ފެން ބިލު ދެއްކުމުން ޖޫރިމަނާ މާފުކޮށްދޭން ސަރުކާރުން ނިންމައިފި
ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލްތައް ދެއްކުމުން މިއަހަރުގެ ކުރިން އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭން އެމްޑަބްލިއުއެސްސީން އަނެއްކާވެސް ނިންމައިފި އެވެ.އެމްޑަބްލިޔުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ކަސްޓަމަރުންނަށް ފެން ބިލްތައްކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމަށް އަނެއްކާވެސް ނިންމަވާފައިވާ ކަމަށެވެ.އެ ކުންފުނިން ބުނީ، ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، މިދިޔަ އަހަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭނެ ކަމަށެވެ. އެގޮތުން، ޖޫރިމަނާ މާފުކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ މި އަހަރުގެ ނިޔަލަށް ދައްކައި ޚަލާސްކުރުމުން ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ."ވީމާ، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވައި ޚަލާސް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ޤަވާޢިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ." އެމްޑަބްލިޔުއެސްސީގެ ބަޔާނުގައިވެ އެވެ.އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލް ކުރުމުން އެހީތެރިކަން ލިބޭނެ ކަމަށް ބުނެފަ އެވެ.ދަޢުލަތުގެ ފެން ކުންފުނިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލެޓުތަކާއި ހިޔާ ފްލެޓުތަކުގެ އިތުރުން މާލެހިޔާ އަދި ސިނަމާލެ ފްލެޓުތަކަށް ނުދައްކާ ހުރި ކުލީގެ ޖޫރިމަނާތައް ވެސް މާފުކުރުމަށް ސަރުކާރުން ވަނީ މީގެ ކުރިން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ