ޗެއާޕާސަން އިންތިޚާބަށް ކުރި އިއުލާން ބާތިލްކުރަން އެންގި ސިޓީ: ޣަފޫރު ވިދާޅުވީ އިއުލާންކުރީ ރަނގަޅަށްކަމަށް
އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިޚާބު ބާތިލުކުރުމަށް އަންގައި، އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާއަށް ފޮނުވި ސިޓީގައި "ކަންކަން ހިނގީ ރަނގަޅަށް ކަމަށް" ޢަބްދުލްޣަފޫރު ވިދާޅުވެ ޖަވާބު ދެއްވިކަމަށް، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަޙްމަދު ޢަބްދުالله ޢަފީފް ވިދާޅުވެއްޖެއެވެ. އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށް ހުޅުވާލި އިއުލާނު ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ނެރެފައިވާ ކަމަށް ބުނެ، އެ އިއުލާނު ބާތިލްކުރުމަށް އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ޢަބްދުލްޣަފޫރަށް އެންގީ މިދިޔަ މަހުގެ 23ވަނަ ދުވަހެވެ. ޢަފީފް ސޮއިކުރައްވައި ފޮނުއްވި ސިޓީއަށް ދޮޅު ހަފުތާ ވަނީ ވެފައެވެ. https://sun.mv/221023 ޢަފީފް 'ސަން'އަށް ވިދާޅުވީ، އޭނާ ފޮނުއްވި ސިޓީގެ ޖަވާބުގައި، "ކަންކަން ހިނގައިފައި އޮތީ ރަނގަޅަށް ކަމަށް" ޢަބްދުލްޣަފޫރު ވިދާޅުވެފައިވާ ކަމަށެވެ. "އޭގެ ފަހުން އަޅުގަނޑުމެން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިސް ބާއްވައިފައި [އިންތިޚާބުގެ] އިތުރު ޓައިމްލައިނެއް ހަދައިފައި ވޯޓާސް ލިސްޓު އޯޕަންކުރަން މާދަމާއަށް [މިއަދަށް] އޮންނަ ގޮތަށް ޓައިމްލައިނެއް ހަދައިފައި ފޮނުވީމާ އަދިވެސް ޕަބްލިޝްނުކޮށްގެން މި އުޅެނީ،" ޢަފީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިންތިޚާބުގެ ޓައިމްލައިން އެމްޑީޕީގެ އިދާރާއަށް ފޮނުވި ނަމަވެސް އަދި އިއުލާނު ނުކުރާ ކަމަށާއި، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ކަނޑައެޅި ޓައިމްލައިން، ޢަބްދުލްޣަފޫރު ހިފަހައްޓަވައިފައިވާ ކަމަށް އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. މިހާރު އިއުލާނުކޮށްފައި އޮތް ޓައިމްލައިނާ އެއްގޮތަށް ޗެއާޕާސަން އިންތިޚާބު ބާއްވައިފިނަމަ، އިންތިޚާބު ބާތިލުވުމުގެ ފުރުސަތު އެބައޮތް ކަމަށް، ޢަފީފް ވިދާޅުވިއެވެ. އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، އެ ޕާޓީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކަންކަން ހިންގާނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސެވެ. ޢަބްދުލްޣަފޫރަށް ފޮނުއްވި ސިޓީގައި ޢަފީފް ވަނީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ ޖޫން މަހުގެ 12ވަނަ ދުވަހު ބާއްވާނެ ކަމަށް ކުރި އިއުލާނާ އެކު އާންމުކުރި ޓައިމްލައިނަކީ އޭނާ ދެއްވި އިރުޝާދާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަން ފާހަގަކުރައްވައިފައެވެ. އޭނާއަށް ނާންގައި ޗެއާޕާސަން އިންތިޚާބާ ގުޅޭ ނިންމުންތައް ނިންމުމަކީ އަސާސީ ގަވައިދާ ޚިލާފަށް ކުރި ކަމެއް ކަމަށް، ޢަފީފްގެ ސިޓީގައިވެއެވެ. ޗެއާޕާސަންގެ އިންތިޚާބުގެ ކަންކަން އިންތިޒާމުކުރުމާ ބެހޭ ގޮތުން އިންތިޚާބާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމަކަށް ހާޒިރުވެވަޑައިގެންފައިވާނެ ކަމަށާއި ޕާޓީގެ ލީޑަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއާއި ޗެއާޕާސަނާ މަޝްވަރާކުރެއްވުމަށް ފަހު، އިންތިޚާބުގެ ޓައިމްލައިނާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށް އެ ސިޓީގައި އޭނާ ވަނީ ލިޔުއްވައިފައެވެ. "އަދި ޕާޓީގެ ލީޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެފަދަ ނިންމުމެއް ނިންމުމަކީ ރަނގަޅުގޮތެއް ނޫން ކަމުގައި ވެސް ދެންނެވީމެވެ،" އެ ސިޓީގައިވެއެވެ. މީގެ އިތުރުން، އެމްޑީޕީގެ އެތައް މެންބަރުންނެއް އެ މެންބަރުންނަށް ނޭނގި ވެރިކަންކުރާ ޕީއެންސީއަށް ވައްދާފައި އެބައޮތް ކަމަށް ޢަފީފް ލިޔުއްވައިފައިވެއެވެ. އާންމު ގޮތެއްގައި މެންބަރުން ރަޖިސްޓްރީވެފައިވާ ޕާޓީ ބަލަނީ އެތެރޭގެ އިންތިޚާބުތަކުގައި ވޯޓުލާން ޖެހުމުން ކަމަށް ލިޔުއްވައި، އެގޮތަށް ވަކިކޮށްފައިވާ މެންބަރުން އަލުން ޕާޓީއަށް ވަނުމުގެ ފުރުސަތު ނުދީ އިންތިޚާބު ކުރިއަށް ގެންދިއުމަކީ ކެނޑިޑޭޓުންނާއި މެންބަރުންގެ އިންތިޚާބީ ހައްގުތަކަށް އުނިކަން އަންނާނެ ކަމަށް ވެސް ލިޔުއްވައިފައިވެއެވެ. އެހެންކަމުން، އެ ސިޓީގައި ޢަފީފް އެދިވަޑައިގަތީ ޗެއާޕާސަންގެ އިންތިޚާބުގެ އިއުލާނާއި ޓައިމްލައިނަކީ ބާތިލު ނިންމުންތަކެއް ކަމަށް ކަނޑައަޅައި، އެކަން ޕާޓީ މެންބަރުންނަށް އިއުލާނުކޮށްދެއްވުމަށެވެ. މިކަމަށް ހަފުތާއެއް ފާއިތުވެގެން ދިޔައިރު، ޢަބްދުލްޣަފޫރުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. މިހާތަނަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ