އެމްޑީޕީއަކީ ގަދަ ކަނޑުގައި ކުރި ހޯދާ ޕާޓީ: ފައްޔާޒު

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ތާއީދު އެމްޑީއޭ އިން ރޭ އަނބުރާ ގެނައުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްވީ ހިތްވަރުގެ މެސެޖެކެވެ.ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު އެމްޑީއޭގެ އިސް ބޭފުޅުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދުރުވުމަށްފަހު ރޭ ކުއްލި ގޮތަކަށް ވަނީ ކޯލިޝަން އުވާލި ކަމަށް ނިންމާފަ އެވެ.އެމްޑީއޭގެ ކައުންސިލްގެ އަގުލަބިއްޔަތުން މިރޭ ނިންމީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު މުއިއްޒުއަށް ތާއީދުކުރާށެވެ.އެމްޑީއޭގެ ނިންމުން ރޭ އިއުލާންކުރިތާ ކުޑައިރުކޮޅެއް ފަހުން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއޭގެ ނިންމުމަށް އިހްތިރާމު ކުރާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެމްޑީއޭ އިން ކޮށްދީފައިވާ ބުރަ މަސައްކަތްތަކަށް ފައްޔާޒު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. "އެމްޑީއޭގެ ނިންމުމަށް އިހުތިރާމު ކުރާ ހާލު، އެއްކޮށް މި ކެމްޕޭނުގައި ކޮށްދެއްވި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.އެމްޑީޕީ އަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީއެއް ކަމަށް އޭނާ އަނދާންކޮށް ދެއްވި އެވެ."ބަލި ނުކޮށްލެވުނު ހިތްވަރު، ގުޑުވާ ނުލެވުނު އަޒުމު، ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" އެމްޑީޕީއަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވި އެވެ.ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތް ދަށް ނަތީޖާ އަށް ފަހު، ސިޔާމް ދެ ވަނަ ބުރުގެ ކެމްޕެއިނަށް ނުނިކުންނަވަ އެވެ.ފުރަތަމަ ބުރުގައި މުއިއްޒު ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދެވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 86،000 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ