ލޭ ހަދިޔާ ކުރާ މީހުންގެ ރަޖިސްޓްރީ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ވަނީ ފަށާފައި: ނާޒިމް

ލޭ ހަދިޔާކުރާ ފަރާތްތަކުގެ ރަޖިސްޓްރީ މިހާރު ބަލަހައްޓަމުން އަންނަ މެނުއަލް ނިޒާމު ދޫކޮށް، އެ ނިޒާމު ޒަމާނީ އޮންލައިން އިންފޮމޭޝަން ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
"މި ޚިދުމަތް ޒަމާނީ ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކާއި އަދި އަމިއްލަ ފަރުދުންގެ ތެރެއިން ލޭދޭ ފަރާތްތަކާއި އެފަރާތްތަކުގެ ލޭގެ ގްރޫޕް ހިމެނޭ ގޮތަށް ރެޖިސްޓްރީ ވުމާއި... ލޭގެ ގްރޫޕްތައް ލިބެންހުރި ސަރަހައްދުތައް މެޕް ކުރެވިފައިވާ ގައުމީ ޑޭޓާބޭސްއެއް ވުޖޫދުވުމުން ލޭ ހޯދުމުގައި ދިމާވަމުން އަންނަ ދަތިތަކަށް ވަށާޖެހިފައިވާ ހައްލެއް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޒަރީއާއިން ލިބިގެންދިއުމެވެ." މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.
ތެލަސީމިއާ ކުދިންނާއި ގަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ 108 ރަށެއްގައި ޓްރާންސްފިއުޝަން ސެންޓަރުތައް ގާއިމްކޮށް، ޑީއެޗްއައިއެސް2 ސޮފްޓްވެއާ މެދުވެރިކޮށް ތަފާސްހިސާބުތައް ވަގުތުން ބަލާލެވޭނެ ނިޒާމެއް މިހާރުވެސް ވަނީ ގާއިމްކުރެވިފައެވެ.
އަދި ތެލަސީމިއާ ކުދިންގެ ގައުމީ ދަފްތަރުގައި ވަންގަވް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ޚިދުމަތް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަންނަނީ ދެމުންނެވެ.
މި މަސައްކަތްތަކަކީ ރާއްޖޭގެ ލޭގެ ގައުމީ ޚިދުމަތުގެ ނިޒާމު ހަރުދަނާކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ކުރެވެމުންދާ މުހިންމު މަސައްކަތްތަކެއް ކަމަށް ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ