ޒަކާތު ފަންޑުން އަންނަނީ މާލީ ގޮތުން ޤާބިލްކަން ނެތް ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާއަކީ ފާހަގަކޮށްލެވޭ ދާއިރާތަކެކެވެ. ޚާއްސަކޮށް ސިއްޙީ ދާއިރާއަށް ކޮންމެ އަހަރަކުވެސް ޒަކާތު ފަންޑުން ބޮޑުބައެއް ޚަރަދުކުރަންޖެހެއެވެ. އަދި އެ ފަންޑުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ޤާބިލުކަން ނެތް ތެލެސީމިއާ ކުދިންނަށް އެހީތެރިކަންވެސް ފޯރުކޮށްދެއެވެ.
ޒަކާތު ހައުސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މެއި މަހު އެކި އެހީތަކަށް 2.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޭގެ ތެރެއިން ސިއްޙީ ކަންކަމަށް 1.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި މިދިޔަ ޖޫން މަހު ވަނީ ރާއްޖޭގެ ޒަކާތު ހައުސްއިން، ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ، ބޯންމެރޯ ޓްރާންސްޕްލާންޓަށް 2.5 މިލިއަޔަން ރުފިޔާ ފޯރުކޮށްދީފިއެވެ.
ތެލެސީމިއާއަކީ، މުޅި އުމުރަށް ލޭ އެޅުމާއި ޞިއްޙީ ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެކެވެ. ރާއްޖޭގައި މިވަގުތު ތެލަސީމިއާ ކުދިންގެ ގޮތުގައި 652 ކުދިން އެބަތިއްބެވެ. މި ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ، ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމެވެ. މި ފަރުވާގައި ކުރާ ކަމަކީ ބަލިމީހާގެ މައްސަލަ ހުރި ބޯންމެރޯގެ ބަދަލުގައި، ގުޅޭ ފަރާތެއްގެ ދުޅަހެޔޮ ސްޓެމް ސެލްތައް ޓްރާންސްޕްލާންޓް ކުރުމެވެ. މީގެ ސަބަބުން ހަށިގަނޑަށް އާދައިގެ ރެޑް ބްލަޑް ސެލްތައް އުފެއްދުމުގެ ޤާބިލުކަން ލިބެއެވެ. މި ފަރުވާ ކާމިޔާބުވުމުން ޤަވާއިދުން ލޭ އެޅުން ހުއްޓާލެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ބަލިމީހާ ސަލާމަތްވެއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަކީ ދާއިމާ ފަރުވާ ނަމަވެސް އެކި ސަބަބުތަކާހުރެ މި ފަރުވާ ހޯދޭނެ މަގުތަނަވަސްވެފައިވާ ނުވާ ކުދިން އެބަތިއްބެވެ. އޭގެ ތެރެއިން އެއްކަމަކީ މާލީ ތަނަވަސްކަން ނެތުމެވެ. މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް މި ބައްޔަށް ފަރުވާ ހޯދުމަށް ޒަކާތު ފަންޑުން އެހީ ހަމަޖައްސައިދެއެވެ. މިހާރު މި އެހީ ހަމަޖައްސައިދެނީ 2024 ވަނަ އަހަރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސިއްހީ ވުޒާރާއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. ނަމަވެސް މީގެ ކުރިން 2014ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީ ހަމަޖައްސައިދިނުމާ ގުޅޭގޮތުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވީ ކޮންމެ އަހަރަކު 10 މިލިޔަން ރުފިޔާ ބޯންމެރޯ ހެދުމަށް ޒަކާތު ހައުސްއިން ޚަރަދުކުރާގޮތަށް ހަމަޖައްސާފައިވާކަމަށެވެ. މިދިޔަ މަހުވެސް 2.5 މިލިޔަން ރުފިޔާ ތެލަސީމިއާ ކުދިންނަށް ޚަރަދުކުރުމަށް ހަމަޖައްސާފައިވާކަން އިމްތިތާޢު ފާހަގަކުރެއްވިއެވެ.
" މޯލްޑިވިއަން ބްލަޑް ސަރވިސްއާ ގުޅިގެން އެފަރާތުން ޝޯޓްލިސްޓް ކުރާ ކުދިންނަށް އެހީ މި ހަމަޖައްސަނީ. ކޮންމެ ކުއްޖަކަށް 1 މިލިޔަން ރުފިޔާއަށްވުރެ ގިނަ ނުވާ މިންވަރަށް ކަނޑައަޅާ. އިތުރު ކުދިންނަށ ްއެ ފުރުޞަތު ދިނުމާއި އެހީ ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން. މިއީ ޒަކާތު ފަންޑުން ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް."ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދަޅުވިއެވެ.
ތެލަސީމިއާ ބަލީގެ 10 ކުއްޖަކު ވަނީ އެޗް.އެލް.އޭ ޑޯނަރ މެޗިންގ މަރުހަލާ ފުރިހަމަކޮށް، 2026ވަނަ އަހަރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ލިބިފައެވެ. ފުރަތަމަ ބުރުގައި 6 ކުއްޖަކު ފުރާއިރު، ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އެމްޕަނެލްވެފައިވާ އިންޑިއާގެ ހޮސްޕިޓަލުތަކަށް ފޮނުވުމުގެ އެންމެފަހުގެ އިންތިޒާމުތައް މިހާރު ދަނީ ކުރަމުންނެވެ.
2024ވަނަ އަހަރުން ފެށިގެން، ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް، އެކުދިންގެ ފުރާނަ ސަލާމަތްކޮށްދީ ދިރިއުޅުން ފަސޭހަކޮށްދޭ، މި ފަރުވާ ހޯދައިދިނުމަށް އެހީވުމަށް ޒަކާތު ފަންޑުން ސީދާ ގޮތުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.
ސަރުކާރުން ނިންމާފައިވަނީ މި 5 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 10 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެހެންކަމުން މި 5 އަހަރުގެ ތެރޭގައި 50 ކުދިންނަށް ޖުމްލަ 50 މިލިއަން ރުފިޔާ ޚަރަދުކުރެވޭނެއެވެ.
ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން އަހަރަކު 10 މިލިޔަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ