ގާސިމް ރައީސް މައުމޫނާ ބައިއަތު ހިއްޕަވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ތާއީދު ކުރައްވައި ބައިއަތު ހިއްޕަވައި، އެކަން އިއުލާނު ކުރައްވައިފި އެވެ. ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް މައުމޫން ފެކްޝަނުން މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމަށް ފަހު މީޑިޔާއާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ޖުމްހޫރީ ޕާޓީ އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އެމަނިކުފާނަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަން އިއުލާނު ކުރައްވާފައިވާ ކަމަށެވެ. "އަޅުގަނޑުމެން އެއްބަސްވީ އެކި ލެވަލްގައި އަޅުގަނޑުމެން ވާހަކަ ދައްކައިގެން އެކި ލެވަލްގައި އަޅުގަނޑުމެން ދެ ޕާޓީ މަސައްކަތް ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ރައްޔިތުންގެ މަޖިލީހުގެ ބޭރުން،" ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ ޑިމޮކުރަޓިކް ވެއްޓެއްގާއިމް ކުރުމަށް އެހެން ޕާޓީތަކާއެކުވެސް މަޝްވަރާ ކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ. އިދިކޮޅު ޕާޓީތަކުންވެސް ވަނީ ރައީސް މައުމޫންނަށް ތާއީދު ކުރައްވާނެކަން އިއުލާންކޮށްފައެވެ. ޕީޕީއެމްގެ ބާރުތައް ގެންދިޔައީ ގާނޫނާއި އިސްލާމްދީން ތަންދޭ އުސޫލަކުން ނޫން ކަމަށާއި އެއީ ބާރުގެ ބޭނުންކޮށްގެން ކުރިކަމެއް ކަމަށެވެ. އެކަން ގަބޫލް ނުކުރާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މިނިވަން މުއައްސަސާތަކެކޭ ކިޔަސް އެފަރާތްތަކުގެ ބާރު ނެތް ކަމަށެވެ. އެންމެން ކަންތައް ކުރަމުން ދަނީ ވަކި ފަރާތަކުން އަންގާ ގޮތަށް ކަމަށް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ރައީސް މައުމޫނަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފަށް އެއްވެސްކަމެއް ނުހިންގެވޭނެ ކަމަށް ގާނޫނު އަސާސީ ބުނާއިރު ގާނޫނު ހުދޫދުން ބޭރުން ހިންގާ ކަންކަމާއި ދެކޮޅު ހަދާ ކަމަށެވެ. ރައްޔިތުންގެ ހައްގުގައި މައުމޫނާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ގާސިމްގެ ވާހަކަފުޅުގައި ވަނީ ރައީސް މައުމޫން ދައްކަވާ ވާހަކަތަކަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް މައުމޫން ގާސިމް އަރިހަށް ވަޑައިގަންނަވާ މި ދަނޑިވަޅަކީ ޕީޕީއެމްގެ އެތެރޭގެ ބައިބައިވުން ބޮޑުވެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ކޮންޓުރޯލް ކުރަމުންދާ ދުވަސްވަރެކެވެ. އަދި ސަރުކާރަށް ކުރާ ތާއިދު އަނބުރާ ގެންދެވިކަން ރައީސް މައުމޫން އިއުލާން ކުރައްވާފައިވާ ދަނޑިވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ