ރައްކާތެރިކަން ނުދެވޭނަމަ އެމެރިކާގައި ވޯލްޑްކަޕް ބޭއްވުމުގެ ފުރުސަތު ދީގެންނުވާނެ: އީރާން
އީރާނުގެ ޤައުމީ ފުޓުބޯޅަ ޓީމު މިއަހަރު އޮންނަ ފީފާ ވޯލްޑް ކަޕުން ބާކީ ނުކުރެވޭނެ ކަމަށާއި، މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭނަމަ އެމެރިކާއަށް މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ދީގެން ނުވާނެކަމަށް އީރާނުން ބުނެފިއެވެ. ބުރާސްފަތި ދުވަހު އީރާނުގެ ޤައުމީ ޓީމުން މީސްމީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ވޯލްޑް ކަޕަކީ ތާރީޚީ އަދި ބައިނަލްއަޤުވާމީ މުބާރާތެއް ކަމަށާއި، މި މުބާރާތް ކޮންޓްރޯލް ކުރަނީ ފީފާއިން ކަމަށެވެ. އެއްވެސް ވަކި ފަރުދަކަށް ނުވަތަ ޤައުމަކަށް އީރާނު ބާކީ ނުކުރެވޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ. އީރާނުން މިފަދައިން ބުނެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ 'ޓްރުތް ސޯޝަލް' ޕްލެޓްފޯމުގައި އީރާނުގެ ކުޅުންތެރިން އެމެރިކާއަށް ދިއުމަކީ އެ ކުޅުންތެރިންގެ ފުރާނައާއި ސަލާމަތަށް ނުރައްކާވެދާނެ ކަމެއްކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ޓްރަމްޕް މީސްމީޑިއާގައި މިހެން ވިދާޅުވުމުގެ ދެ ދުވަސް ކުރިން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވައި، މެދުއިރުމަތީގެ ހަނގުރާމައާ އެކުވެސް އީރާނުގެ ކުޅުންތެރިންނަށް އެމެރިކާއިން މަރުހަބާ ކިޔާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވީ، އީރާނުގެ ޓީމަށް މަރުހަބާ ކީ ނަމަވެސް، އެ ކުޅުންތެރިންގެ އަމިއްލަ ސަލާމަތަށްޓަކައި އެމެރިކާގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އީރާނުގެ ޤައުމީ ޓީމުން ބުނެފައިވާ ގޮތުގައި، އެ ޤައުމަކީ މުބާރާތަށް އެންމެ ފުރަތަމަ ކޮލިފައިވި ޓީމުތަކުގެ ތެރޭގައި ހިމެނޭ، ވަރުގަދަ އަދި ކާމިޔާބު ޓީމެކެވެ. މުބާރާތުން ބާކީކުރެވެން އޮތް ހަމައެކަނި ޤައުމަކީ މުބާރާތް ބާއްވާ ޤައުމުގެ ނަން އޮވެ، ކުޅުންތެރިންނަށް ސަލާމަތްތެރިކަން ފޯރުކޮށްނުދެވޭ ޤައުމުކަމަށް އީރާނުން ވަނީ ގޮވާލާފައެވެ. ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމައިގެ ސަބަބުން، މިއަހަރުގެ ހޫނު މޫސުމުގައި އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ގުޅިގެން ބާއްވާ ވޯލްޑް ކަޕްގައި އީރާނުން ބައިވެރިވުމާމެދު ވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް، ޓްރަމްޕް ފަހުން ކުރެއްވި ޕޯސްޓެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ކުޅުންތެރިންނާއި ކުޅިބަލާ މީހުންނަށް މުބާރާތުގައި ފުރިހަމަ ރައްކާތެރިކަން އޮންނާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ