ކުލަބް ވޯލްޑްކަޕް: އަލް އިއްތިހާދު ބަލިކޮށް އަލް އަހްލީ ސެމީ ފައިނަލަށް!

މިހާރު ސައުދީގައި ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ހުކުރުދުވަހުގެ ރޭ ސައުދީ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަން އަލް އިއްތިހާދާއި މިސްރުގެ ޗެންޕިއަން އަލް އަހްލީ ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް އަހްލީ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް އަހްލީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ޓިއުނީޝިޔާގެ ޑިފެންޑަރު ޢަލީ މާލޫލް އެވެ.
މިހާފުގައި އަލް އިއްތިހާދުން މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ކެޕްޓަން ކަރީމް ބެންޒީމާ އަށެވެ. ފުރަތަަމަ ހާފު 45 ވަނަ މިނެޓުގައި އަލް އަހުލީގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ އަލް އިއްތިހާދަށް ޕެނަލްޓީއެއް ދީފައެވެ.
ނަމަވެސް އެޓީމުގެ ކެޕްޓަން ބެންޒީމާ ކުރިއަށް ފޮނުވާލި ޕެނަލްޓީ އަލް އަހްލީގެ ކީއްޕަރު މުހައްމަދު އެލް ޝެނަވީ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް އަހުލީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ އަލް އަހްލީ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޙުސައިން އެލް ޝަހަތު އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އީމާމް އަޝޫރު އެވެ.
މިމެޗުގެ 90 ވަނަ މިނެޓުގައި އަލް އަހްލީގެ ފްރާންސް ފޯވާޑްއެންތަނީ މޮޑެސްޓޭ ކުރި ކުށަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މޮޑެސްޓޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތީ ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައެވެ.
މިމެޗުގައި އަލް އިއްތިހާދުން ކަމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކަރީމް ބެންޒީމާ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އަލް އަހްލީ ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 23:00 ގައި އަލް އަހްލީ އިން ނުކުންނާނީ ބްރެޒިލްގެ ފްލުމިނެންސޭ އާއި ދެކޮޅަށެވެ. އަދި ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 19 ވަނަ ދުވަހުގެ ރޭ 23:00 ގައި ޔޫރަޕުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ނުކުންނާނީ އޭޝިއާގެ ޗެންޕިއަން ޖަޕާނުގެ އުރަވާ ރެޑްސް އާއި ދެކޮޅަށެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ