ވޯލްޑް ކަޕް ކުޅޭނީ ސަލާމަތީ ރައްކާތެރިކަން ދީގެން، ފީފާއިން ޖަވާބެއް ނުދޭ: އީރާން

އަންނަ ޖޫން މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އިރާނުން ކުޅޭނީ ދުނިޔޭގެ ފުޓްބޯލަ ޖަމިއްޔާ ފީފާއިން ސަލާމަތާއި ރައްކާތެރިކަމުގެ ކަށަވަރުކަން ދިނުމުން ކަމަށް އީރާނުން ބުނެފި އެވެ.
އެ ގައުމުގެ ކުޅިވަރު މިނިސްޓަރު އަހްމަދު ދޮންޔަމާލީ މިފަދައިން ވިދާޅުވީ އެމެރިކާގައި އިރާން ކުޅެން އޮތް ގްރޫޕް ސްޓޭޖުގެ ތިން މެޗު މްކެސިކޯ އަށް ބަދަލު ކުރަން ފީފާއާއެކު މަޝްވަރާ ކުރިކަން ޔަގީން ކޮށްދެމުންނެވެ.
"އަހަރުމެންގެ ހުށަހެޅުމަކީ އެކަށީގެންވާ އަދި ސައްހަ ހުށަހެޅުމެއް. އަދި ފީފާއިން ޖަވާބެއް ނުދޭ. ފިފާއިން ހުށަހެޅުން ގަބޫލު ކޮށްފިނަމަ އަހަރުމެން ވޯލްޑް ކަޕުގައި ކުޅުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު އެންމެ ފަހުގެ ނިންމުން ނިންމާނީ އަހަރުމެގެ ސަރުކާރުން،" މިނިސްޓަރު ވިދާޅުވި އެވެ.
އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ފަރާތުން ފީފާ އަށް އެ ގައުމުގެ ހުށަހެޅުން ރަސްމީކޮށް ހުށަހެޅި ފުޓްބޯޅަ ފެޑަރޭޝަނުގެ ނައިބް ރައީސް އެވެ. އެއީ އިރާނާއި ތުރުކީ ހުސްވި ހަފުތާގައި ކުޅުނު އެކުވެރިކަމުގެ މެޗަށް ފީފާގެ ރައީސް އިންފަންޓީނޯ ވަޑައިގެންނެވުމުން ދެ ބޭފުޅުން ބައްދަލު ކުރައްވަ އެވެ.
އިރާނުގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ އެ ގައުމާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އެމެރިކާ އަށް އިރާނުގެ ރައްޔިތުން ދަތުރު ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަން އެންމެނަށް ވެސް އެނގޭނެ ކަމަށެވެ.
"އެމެރިކާގައި އީރާނުން ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ވަރަށް ކުޑަ. އެކަމަކު އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީފިނަމަ އަހަރުމެންގެ ސަރުކާރުން އެކަމަށް ގޮތެއް ނިންމާނެ. އެއްވެސް ގައުމެއްގެ ގައުމީ ޓީމު މުބާރާތެއް ކުޅޭނަމަ ފީފާގެ ކަމެއް ރައްކާތެރިކަން ކަށަވަރު ކުރުމަކީ،" އޭޝިޔާއިން ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމުގެ މިނިސްޓަރު ވިދާޅުވި އެވެ.
އިޒްރޭލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން އީރާނުގެ ކުޅިވަރާ ބެހޭ ގިނަ ތަންތަން ހަލާކުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ކުޅިވަރު ކުޅޭ ތަންތަނަކީ އިންޓަނޭޝަނަލް އެތްލީޓުން ވެސް ބޭނުން ކުރާނެ ތަންތަން. އަހަރުމެންގެ ވަރަށް ގިނަ ކުޅިވަރު ވަސީލަތްތަކަށް ވަނީ ހަމަލާދީފައި. ޔުނިވަރސިޓީ ތަކާއި އާއްމު ތަންތަނަށް ވެސް. އަހަރުމެން މީގެ ބަދަލުގައި މާފުރިހަމަ ތަންތަން ބިނާކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އިރާނު މެޗުތައް ބާއްވައިދޭނެ ކަމުގެ ޔަގީންކަން މެކްސިކޯއިން ވަނީ ދީފަ އެވެ. ނަމަވެސް އެމެރިކާ ރުއްސަން މަސައްކަތް ކުރާ ފީފާއިން މިކަމުގައި ބުނިހާ ވެސް ވާހަކައަކީ މުބާރާތުގެ ސެޑިއުލާ އެއްގޮތަށް މެޗުތައް ކުރިއަށްދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ