މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ރޭ މަރުވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތުދީފައިވާ ގޮތުގައި، އެ އިދާރާއިން މިހާރު ދަނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.
އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި ދެނެގަތުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅުވައިގެން ސޯޝަލް މީޑިއާ އާއި އެނޫންވެސް އެކި ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާކަން ފާހަގަކުރެވޭ ކަމަށާއ އޭގެ ތެރޭގައި އަސާސެއް ނެތް ތުހުމަތުތަކާއި އެކި ކަހަލަ ވީޑިއޯތައް ދައުރުކުރުން ހިމެނޭ ކަމަށެވެ. ފުލުހުން ވަނީ އެފަދަ ކަންކަން ނުކުރުމަށް އާންމުންނަށް ގޮވާލައިފައެވެ.
ސައްހަކަން ކަށަވަރުނުވާ އެފަދަ މައުލޫމާތު ފެތުރުމަކީ އޭގެ ސަބަބުން ނިޔާވި ކުއްޖާގެ އާއިލާއަށް އިތުރު ހިތްދަތިކަމާއި ތަކުލީފުތަކާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެއީ ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށްވެސް އެޅިދާނެ ބޮޑު ހުރަހެއްކަން ފާހަގަކޮށް، ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ނުފެތުރުމަށް ފުލުހުން ނަސޭހަތްތެރިވެފައެވެ.
މާލޭގެ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު މަރުވި މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ