ރައްޔިތުންގެ ހުރިހާ ކަންބޮޑުވުންތަކަށް މަޖިލީހުން ހައްލު ލިބިގެންދާނެ: މައުމޫން ފެކްޝަން

ދިވެހި ރައްޔިތުންގެ ހުރިހާ ކަންބޮޑުވުންތަކަށް ރައްޔިތުންގެ މަޖިލީހުން ހައްލު ލިބިގެންދާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ބުނެފިއެވެ. މޫކައި ސުއިޓްސްގައި ބޭއްވި މައުމޫން ފެކްޝަންގެ ޕީޕީއެމް ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ފެކްޝަންގެ ތަރުޖަމާނު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ހުރިހާ ކަންބޮޑުވުންތަކަކަށް ރައްޔިތުންގެ މަޖިލީހުން ހައްލު ލިބިގެންދާނެ ކަމަށެވެ. "އަޅުގަނޑުމެން ދަންނަވާލަން ބޭނުންވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ހުރިހާ ކަންބޮޑުވުންތަކަކަށް ރައްޔިތުންގެ މަޖިލީހުން ހައްލު ލިބިގެންދާނެއޭ،" ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ، މިރޭ ކައުންސިލް ބައްދަލުވުމުގައި ވަރަށް ބޮޑެތި ކަންތައްތަކެއް ނިންމާފައިވާ ކަމަށާއި ނަމަވެސް އެކަންކަން އަދި މީޑިއާއަށް ހިއްސާކުރެވެން ނެތް ކަމަށެވެ. ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ މިރޭ ނިންމި ނިންމުންތަކުން ރައްޔިތުންނަށް ވަރަށް ބޮޑެތި ހިތްހަމަޖެހުންތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް މައުމޫންގެ ރިޔާސަތުގައި ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި މިރޭ ނިންމީ ރައްޔިތުންގެ މަޖިލީހާ ގުޅޭ މުހިންމު ޚާއްސަ ނިންމުންތަކެއް ކަމަށެވެ. "އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަޑުމަޑުން ފަހަރަކު ފަށަލައެއް. މިގޮތަށް އަޅުގަނޑުމެން ހާމަކުރަމުން ގެންދާނަން. ވަރަށް ޚާއްސަ ކަންތައްތަކެއް މިރޭގެ ބައްދަލުވުމުގައި އަޅުގަނޑުމެން ނިންމައިފިން،" ޝުޖާއު ވިދާޅުވިއެވެ. މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ މައުމޫން ފެކްޝަންގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ