ދިވެއްސަކަށްވެ ހުރެ އިޒްރޭލަށް ތާއީދުކޮށް ޓްވީޓުކުރުމުން ޝަހީދު ހޫނުފެނަށް

ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދ ގެ 'ސްޕެޝަލް ރެޕެޓުއަރ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް' ޑރ. އަހުމަދު ޝަހީދު އިޒްރޭލަށް ތާއީދުކޮށް ދެއްކި ވާހަކަ ތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވެއްޖެއެވެ.
ސާމީންނާ ދެކޮޅު ވިސްނުންތަކާ ދެކޮޅަށް މަސައްކަތްކުރާ އިސްރާއީލުގެ ޖަމާއަތަކުން އާންމުކުރި ވީޑިއޯގައި ޝަހީދު ވިދާޅުވެފައިވަނީ ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް އަކީ "ޓެރަރިސްޓުން" ކަމަށާއި، އިޒްރޭލުގެ ހާހަކަށް ވުރެ ގިނަ މީހުން މަރުވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި ރަހީނުކޮށްފައިވާ އިޒްރޭލް މީހުންގެ ސަލާމަތަށް އެދި ދުއާ ކުރާ ކަމަށް ޝަހީދު ބުނެފައިވެއެވެ.
ޝަހީދުގެ އެ މެސެޖުގައި ކުށެއް ނެތް އެތައް ބަޔަކު އިޒްރާއީލުން ކޮންމެ ދުވަހަކު މަރަމުންދާއިރު، އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައި ނުވެއެވެ.
ދީނީ މިނިވަންކަމަށް ވަކާލާތު ކުރާ އދ ގެ ހާއްސަ މުޝީރުކަން ކުރާ ޝަހީދު އެޓްވީޓުގައި ބުނެފައިވަނީ ޔަހޫދީންނަށްއި ދެކޮޅު ނަސްލީ ތަފާތުކުރުންތަކާއި އޭނާ ދެކޮޅު ކަމަށާއި، އޭނާ ހުންނެވީ އިޒްރޭލުގެ ރައްޔިތުންނާއި އެއްކޮޅަށް ކަމަށެވެ. އަދި އިޒްރޭލަށް ތާއީދުކުރައްވާ ޝަހީދު ވަނީ ހަމާސްއިން ހިފަހައޓާފައިވާ އިޒްރޭލުގެ ރަހީނުން އެއްވެސް ޝަރުތަކާއި ނުލާ ދޫކޮށްލުމަށްވެސް ގޮވާލާފައެވެ.
ދިވެހިރާއްޖެއަށް ނިސްބަސްވާ އަދި ކުރިން ދިވެހި ސަރުކާރުގައި ޒިންމާދާރު މަގާމުތައް ފުރުއްވި އެފަދަ ބޭފުޅަކު އިޒްރޭލާ އެއްކޮޅަށް އެރުމުން މީސް މީޑިއާގައި ދިވެހިން އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އެގޮތުން ބައެއް މީހުން ވަނީ އޭނާ އަކީ ޔަހޫދީއެއް ކަމަށާއި އެކަން މާކުރިން ވެސް ދިވެހިންނަށް ވަނީ އެނގިފަ ކަމަށެވެ.
މިއަދު މުޅި ސޯޝަލް މީޑިއާގައި ދިވެހިން އަންނަނީ އޭނާއަށް އަމާޒުކޮށް ނުރުހުން ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ