ޔުނިފޯމް އެޅި ޚިދުމަތެއްގައި ހިނގާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް، ކޯޓަށް ހުށަހެޅޭ ގޮތަށް އިސްލާހެއް
ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހުތަކެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި އިސްލާހުގެ ދަށުން، ވަޒީފާދޭ ތަންތަނުގައި އުފައްދާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީތަކުން މައްސަލަ ބަލަންޖެހޭ އުސޫލުތައް ވަނީ ތަފުސީލުކޮށްފައެވެ. އެގޮތުން، ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް 60 ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭނެ ކަމަށާއި، އިތުރު މުއްދަތު ބޭނުންވާނަމަ 30 ދުވަސް އިތުރުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މައްސަލަ ބަލައި ނިންމުމަށްފަހު ފިޔަވަޅެއް އަޅާނަމަ، އެކަން ފަސް ދުވަހުގެ ތެރޭގައި އަންގާނެއެވެ. އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން، މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް މުސާރަ ހިނގާގޮތަށް ސަސްޕެންޑު ކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވެއެވެ. ކޮމިޓީ އެކުލަވާލުމުގައި މިހާރު އޮންނަ ތިން މެންބަރުންގެ ބަދަލުގައި، މަދުވެގެން ތިން މެންބަރުން ހިމެނޭހެން އޮނަހިރި އަދަދަކަށް މެންބަރުން އައްޔަންކުރެވޭނެއެވެ. އަދި ކޮމިޓީގައި ދެ ޖިންސުގެ މެންބަރުން ހިމެނުން މި އިސްލާހުން ލާޒިމްކުރެއެވެ. ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގެ ތެރެއިން: ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރައާއި ގޯނާ ކުރުން ހުއްޓުވަން އިސްލާހުތަކެއް ވަނީ ހުށަހަޅައިފައި -- ފޮޓޯ/ މަޖިލިސް މީގެ އިތުރުން، ކޮމިޓީތައް އެކުލަވާލުމަށްފަހު އެކަން ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގަން ޖެހުނު ނަމަވެސް، އާ އިސްލާހުގެ ދަށުން އެކަން އަންގަން ޖެހޭނީ ހިޔުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށެވެ. މިއީ ވަޒީފާދޭ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ މިންވަރު ބެލުމުގެ ދާއިރާ ފުޅާކުރުމަށް ގެނެވުނު ބަދަލެކެވެ. ޖިންސީ ފުރައްސާރައިގެ ޝަކުވާ ރައްދުވާ ފަރާތަކީ ޔުނިފޯމް އެޅި ޚިދުމަތެއްގެ މީހެއް ނަމަ، އެއީ ރައްޔިތުންގެ އިތުބާރު އޮންނަ ބާރުވެރި މަގާމެއްގައި ހުރި ފަރާތަކަށްވާތީ، އެފަދަ މައްސަލަތައް ނިންމުމުގައި އެންމެ މަތީ މިންގަނޑުތަކުން ކަންކަން ބަލަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ފަރާތްތަކާ ގުޅޭ މައްސަލަތައް ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށް ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. އެ އިސްލާހު ހިމަނައިފައިވަނީ ގާނޫނުގެ 28 ވަނަ މާއްދާ ކަމަށްވާ، ޓްރައިބިއުނަލަށް ހުށަނޭޅޭނެ ބާވަތުގެ މައްސަލައިގެ އިސްލާހެއްގެ ގޮތުގައެވެ. މިހާރު އެ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ގޮތުން ކުރެވުނު އަމަލެއް ނުވަތަ ކަމެއް ޓްރައިބިއުނަލަށް ހުށައެޅޭނެ މުއްދަތު އެކަންޏެވެ. އެއީ އެ ކަމެއް ހިނގާދިޔަތާ އަހަރެއް ވުމުގެ ކުރިން ކަމަށް ގާނޫނުގައިވެއެވެ. މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި، ޝަކުވާ ބެލުމުގެ އިޖުރާއަތްތައް ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދުން ކަމަށް ސަރުކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ