އިހުސާން، ޒާތީ މައުލޫމާތު ހާމަކުރުން ގޯސް، އެކަން ކުރަން މަޖުބޫރުވީ: ރައީސް

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި މަރުވި 18 އަހަރުގެ އަންހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެ ކުއްޖާގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރުމަކީ ގޯހެއް ކަމަށާއި، ނަމަވެސް އެއީ މަޖުބޫރީ ހާލާތުގައި ކުރެއްވި ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެ ކުއްޖާގެ މަރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަނީ އެކި ވާހަކަތައް ފަތުރައި އެކި ތުހުމަތުތައް އިދާރާތަކަށް ރައްދުކޮށްފައެވެ. އެއް ކަމަކަށް ފުލުހުން އެކަށިގެންވާ އެހީތެރިކަން ފޯރުކޮށްނުދޭ ކަމުގެ ޝަކުވާ ކޮށްފައިވެއެވެ. އެއާއެކު މިދިޔަ ބުރާސްފަތި ދުވަހު އިހުސާން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ކުއްޖާ، ފުލުހުންގެ މެންޓަލް ހެލްތު ސަޕޯޓާ ދެއްކި ބައެއް ވާހަކަތައް ލައިވް ޓީވީގައި ހިއްސާކުރައްވައިފައެވެ. އެއާއެކު ވަރަށް ގިނަ އާންމު ރައްޔިތުންނާއި، ނަފްސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ވެސް ކަންބޮޑުވުން ފާޅުކުރިއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގަައި އިހުސާން އެ ދުވަހު ކަން ކުރެއްވި ގޮތާއި، މީގެ ކުރިން އަންހެން ކުއްޖަކު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކަންކުރި ގޮތާމެދު ރައީސް ދެކެވަޑައިގަންނަވާ ގޮތާމެދު ނޫސްވެރިއަކު ސުވާލުކުރުމުން، އެ މަނިކުފާނު ވިދާޅުވީ ހާމަކުރި މިންވަރަށް ވެސް އެ ދެ ހާދިސާގައި މައުލޫމާތު ހާމަކުރީ މަޖުބޫރު ވެގެން ކަމަށެވެ. "އެކަމު އެއީކީ ވެސް ރަނގަޅު ކަމެއް ނޫން. އެ ވެސް ނުދީވާނެ ގޮތްވާންޖެހޭނެ އަޅުގަނޑުމެންގެ ތެރެއިން އެ އަންނަ ޑިމާންޑް އަންނަނީ ގޯސްކޮށް ކަމެއް ކޮށްފައޭ މި އޮންނަނީ ކޮންމެސް މީހަކު. އެކަމާ ހަވާލުވެފައި ހުރި މީހާ ނޫނިއްޔާ އޭނާގެ ދަށުން މަސައްކަތްކުރި މީހާ. ކޮންމެސް މީހަކު ގޯސް ހަދައިފި. ފުރަތަމަ ވެސް ގޯސް ހެދިކަމަށް މި ނިންމަނީ..،" ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ފުރަތަމަ ވެސް ގޯހެއް ހެދިކަމަށް ނިންމުމުން، އެ މަސައްކަތެއް ކުރަން ހުންނަ އާދައިގެ މުވައްޒަފު، އޭނާ ގޯހެއް ނަހަދާކަމަށްވަންޏާ އިތުރު ޕްރެޝަރަކަށް ދާ ކަމަށެވެ. އަދި އޭނާގެ އާއިލާ ވެސް ނުރައްކަލަކަށް ހުށަހެޅޭ ކަމަށެވެ. އެހެންކަމުން މިއީ ވަރަށް އުނދަގޫ ހާލަތެއް ކަމަށް ވެސް ވިދާޅުވިއެވެ. އިތުރު ތަފްސީލް އަންނަނީ....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ