ކައުންސިލް އިންތިހާބުގައި ޕީއެންއެފް އާއި އެމްޑީޕީ އެކީގައި މަސައްކަތްކުރަން ނަޝީދު އެދިވަޑައިގެންފި

ކުރިއަށް އޮތް އިންތިހާބުގައި ލޯކަލް ކައުންސިލްތަކުގެ ގޮނޑިތައް ކާމިޔާބުކުރުމަށް އިދިކޮޅު އެމްޑީޕީ އާއި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އެކުގައި މަސައްކަތް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ތަފްސީލް - ދުވަސްތަކަކަށް ސިޔާސީ ދާއިރާއާ ދުރުގައި ހުންނެވުމަށް ފަހު އެމްޑީޕީއާ މިފަހުން އަލުން ގުޅިވަޑައިގެންފައިވާ ނަޝީދު މިގޮތަށް އެދިވަޑައިގަތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ޓިކެޓުގައި ގދ. ހޯޑެއްދޫ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް ތާއީދުކުރައްވައި މިއަދު އާންމުކުރެއްވި ވީޑިއޯއެއްގަ އެވެ.
ނަޝީދު ވިދާޅުވިގޮތުން:
ޕީއެންއެފްގެ ހުރިހާ މެމްބަރުން ވެސް، އެ ޕާޓީން ގޮނޑިއަކަށް ވާދަނުކުރާ ތަންތަނުގައި އެމްޑީޕީއަށް ވޯޓު ދިނުމަކީ ވަރަށް ބޮޑު އެދުމެއް 
އެމްޑީޕީ މެމްބަރުންނާއި އެމްޑީޕީއަށް ތާއީދުކުރާ މީހުން ވެސް، އެމްޑީޕީން ވާދަކުރާ ގޮނޑިއެއް ނެތް ތަންތަނުގައި ޕީއެންއެފް ކެންޑިޑޭޓުންނަށް ވޯޓު ދޭނެ
"މި އިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނީ އަޅުގަނޑުމެން އެންމެން ގުޅިގެން އެކުގައި،" ނަޝީދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޕީއެންއެފްއާ އެކުގައި މަސައްކަތްކުރަން ނަޝީދު އެދިވަޑައިގަތްއިރު، މި އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ކަމަށް ޔާމީން ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ.
ޔާމީން ވިދާޅުވީ، ގައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު ނަޝީދު މީގެ ކުރިން ވިދާޅުވި ފަދައިން "އަނެއް ދިވެހިރާއްޖެ" ހޯދަން ޖެހިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ