އދ.ގެ ދީނީ މިނިވަންކަމާ ބެހޭ ޚާއްސަ ރެޕެޓުއާގެ މަގާމުގެ ޒިންމާއާ ޑރ. ޝަހީދު ހަވާލުވެއްޖެ
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ދީނީ މިނިވަންކަމާ ބެހޭ ޚާއްސަ ރެޕެޓުއާގެ މަގާމަށް އައްޔަނުކޮށްފައިވާ ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު، އެ މަގާމުގެ ޒިންމާއާ މިއަދު ހަވާލުވެއްޖެ އެވެ. އދ.ގެ ދީނީ މިނިވަންކަމާ ބެހޭ ރެޕެޓުއާގެ މަގާމަށް ޑރ. ޝަހީދު އައްޔަނުކުރީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި، އދ،.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ 32 ވަނަ ސެޝަނުގަ އެވެ. އެހެން ނަމަވެސް އީރާނުގެ ރެޕެޓުއާކަމަށް ދެން އައްޔަނު ކުރާނެ ފަރާތެއް ހަމަޖައްސަންދެން ޑރ. ޝަހީދު ވަނީ އީރާނުގެ ރެޕެޓުއާކަމުގައި ދެމިހުންނަވާނެ އެވެ. ޑރ. ޝަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަގާމުގެ ޒިންމާއާ ހަވާލުވެވަޑައިގެންފައިވާ ކަމަށާއި، ދީނީ މިނިވަންކަމުގެ ހައްގު ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ޑރ. ޝަހީދު ވަނީ ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ޚާރިޖީ ވަޒީރުކަން ކުރައްވައިފަ އެވެ. މީގެ އިތުރުން ޑރ. ޝަހީދަކީ އިންސާނީ ހައްގުތަކަށް ދުނިޔޭގެ ފެންވަރުގައި ވަކާލާތުކުރައްވަމުން އަންނަ ފަރާތެކެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ "ޔުނިވާސަލް ރައިޓްސް ގްރޫޕު"ގެ ޗެއާޕާސަންއަކީވެސް ޑރ. ޝަހީދެވެ. ދައުލަތުގެ ފައިސާއަށް ހިޔާނާތްވެފައިވާ ކަމަށް ބުނެ، ދައުލަތަށް ދައްކަންޖެހޭ ކަމަށް އޮޑިޓު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ފައިސާ ދެއްކުމަށް ސަރުކާރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އިސް ހަތް ބޭފުޅަކަށް މި އަހަރު ތެރޭގައި އެންގި އިރު، އޭގެ ތެރޭގައި ޑރ. ޝަހީދު ވެސް ހިމެނެއެވެ. އަދި ޑރ. ޝަހީދަކީ ދައުލަތަށް ފައިސާ ދެއްކެވި ހަމައެކަނި ބޭފުޅާ ވެސް މެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ