ޚުޠުބާ: ފައިދާކުރާނީ މާތް ﷲ ގެ މަންހަޖަށް ކިޔަވައިދީ ދަރިން އެމަގުން ތަރުބިއްޔަތުކުރެވިގެން!

މުސްލިމް އަޚުންނޭވެ! މިއީ އަހަރެމެންގެ ލޮބުވެތި ދަރީން، އައު ޢަޒުމަކާއިއެކު ދިރާސީ އައު އަހަރުގެ ދަތުރު ފެށި ހަފުތާއެވެ. މަދަރުސާގެ ދޮރޯށިތަކުން ދަރިވަރުން ވަންނަ މަންޒަރުން، އުންމީދުތައް އައުކޮށްދެއެވެ. ދަރީންނަކީ މާތް الله އަހަރެމެންނާ ޙަވާލުކުރައްވައިފައިވާ އަގުބޮޑު އަމާނާތެކެވެ. މިއީ އެ ދަރީންގެ މުސްތަޤުބަލު ބިނާކުރުމުގެ އައު ބާބެއްގެ ފެށުމެވެ. އިސްލާމްދީނުގައި ތަޢުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުމެއްނޫނެވެ. އެ ތަޢުލީމާއި ތަރުބިޔަތު ވާންޖެހޭނީ އެ ކުދީންގެ ބުއްދިއާއި އަޚުލާޤަށް ފުރިހަމަކަން ގެނެސްދޭ، ޞާލިޙު އިންސާނަކު ބިނާކުރުމަށްޓަކައި، ފޯރުކޮށްދެވޭ، ވަށައިޖެހޭ ތަޢުލީމަކަށެވެ. މުދައްރިސުން، ދަރިވަރުންގެ ބުއްދި ތަރައްޤީކޮށްދޭ ފަދައިން، އެ ކުދީންގެ ހިތްތަކުގައި އީމާންކަމާއި މަތިވެރި އަޚުލާޤުގެ ބިންގާ އަޅައިދޭށެވެ! އެ ކުދީންގެ ޅަނދޮޅު ހިތްތަކަށް ރޫޙާނީ ދިރުން ގެނެސްދޭށެވެ! 
ލޮބުވެތި ދަރިވަރުންނޭވެ! ތިޔައީ ޤައުމާއި އުންމަތުގެ އުންމީދެވެ. މިއަދު ތިޔަ ކުދީން މަދަރުސާއަށް ތިޔަ ދަނީ، މުޅި ޤައުމުގެ މުސްތަޤުބަލު ތިޔަ ކުދީންގެ ކޮނޑުގައި އުފުލައިގެންނެވެ. ތިޔަ ކުދީންނަށް އުގަންނައިދޭ މުދައްރިސުންނަށް އިޙުތިރާމުކުރާށެވެ! މަދަރުސާގެ އުޞޫލުތަކަށް ޙުރުމަތްތެރިކޮށްހިތާށެވެ! ވަގުތާއި މަސައްކަތްތައް ރާވައިލާށެވެ! ބޭނުމެއް ނެތް ކަންކަމުގައި ވަގުތު ހޭދަނުކުރާށެވެ! އުނގެނުމުގެ މަގަކީ، ދިގު މަގެކެވެ. އެއީ ބުރަ މަސައްކަތެކެވެ. އެހެނަސް، އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ، އަޖުރު މަތިވެރި ޖިހާދެކެވެ. ރަސޫލުالله ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވާ ފަދައިން، "ޢިލްމު ހޯދުމުގެ މަގެއްގައި ހިނގައިފި މީހަކަށް، ސުވަރުގެވަންނާނޭ މަގެއް މާތް الله ފަހިކޮށްދެއްވާނެތެވެ."[1] ވީމާ، ކުރިމަތިވާ ގޮންޖެހުންތަކަށް ކެތްތެރިވެ، ޢަޒުމާ އެކު، ކުރިއަށްދާށެވެ! މާތް اللهގެ ރަޙުމަތުން، ކޮންމެ އުނދަގުލަކަށް ފަހު ފަސޭހަކަން ލައްވައިފައިވާކަން ދަންނާށެވެ!  
ޢިއްޒަތްތެރި މުދައްރިސުންނޭވެ! ތިޔަބޭފުޅުންނަކީ ޢިލްމު އުނގަންނައިދިނުމުގެ މަތިވެރި ވަޒީފާ ޚިޔާރުކުރައްވައިގެން ތިއްބެވި މުރައްބީންނެވެ. ޢިލްމާއި މަޢުރިފާގެ ނޫރުން ދަރިވަރުންގެ ހިތްތައް އަލިކޮށް ރޯޝަންކޮށްދޭ ދަންމަރުތަކެކެވެ. ކުރިމަގަށް ޓަކައި އެ ކުދީން ބިނާކުރާ މޭސްތިރީންނެވެ. ކޮންމެ މާއްދާއެއް ކިޔަވައިދިންކަމުގައި ވިޔަސް އިސްލާމްދީނުގެ އަޞްލުތަކާއި ތަރަހައިގެ ތެރެއަށް ފެއްތުމަކީ ތިޔަ ލޮބުވެތި މުދައްރިސުންގެ މަސްއޫލިއްޔަތެކެވެ. އެއީ ނުހަނު ބޮޑު އަމާނާތެކެވެ. އެހެންކަމުން އިސްލާމްދީނުގައި ޢިލްމުވެރީންގެ ދަރަޖަ އެތައް ގުނައަކަށް އުފުލިގެންވެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އީމާންވީ މީހުންނާއި، ޢިލްމު ލިބިގެންވާ މީހުން الله ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. الله އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ހެޔޮ ކަންތައް އުނގަންނައިދޭ މީހާއަށް މާތް اللهގެ ރަޙުމަތް ހުށްޓެވެ. ރަސޫލުالله ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ اللهَ وَمَلَائِكَتَهُ وَأَهْلَ السَّمَاوَاتِ وَالْأَرَضِيْنَ حَتَّى النَّمْلَةَ فِيْ جُحْرِهَا، وَحَتَّى الْحُوْتَ لَيُصَلُّوْنَ عَلَى مُعَلِّمِ النَّاسِ الْخَيْرَ)[2] މާނައީ: "ހަމަކަށަވަރުން މީސްތަކުންނަށް ހެޔޮކަން އުނގަންނައިދޭ މީހާގެ މައްޗަށް މާތްﷲ ރަޙުމަތްލައްވައެވެ. އަދި މަލާއިކަތުންނާއި، އުޑުތަކާއި ބިމުގެ އަހުލުވެރީންނާއި، ހޮރުހޮރުގައިވާ ހިނިތަކާއި، ކަނޑުގެ މަސްމަހާމެހި ވެސް އެ މީހަކަށް ހެޔޮ ދުޢާކުރެއެވެ." ވީމާ، މި މަތިވެރި މަސްއޫލިއްޔަތުގައި ކެތްތެރިވެ، ދަރިވަރުންނަށް ލޯތްބާއި ޢަދުލުވެރިކަމާ އެކު އިރުޝާދުދޭށެވެ! އޭރުން ކީރިތި ޤުރްއާނާއި މާތް ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުގައިވާ ފަދަ ދަރަޖަމަތިވެރި ބަޔަކަށް މުދައްރިސުން ވާނޭކަން ކަށަވަރެވެ. އަދި ދަރިވަރުންނާއި ބެލެނިވެރީންގެ އިޙުތިރާމާއި ލޯބި ޙައްޤުވެގެންވާ ބަޔަކަށް ވެސް ތިޔަބޭފުޅުންވާނޭކަން ކަށަވަރެވެ.    
ލޮބުވެތި ބެލެނިވެރީންނޭވެ! ދަރީން މަދަރުސާއަށް ފޮނުވުމުން ތިޔަ ބެލެނިވެރީންގެ ޒިންމާ އެ ހިސާބުން ނިމުނީކަމުގައި ނުދެކޭށެވެ! އެ ކުދީންނަށް ބޭނުންވާ ތަކެތި ހޯދައިދޭ ފަދައިން، އެ ކުދީންނަށް ހިތްވަރުދީ އިތުބާރު ވެސް ހޯދައިދޭށެވެ! ދަރިވަރުންގެ ޞިއްޙަތާއި، އެ ކުދީންނަށް އަންނަ ޖިސްމާނީ އަދި ނަފުސާނީ ބަދަލުތަކަށް ހޭލުންތެރިކުރުވާ އެންމެ ގާތް އެކުވެރިޔާއަށް ވާށެވެ! ޢާއިލީ ނުތަނަވަސްކަމާއި މުޖުތަމަޢުން ކުރިމަތިވާ ތުރާތަކުން ދަރީން ދުރުކޮށްދީ، އެ ކުދީން ރައްކާތެރިކޮށްދޭ އައްޑަނައަކަށްވާށެވެ! ކާމިޔާބީގައި ބައިވެރިވެ، ތަރުޙީބުދޭށެވެ! ނާކާމިޔާބީގައި އަތުގައި ހިފައި، އައު ޢަޒުމަކާ އެކު ކުރިއަށްދާން ހިތްވަރުދޭށެވެ!  
ކަމާބެހޭ އިދާރާތަކުގެ ވެރީންނޭވެ! ތަޢުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖަޢާކޮށް ހަރުދަނާކުރާށެވެ! މަންހަޖުތަކާއި މުޤައްރަރުތައް އިލާހީ މަންހަޖާ އެއް ގޮތަށް، ދުރު ރާސްތާގެ ސާބިތު އަމާޒުތަކެއްގެ މައްޗަށް ބިނާކުރާށެވެ! ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ، އަންނާން އޮތް ޖީލުތަކަށް ޓަކައި ތިޔަ ބައިމީހުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެކެވެ. އެއީ ބޮޑު އަމާނާތެކެވެ.  
މުސްލިމް އަޚުންނޭވެ! ޢިލްމު އުނގެނުމުގެ މައިގަނޑު ބޭނުމަކީ ހަމައެކަނި މަޢުލޫމާތުތަކެއް ދަސްކޮށް، އިމްތިޙާނުތަކަކުން ފާސްވުމެއްނޫނެވެ. އެހެނެއްކަމަކު، އެއީ އިންސާނާގެ ބުއްދިއާއި ޒަމީރު ހޭލައްވައިލާ ދިރުމެކެވެ. ޢިލްމަކީ ޖާހިލުކަމުގެ އަނދިރީން އިންސާނާ ނެރެދީ، ޙައްޤާއި ބާޠިލު ވަކިކޮށްދޭ ނޫރެކެވެ. ޢިލްމުގެ އަސްލު މަޤުޞަދަކީ އިންސާނާގެ ކިބައިގައި މަތިވެރި އަޚުލާޤާއި، މާތް الله އަށް ބިރުވެތިވުމުގެ ސިފަ އަށަގަންނެވުމާ އެކު، ބިން ހެޔޮ ގޮތުގައި ޢިމާރާތްކޮށް، މުޖުތަމަޢަށް ފައިދާކޮށްދޭނޭ، ޞާލިޙު ބަޔަކު ބިނާކުރުމެވެ. އެހެންކަމުން އަހަރެމެންގެ ދަރީންނަށް ޢިލްމު އުނގަންނައިދީ އެ ކުދީންނަށް ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބީ ޙާޞިލުވާނޭ މަގަށް ތަރުބިޔަތުކޮށްދޭ މުދައްރިސުންނަކީ މާތް ﷲ ގެ ޙަޟުރަތުގައި މަތިވެރި ބަޔެކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ.  ---- މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަ މީހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެހެއްޔެވެ؟" 
މުސްލިމް އަޚުންނޭވެ! އިސްލާމީ ތާރީޚުގެ ރަންޒަމާނުގައި ދުނިޔެ ދުށް ފަދަ، ދީނީ ޢިލްމާއި ދުންޔަވީ ޢިލްމުގެ މާހިރުންނަށް މިއަދު މި އުންމަތް ބޭނުންވެއެވެ. ތަޢުލީމީ ނިޒާމުގެ ތެރެއިން އަހަރެމެން ބިނާކުރާން މި އުންމީދުކުރާ ޖީލަކީ، އިޚުލާޞްތެރި، އަމާނާތްތެރި، ޢަދުލުވެރި، ޢިލްމުވެރި، ޚުލްޤު ހެޔޮ، ޤައުމީ މަޞްލަޙަތު އިސްކުރާ، ޙައްޤަށް ތަބާވާނޭ ޢަދުލުވެރި ޖީލެކެވެ. މި އަސާސްތަކުގެ މައްޗަށް ބިނާވާ ޖީލަކީ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް ގެންދާނެ ޖީލެކެވެ. އެ ޖީލަކާ މެދު މުޖުތަމަޢު އުފާކުރާނެ ޖީލެކެވެ. ވީމާ، އެ ކަމަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ