ރާޖް ކުޅޭ ބައޮޕިކްއަށް ބަރުދަން އިތުރުކުރުމަށް ކެއީ ޕިއްޒާ އާއި ބިރިޔާނި
ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯ ދާދިފަހުން މަސައްކަތް ނިންމާލި ބައޮޕިކް ފިލްމުގެ މަސައްކަތަށް އެކްޓަރުގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. "ނިކަމް"ގެ ނަމުގައި އުފައްދާ މި ބައޮޕިކްގެ މަސައްކަތް ނިންމާލިކަން ސޯޝަލް މީޑިއާގައި އިއުލާނު ކުރަމުން ރާޖް ބުނީ ފިލްމުގައި އޭނާ ކުޅޭ ކެރެކްޓާއަށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައީ ވަރަށް ޝައުގުވެރިކަމާ އެކު ކަމަށެވެ. އެގޮތުން ހަށިގަނޑުގެ ބަރުދަން 10 ކިލޯއަށް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް ކެއުމަށް ވެސް ބޮޑު ބަދަލެއް ގެނައި ކަމަށް ރާޖް ވަނީ ބުނެފައެވެ. މި ބައޮޕިކަކީ އިންޑިއާގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކުގެ ގާނޫނީ މަސައްކަތްތަކުގައި އިސް ރޯލެއް އަދާކުރެއްވި އިންޑިއާގެ މަޝްހޫރު ޕަބްލިކް ޕްރޮސެކިއުޓަރު އުޖްވަލް ނިކަމްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެހެންވެ ފިލްމުގައި އުޖްވަލް ނިކަމްގެ ކެރެކްޓަ ގެނެސްދޭން ޖެހުނީ ރާޖްގެ އުމުރަށްވުރެ ތަންކޮޅެއް ދޮށީ އުމުރުގެ މީހެއްގެ ގޮތުގައި ކަމުން އެކަމަށް ވެސް ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހުނު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އިންޑިއާގެ މަޝްހޫރު ޕަބްލިކް ޕްރޮސެކިއުޓަރު އުޖްވަލް ނިކަމް އަދި ރާޖް ކުމާރު ރާއޯ--ފޮޓޯ/ޕިންކްވިލާ ހަށިގަނޑުގެ ބަރުދަން އިތުރު ކުރުމަށް އޭނާގެ ކެއުމުގައި ޕިއްޒާ، އެކި ކަހަލަ ފޮނި ކެއުންތަކުގެ އިތުރުން ރާޖްއަށް އެންމެ މީރު ބިރިޔާނީ އާއި އަލުވި ފަރާޓާ ހިމެނިކަމަށް އެކްޓަރު ވަނީ ބުނެފައެވެ. މި ބައޮޕިކްއަށްފަހު ރާޖް ދެން މަސައްކަތްކުރާނީ އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ކެޕްޓަން ސޯރަވް ގަންގޫލީގެ ބައޮޕިކްގައެވެ. މި ބައޮޕިކްއަށް ރާޖްގެ ހަށިގަނޑުގެ ބަރުދަން އިތުރަށް ލުއިކުރަން ވަރަށް ބޮޑަށް މަސައްކަތްކޮށް އެތުލީޓުންނާ އެއްގޮތަށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން މަސައްކަތްކުރަން ޖެހޭނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ރާޖް އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބޫލް ޗަކް މާފް" އަދި "މާލިކް"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ