ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ، މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުން އެދި ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ ލިޔެކިއުންތަކާ މަޖިލީހުން ހަވާލުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިދިޔަ އާދީއްތަ ދުވަހަށް އެެޖެންޑާ ކުރި ނަމަވެސް، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމްގައި ހުންނެވުމުން، މައްސަލަ އޮތީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.
އެކަމަށް ގާނޫނީ ފަރުވާއެއް ހޯދުމަށް އެމްޑީޕީން އާދީއްތަ ދުވަހު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.
ތަފްސީލް - ސުޕްރީމް ކޯޓުން އިއްޔެ އެ މައްސަލަ ބަލައިގެންފައިވާއިރު، މައްސަލައިގެ ލިޔެކިއުންތަކާ ހަވާލުވާން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ އަންގާފަ އެވެ. އެ ލިޔެކިއުންތަކާ މިއަދު ހަވާލުވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން 'ދައުރު' އަށް ކަށަވަރުކޮށްދިނެވެ.
އެނގުން މުހިންމު - މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން، މަޖިލީހުގެ ރައީސް މަގާމުން ދުރުކުރާއިރު ކަން ކުރާނެ ގޮތުގެ އުސޫލުގައި، ނައިބު ރައީސް ނެތިއްޖެ ހާލަތުގައި އަމަލު ކުރާނެ ގޮތެއް ނެތެވެ. ނަަމަވެސް، އެމްޑީޕީގެ މެމްބަރުން ބުނަނީ، އެ މާއްދާގައި އެކަން ކުރާނެ ގޮތް ނެތަސް، ޖަލްސާއެއްގެ ރިޔާސަތު ނައިބު ރައީސް ނެތް ހާލަތެއްގައި ބަލަހައްޓާނެ ގޮތް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދިފައިވަނީ:
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަކާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަަނަ މާއްދާގައި ވާގޮތުގެ މަތިން އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވާ ހާލަތުގައި އަމަލު ކުރާނެ ގޮތް ކަމަށް މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނަނީ:
އެފަދަ ހާލަތެއްގައި، ގާނޫނުއަސާާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓާނެ މެންބަރެއް މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެ
އެގޮތަށް ކަނޑައަޅާނީ، މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން ޖުމްލަ ފަސް މެންބަރުން؛ އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަކަށް
އެ ފަސް މެންބަރުން ކަނޑައަޅަން އޮންނަނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އެ މަގާމަށް އިންތިހާބު ކުރުމަށް ފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި؛ އެ ނަންތައް މަޖިލީހުގައި އިއުލާން ކުރަން ޖެހޭ
ރިޔާސަތު ބެލެހެއްޓުމަށް އެ ފަސް މެންބަރުންގެ ތަރުތީބު ކަނޑައަޅުމުގައި އިސްކަން ދޭން ޖެހޭނީ މެންބަރުކަމުގެ މުއްދަތަށް ބަލައިގެން؛ މެންބަރުކަމުގެ މުއްދަތު ހަމަހަމަ ނަމަ، ދެން ބަލާނީ އެ މެންބަރުންގެ އުމުރުގެ ދޮށިކަމަށް
ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ދުރާލާ ކަނޑައަޅާފައިނުވާ ހާލަތުގައި ނުވަތަ އެ ފަސް މެންބަރުން ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތުގައި، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، ދެން އެންމެ ގިނަ ދުވަހަކަށް މެންބަރުކަން ކުރެއްވި ބޭފުޅެއް
ނަޝީދު ވަކިކުރުން ކުރިއަށްގެންދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ލިޔެކިއުންތަކާ މަޖިލީހުން ހަވާލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ