ޑިމޮކްރެޓުންގެ ވަކިވަކި މެންބަރުންނަށް ސުޕްރީމް ކޯޓު މައްސަލައަށް ތަދައްޚުލުނުވެވުނު، ޕާޓީން ގޮތެއް ނިންމަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ވަކިވަކި މަޖިލިސް މެންބަރުންނަށް ތަދައްޚުލުވެވަޑައިގަތުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ނުދިނުމާ ގުޅިގެން ދެން އަމަލުކުރާނެ ގޮތަކާމެދު އެ ޕާޓީން މަޝްވަރާތައް ފަށައިފިއެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވި މަޑުޖެހުމާ ގުޅިގެންނެވެ. މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ޤަރާރެއް ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންވާނީ މަޖިލީހުގެ ނައިބުރައީސް ކަމަށެވެ. ނަމަވެސް ނައިބުރައީސް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގައި ދެން އަމަލުކުރާނެ ގޮތެއް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައި ނެތެވެ.
އެ މައްސަލާގައި މަޖިލީހުގެ އިދާރާއިން ދެކެނީ މަޖިލީހުގެ ނައިބުރައީސް ނޫން ބޭފުޅަކަށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހިންގާ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓެވޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީން ދެކެނީ ޤަވާއިދުގައި ބަޔާންކުރާ މަޖިލީހުގައި އެންމެ ދުވަސްވީ މެންބަރުންގެ ތެރެއިން މެންބަރަކަށް އެހެނިހެން ޖަލްސާތަކޭ އެއްގޮތަށް އެ ޖަލްސާގެ ރިޔާސަތުވެސް ބެލެހެއްޓެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް ތަދައްޚުލުވެވަޑައިގަތުމަށް ދަ ޑިމޮކްރެޓްސްގެ ބައެއް މެންބަރުން އަމިއްލަފުޅަށް ހުށަހަޅުއްވާފައި ވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވަނީ ވަކިވަކި މެންބަރުންނަށް މައްސަލައަށް ތަދައްޚުލުވެވަޑައިގަތުމަށް ފުރުސަތު ދެވެން ނެތްކަމަށެވެ. ސަބަބަކީ އެ މައްސަލައަކީ ދުސްތޫރީ މައްސަލައަކަށްވާތީ ކަމަށެވެ.
އެ ނިންމުމާ ގުޅިގެން ދަ ޑިމޮކްރެޓްސް ޕާޓީގެ ވަގުތީ ކައުންސިލުގެ ބައްދަލުވުމެއް މިއަދު ހަވީރު 5:00 ގައި ބާއްވަން ނިންމާފައިވެއެވެ. އެ ބައްދަލުވުމުގައި އެ މައްސަލައަށް އެ ޕާޓީން ތަދައްޚުލުވުމާމެދު ގޮތެއް ނިންމާނެއެވެ.
މި މައްސަލައަށް ތަދައްޚުލުވުމަށް ދެން ހުށަހަޅާފައިވާ އައު ސަރުކާރު އުފައްދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް އެ މައްސަލައަށް ތަދައްޚުލުވުމުގެ ހުއްދަ ސުޕްރީމް ކޯޓުންވަނީ ދީފައެވެ.
މާދަމާ ހެނދުނު އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނެއެވެ. ހެނދުނު 10:00 ގައި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ފެށޭއިރު ސުޕްރީމް ކޯޓުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރައްވާނީ މަޖިލީހުގެ ނިންމުމާ ޚިލާފަށް ޤާނޫނީ ލަފާ ދެއްވާފައިވާ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ