ބިދޭސީން ލީގަލައިޒްވާން ދިން މުއްދަތު އިތުރުކޮށްފި

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ލީގަލައިޒްވާން ދިން މުއްދަތު މިއަދު އެއްމަސް ދުވަހަށް އިތުރު ކޮށްފިއެވެ.
ބިދޭސީން ލީގަލައިޒްވާން ހޯމް މިނިސްޓްރީން ކުރިން ދިން މުއްދަތު ހަމަވާން އޮތީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް މިއަދު މިނިސްޓްރީން ވަނީ އެމުއްދަތު އަންނަ މެއި މަހުގެ 02 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށް "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން މިނިސްޓްރީއިން ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ މުއްދަތު، ގިނަ ވަޒީފާދޭ ފަރާތްތަކެއްގެ އެދުމުގެ މަތިން 2026 މެއި 02 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތު ކަމާއި، މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދެވޭނެކަމަށް އިއުލާންގައި ބުނެފައި ވެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1485 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އެދިފައި ވެއެވެ.
ހޯމް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނީ ވަރކް ޕަރމިޓްގެ މުއްދަތު ހަމަވެފައިވާ މީހުންނާއި އެއްވެސް ސަބަބަކާހުރެ ބްލެކްލިސްޓްކޮށްފައި ނުވާ ބިދޭސީންނަށެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުމަކީ ވެސް ޝަރުތެކެވެ. އަދި ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވަރކް ޕަރމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށްނުވުމާއި ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުމާއި އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުމަކީ ވެސް ޝަރުތެކެވެ.
މީގެއިތުރުން 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ފިލާފައިވާކަމަށް ނުވަތަ ގެއްލިފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިވުމަކީ ވެސް ޝަރުތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ