ދަނާލުގައި ނިޔާވި ޒުވާނާގެ މެސެޖްތަކަށް ފުލުހުން ޖަވާބުދިން: އިހުސާން

އެޕްރީލް 20 ވަނަދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި، ނޭޝަނަލް ޔުނުވަސިޓީގެ ދަނާލުގައި ނިޔާވި ޒުވާނާ ނިޔާވުމުގެ ކުރިން ފުލުހުންނަށް ގުޅި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކައަކީ ހަގީގަތާއި ޚިލާފު ވާހަކައެއްކަމަށާއި އޭނާ ފުލުހުންނަށް ކުރި މެސެޖްތަކަށް ފުލުހުން ޖަވާބުދިންކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް ސެކްޓަރގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 8:40ގައި އެ އަންހެން މީހާގެ ފަރާތުން ފުލުހުންގެ ވިކްޓިމް ސަޕޯޓްގެ ވައިބާ ނަންބަރަށް މެސެޖެއް ލިބުނު ކަމަށެވެ. އަދި 8:49އާ ހަމައަށް ވިކްޓިމް ސަޕޯޓުން އޭނާއަށް ޖަވާބު ދިން ކަމަށާއި އެ މެސެޖަށް އޭނާގެ ފަރާތުން ޖަވާބެއް އައީ 8:50 ގައި ކަމަށެވެ.
އަދި އެރޭ 8:53 ގައި ދެ މެސެޖު ކުރި ކަމަށާއި އޭގެ ތެރެއިން އެއްމެސެޖުގައި، އޭނާ ރަނގަޅު ކަމަށާއި 8:56 ގައި ބޭރަށް ދާ ކަމަށް ބުނެ މެސެޖު ކުރި ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދި އެރޭ ދަންވަރު 12:38ގައި "އައިއެމް ގޯން" ކަމަށް ބުނެ ވިކްޓިމް ސަޕޯޓަށް މެސެޖު ކުރި ކަމަށާއި އޭގެ 3 މިނެޓު ތެރޭގައި އޭނާއަށް ޖަވާބުދީފައިވާ ކަަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދި މިއީ އެ އަންހެން މީހާއާއި ފުލުހުންގެ ވިކްޓިމް ސަޕޯޓާ ދެމެދު ކުރެވުނު އެންމެ ފަހުގެ މުއާމަލާތް ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
"ނަފްސާނީ ކަންކަން ހިމެނޭފަދަ މައްސަލަތަކުގައި ވަރަށް ބޮޑަށް އެދެން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް. މީގެ ސަބަބުން މިވަގުތު މިފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދޭ އަދި ހަމައެއާއެކު މި ހާދިސާތައް ދިމާވެފައި ހިތާމަތައް ދިމާވެފައިވާ އާއިލާތަކަށް ނުހަނު ހިތާމަތައް ލިބިގެންދޭ" ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވިއެވެ.
އިތުރު ތަފްސީލް ހިއްސާކުރައްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ވިކްޓިމް ސަޕޯޓުން އެންމެ ފަހުން ފޮނުވި މެސެޖަށް އަންހެން މީހާ ޖަވާބު ނުދީ އޭނާ އޮފްލައިންވުމުން 1:03 ހާއިރު ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދިފައިވާ ކަމަށެވެ. އަދި ފުލުހުން 1:08 ހާއިރު ދަނާލަށް ވަދެފައިވާކަމަށާއި އެ އަންހެން މީހާ ދިރިއުޅުނު ކޮޓަރި ދެނެގަނެވުނީ 1:32 ހާއިރު ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން، އިންޓާނަލީ އަދި އެހެނިހެން މިނިވަން މުއައްސަސާތަކުންވެސް ރިވއުއެއް ކުރާނެކަމަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ