އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް މިއަދުގެ އަޑުއެހުމުގައި ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ނޫން އެހެން މީހަކަށް ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ކަނޑައެޅުމާއި ގުޅިގެން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށެވެ.
މި މައްސަލައިގައި އެމްޑީޕީން ސުޕްރީމު ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި މިއަދު ކުރިޔަށްދިޔަ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ ވަކީލް އަބުދުﷲ ޝާއިރު ވިދާޅުވީ މިއީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫންކަމަށެވެ.
އަދި ޤާނޫނު އަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް ޤާނޫނު އަސާސީގައި ބުނާ މާއްދާއަށް ހަވާލާދެއްވި އެވެ. އަދި މަޖިލީހުން ފާސްކުރާ ގަރާރަކުން މެނުވީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަނޭޅޭކަމަށް ބުނާ މާއްދާއަށްވެސް ހަވާލާ ދެއްވިއެވެ.
ޑިމޮކްރެޓްސްގެ ވަކީލް ޝާއިރު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހުށަނޭޅޭ ކަމަށާއި، އެހެންކަމުން މަޖިލީހުގެ 205 މާއްދާގެ (ރ) ގައި ބަޔާންކުރާ ހާލަތު ނާންނަ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މިހާރުވެސް އެހެން މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ކަމަށް ޑިމޮކްރެޓްސްއިން އެދިފައިވެއެވެ.
ސުޕްރީމި ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައެވެ. ދެން އޮންނާނީ މި މައްސަލައިގައި އެ ކޯޓުން ގޮތެއް ކަނޑައެޅުމެވެ. ވަރަށް އަވަހަށް ގޮތެއް ކަނޑައަޅުއްވާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި މަހާޒް އަލީ ޒާހިރު ވިދާޅުވިއެވެ.
އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ: ޑިމޮކްރެޓްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ