ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރާ ރަސްމިއްޔާތަށް، ރައީސް ފުރާވަޑައިގެންފި
ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބުކޮށްފައިވާއިރު، އެ ޕާޓީން ސަރުކާރާ ހަވާލުވުމަށް ހުވާ ކުރާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެ ގައުމަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އެ މަނިކުފާނު މި ދަތުރުފުޅު ކުރައްވާނީ އަންނަ ބުދަ ދުވަހާ ހަމައަށެވެ. މި ދަތުރުފުޅުގެ ތެރެއިން، މާދަމާ އޮންނަ ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާ ކުރާ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. https://x.com/presidencymv/status/2023438707181990174 ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުޙައްމަދު ޔޫނުސްގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ތާރިޤް ރަޙްމާނާއި ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހިރާއްޖެއާއި ބަންދަގްލަދޭޝްއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ ސެޕްޓެންބަރު 22، 1978 ގައެވެ. ބީއެންޕީން އިންތިޚާބު ކާމިޔާބު ކުރުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ، ތަހުނިޔާ ފޮނުއްވައި، އައު ސަރުކާރާއެކު ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަގީން ކުރައްވާ ކަމަށް ވިދާޅުވެފައެވެ. https://sun.mv/217900 ފާހަގަކުރެވޭ ގޮތުގައި، ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބީއެންޕީ އާއި އެ ޕާޓީގެ ބައިވެރިން ވަނީ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 208 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދައިފައެވެ. އެ ޕާޓީއާ ދެން އެންމެ ކައިރިން ވާދަކުރި ޖަމިއްޔަތުލް އިސްލާމަށް 68 ގޮނޑި ލިބުނުއިރު އެހެން ޕާޓީތަކަށް ލިބުނީ ހަ ގޮނޑިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ