ހުޅުމާލޭގައި ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އުޅުމަށް ސޮއިކުރި 8.8 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 135 ބިލިއަން ރުފިޔާ) ގެ ބިޔަ މަޝްރޫއު ހުޅުމާލެއިން ނަގައި، އަލަށް ހިއްކަން ފެށި "އަތަމަނަ" (ގަލުފަޅު) އަށް ބަދަލުކުރަން ނިންމާފައިވާކަން އަދަދު ނޫހަށް އެނގިއްޖެ އެވެ.
ސަރުކާރުން އިއްޔެ ވަނީ ގަލުފަޅުގެ ނަން "އަތަމަނަ" އަށް ބަދަލުކޮށް، އެތަނުގައި ޒަމާނީ ކޮންވެންޝަން ސެންޓަރަކާއި އިވެންޓް ހޯލްތައް ހިމެނޭ "ނޫވިލު" ޕްރޮޖެކްޓް ހިންގާނެކަން އިއުލާންކޮށްފަ އެވެ. ނަމަވެސް 'އަދަދު' އަށް ކަށަވަރުވެފައިވާ ގޮތުގައި މިއީ ހުޅުމާލޭގައި އަޅަން ސޮއިކުރި ފައިނޭންޝަލް ސެންޓަރުގެ މުޅި ކޮންސެޕްޓް އެ ފަޅަށް ބަދަލުކުރުމުގެ މަޝްރޫއުއެކެވެ.
ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ކަމަށް ބުނާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ 'އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް' އިން ހުޅުމާލޭގައި މި މަޝްރޫއު ހިންގަން ފުރަތަމަ ނިންމި ނަމަވެސް، އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ. އަދި އެ ކުންފުނިން ސަރުކާރަށް ދޭން ބުނި ފައިސާ ލިބިފައި ނުވާކަމަށް ސަރުކާރުގެ އޮފިޝަލުން ކަށަވަރުކޮށް ދިނެވެ.
ނަމަވެސް ފަހުން އެ ކުންފުނިން ވަކިން އޮންނަ ރަށެއް ނުވަތަ ފަޅެއްގައި "ފައިނޭންޝަލް ފްރީ ޒޯން" ގާއިމު ކުރުމަށް ކަމަށް ބޭނުން ވުުމުން، މާލޭގެ ހުޅަނގުއުތުރުން 2.5 ކިލޯމީޓަރު ދުރުމިނުގައި އޮތް ގަލުފަޅު ހިއްކަނީ އެކަމަށްޓަކައި ކަމަށް ސަރުކާރުގެ އިސް ބައެއް އޮފިޝަލުން "އަދަދު" ނޫހަށް ކަށަވަރުކޮށް ދިނެވެ.
މި ބަދަލާ އެކު، އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ގަލުފަޅު ސަރުކާރަށް ނަގައި، ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުން މިހާރު ވަނީ އެތަން ހިއްކަން ފަށާފަ އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ގަލުފަޅު މި މަޝްރޫއަށް ދޫކޮށްލުމުން، ބަދަލެއްގެ ގޮތުގައި އެއްފަހަރާ 1 ބިލިއަން ޑޮލަރު ދިނުމަށް އެ އިންވެސްޓަރު ވަނީ ހުށަހަޅާފަ އެވެ.
"މިއީ ހަމަޖެހޭ ވާހަކައެއް ނޫން. މީގެ ކުރިން އެންމެ 250 މިލިއަން ޑޮލަރު ނުދެއްކުނު ބަޔަކަށް ކިހިނެއްތޯ އެއްފަހަރާ 1 ބިލިއަން ޑޮލަރު ދެވޭނީ؟ މިއީ ފައިސާ ނުލިބޭނެ ކަމެއްކަން އެނގި ތިބެ، ސަރުކާރުން ބޮޑު ހަރަދެއްކޮށްގެން ހިންގާ ޖަރީމާއެއް،" ނަން ހާމަނުކުރުމަށް އެދި އޮފިޝަލް ވިދާޅުވި އެވެ.
"މި މަޝްރޫއު ގަލުފަޅަށް ބަދަލުކުރަން އިކޮނޮމިކް ކައުންސިލް ވެސް ވަނީ ނިންމާފަ."
އާކިޓެކްޓް ޖިއާނީ ރަނައުލޯ ޑިޒައިންކޮށްފައިވާ ހުޅުމާލޭގައި ތަރައްގީ ކުރަން ނިންމާފައި އޮތް މަޝްރޫއަކީ ރާއްޖޭގެ މާހައުލާ ނުބައްދަލު، ކުރެހުންތަކެއް ހިމެނޭ މަޝްރޫއެކެވެ.
އޭގެ ތެރޭގައި އެއްގަމު އުޅަނދު (ކާރު ފަދަ ތަކެތި) ބޭނުން ނުކުރުމާއި ދަތުރުފަތުރަށް ބިމުއަޑީގެ ޓްރާންސްޕޯޓް ނިޒާމެއް ހިމެނެ އެވެ. އަދި 3500 މީހުންގެ ޖާގައިގެ ބޮޑު ކޮންފަރެންސް ހޯލެއް ހިމެނެ އެވެ. އެތަން ހިންގަން ރާވާފައި އޮތީ އިއާދަކުރަނިވި ހަކަތައިން ނެވެ.
ފައިނޭންޝަލް ސެންޓަރު 2030 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށާއި، އޭރުން ރާއްޖޭގެ ޖީޑީޕީ ދެގުނަވެ، ފަތުރުވެރިކަމަށް ބަރޯސާވުން ނިމުމަކަށް އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މާލީ ގާބިލުކަން ސާބިތުކޮށްނުދެވޭ ކުންފުންޏަކަށް، ދައުލަތުގެ ހަރަދުގައި ބިން ހިއްކާފައި ދިނުމަކީ ހައިރާންވާ ކަމެއް ކަމަށް މި ނޫހާ ވާހަކަ ދެއްކި އޮފިޝަލުން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ ބަހެއް ނުލިބެ އެވެ.
8.8 ބިލިއަން ޑޮލަރުގެ "ހުވަފެނީ" ފައިނޭންޝަލް ސެންޓަރު ގަލުފަޅަށް 8.8 ބިލިއަން ޑޮލަރުގެ "ހުވަފެނީ" ފައިނޭންޝަލް ސެންޓަރު ގަލުފަޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ