އޭނާގެ މަސައްކަތުގެ އަހުލާގާއި ވަޒީފާ އަދާކުރަމުންދާ ތަން ރަނގަޅަށް ހިންގުމުގެ ގޮތުން އޮންނަ ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބެއް އޮވެގެން މެނުވީ ވަޒީފާއިން ވަކިކޮށްގެން ނުވާނެކަން ވަޒީފާގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ގަރާރުގައިވެ އެވެ.
އެހެންވެ ވެރިކަން ހިންގާ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމުގެ ގޮތުން، މޖިލިސް މެންބަރުން ދެކޭ ގޮތް ބަލަން ބޭނުންވާ ކަމަށް ގަރާރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ