'އޯ ރޯމިއޯ'ގެ ރޭޓިންގްސް އާއި ރިވިއުތައް ކޯޓު އަމުރެއްގެ ދަށުން ނުފެންނަ ގޮތަށް ހަދައިފި
މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އެޅުވި ބޮލީވުޑް ފިލްމު "އޯ ރޯމިއޯ"އަށް ބެލުންތެރިން ދީފައިވާ ރޭޓިންގްސް އާއި ރިވިއުތައް ކޯޓު އަމުރެއްގެ ދަށުން ނުފެންނަ ގޮތަށް ހަދާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅެފައިވާ "އޯ ރޯމިއޯ"އަށް އޯޑިއަންސްއިން ދީފައިވާ ރިވިއުސްތައް ނުފެންނަ ގޮތަށް ހަދާފައި ވަނީ އެންމެ ގިނަ ބަޔަކު ފިލްމުގެ ޓިކެޓް ގަންނަ ޕްލެޓްފޯމް ބުކްމައިޝޯއިންނެވެ. މިއީ މިހާތަނަށް ހިންދީ އެއްވެސް ފިލްމަކަށް ދިމާވެފައިނުވާ ކަމެއް ކަމަށާއި އޯޑިއަންސްއިން ފިލްމަށް ދީފައިވާ ފީޑްބެކްތައް ނުފެނުމަކީ ފިލްމުގެ ވިޔަފާރިއަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ކޯޓު އަމުރެއްގެ ދަށުން "އޯ ރޯމިއޯ"ގެ ރިވިއުސްތަކާއި ރޭޓިންގް ނުފެންނަ ގޮތަށް ހަދާފައި ވަނީ ފިލްމު ރިލީޒްކުރުމަށްފަހު ބެލުންތެރިން ދިން 6.8 ރޭޓިންގް 7އަށް ބަދަލުވެފައި ވަނިކޮށެވެ. ބުކްމައިޝޯ ޕްލެޓްފޯމް މެދުވެރިކޮށް ފިލްމަށް ރިވިއުދޭ ސެކްޝަނަށް ދިއުމުން ފެންނަ މެސެޖުގައި ބުނެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭޓިންގްސް އާއި ރިވިއުސް ނުފެންނަ ކަމަށާއި މިއީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ބެލުންތެރިންގެތެރެއިން ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ފިލްމު "އޯ ރޯމިއޯ"އަށް ރޭޓިންގްސް އާއި ރިވިއުސް ނުފެންނަ ގޮތަށް ހަދާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ އެކަން އަންގާފައި--ފޮޓޯ/ބޮލީވުޑްހަންގާމާ މިކަމާ ގުޅޭގޮތުން މިހާތަނަށް "އޯ ރޯމިއޯ" ގެނެސްދިން ނަދިއަދުވާ ގްރޭންޑްސަން އެންޓަޓެއިންމަންޓްއިން ވަކި އެއްޗެއް ބުނެފައިނުވާއިރު މި ފިލްމު ރިލީޒްކުރުމުގެ ދުވަސްކޮޅެއް ކުރިން ގާނޫނީ މައްސަލަތަކެއް ފިލްމަށް ވަނީ ކުރިމަތިވެފައެވެ. މި ފިލްމުގައި ޝާހިދު ކަޕޫރު ކުޅެފައިވާ ކެރެކްޓާ ގެނެސްދީފައި ވަނީ އެ ކެރެކްޓަ ނިސްބަތްވާ އިންޑިއާގެ ގޭންގްސްޓާ ހުސައިން އުސްތާރާގެ އާއިލާގެ ހުއްދަނެތި ކަމަށް ބުނެ އޭނާގެ ދަރިފުޅު ސަނޯބާ ޝައިހް ވަނީ މުމްބާއީގެ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ފިލްމު ގެނެސްދޭން ކަނޑައެޅި ތާރީޚުގައި ސިނަމާތަކުގައި "އޯ ރޯމިއޯ" ވަނީ ރިލީޒްކޮށްފައެވެ. އިންޑިއާގެ މަގުބޫލު ލިޔުންތެރިން ކަމަށްވާ ހުސައިން ޒައިދީ އާއި ވިކްރަމް ޗަންދްރާ ލިޔެފައިވާ "މާފިއާ ކުއީންސް އޮފް މުމްބާއީ" ވާހަކައަށް ބިނާކޮށް އުފެއްދި "އޯ ރޯމިއޯ"ގެ ޑައިރެކްޓަރަކީ ވިޝާލް ބަރަދުވާޖްއެވެ. "އޯ ރޯމިއޯ"ގެ ރިވިއުސްތަކާއި ރޭޓިންގް ނުފެންނަ ގޮތަށް ހެދި ނަމަވެސް ފިލްމު ރިލީޒްކުރުމާ އެކު ފުރަތަމަ ދެ ދުވަހު ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ