އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށާއި ވިޔަފާރީގެ ހުރަސްތައް ނައްތާލުމަށް އެއްބަސްވުމާ ގުޅިގެން، އެމެރިކާއިން އިންޑިއާގެ މުދަލުން ނަގަމުންދާ ޓެކްސް ނުވަތަ ޓެރިފް %50 އިން %18އަށް ކުޑަކުރުމަށް ނިންމައިފިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އިއުލާން ކުރައްވައިފި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަށް އާދެވުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ދެން ތެޔޮ ގަންނާނީ އެމެރިކާއިންނާއި ވެނެޒުއޭލާއިން ކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވި އެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، ރަޝިޔާގެ ތެޔޮ ގަންނާތީ އިންޑިއާއަށް އަދަބެއްގެ ގޮތުން އިތުރުކުރި %25ގެ ޑިއުޓީ އެމެރިކާއިން މިހާރު އުވާލާނެ އެވެ.
"އެމެރިކާގެ މުދަލަށް އިންޑިއާއިން ނަގާ ޓެކްސްތަކާއި ވިޔަފާރީގެ އެހެނިހެން ހުރަސްތައް އެއްކޮށް ނައްތާލައި ސުމަކަށް ތިރިކުރުމަށް އިންޑިއާއިން މަސައްކަތް ކުރާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން، އެމެރިކާގެ ހަކަތަ، ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް 500 ބިލިއަން ޑޮލަރަށް ވުރެ ގިނައިން އިންޑިއާއިން ހަރަދުކޮށް، ޓްރަމްޕް ގެންގުޅުއްވާ އެމެރިކާގެ އުފެއްދުންތައް ގަތުމުގެ ސިޔާސަތަށް ބޮޑުވަޒީރު މޯދީ ތާއީދުކުރައްވާފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މި އިއުލާނާ އެކު މާލީ ބާޒާރުތަކަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފަ އެވެ. އެމެރިކާގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ އިންޑިއާގެ ކުންފުނިތަކުގެ ހިއްސާގެ އަގު އުފުލިފައިވާއިރު، އިންޑިއާ އީޓީއެފްގެ އަގު ވަނީ %3 މައްޗަށް ގޮސްފަ އެވެ.
މި އެއްބަސްވުމުގެ ތަފްސީލުތައް އަދި މުޅިން ސާފެއް ނުވެ އެވެ. ޓެކްސް ކުޑަކުރާނެ ސީދާ ތާރީހަކާއި ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލާނެ ތާވަލެއް ނުވަތަ އިންޑިއާއިން ގަންނާނީ އެމެރިކާގެ ކޮން ބާވަތެއްގެ މުދަލެއްކަން ޓްރަމްޕް ސާފުކޮށްދެއްވާފައެއް ނުވެ އެވެ.
މި އެއްބަސްވުމަށް މަރުހަބާ ވިދާޅުވަމުން ބޮޑުވަޒީރު މޯދީ އެކްސްގައި ވިދާޅުވީ، އިންޑިއާގެ އުފެއްދުންތަކުން ނަގާ ޓެކްސް %18އަށް ކުޑަވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި އިންޑިއާގެ 1.4 ބިލިއަން ރައްޔިތުންގެ ނަމުގައި ރައީސް ޓްރަމްޕަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިންޑިއާގެ ޓްރޭޑް މިނިސްޓަރު ޕިޔޫޝް ގޯޔަލް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އިންޑިއާއަށް ކުރިން ނުލިބޭ ފަދަ ފުރުސަތުތަކެއް ހުޅުވި، އެމެރިކާގެ ޓެކްނޮލޮޖީ ހޯދުމަށް ފަސޭހަވެގެންދާނެ އެވެ.
މި އެއްބަސްވުން އިއުލާންކޮށްފައި މިވަނީ، އިންޑިއާއިން ޔޫރަޕްގެ އިއްތިހާދާ އެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އަދި އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެކްސް ސިޔާސަތުތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން، މިފަދަ އެއްބަސްވުންތައް ނިންމުމަށް ޓްރަމްޕްގެ ސަރުކާރުން ދަނީ އަވަސް މަސައްކަތްތަކެއް ކުރަމުންނެވެ.
އެމެރިކާއިން އިންޑިއާގެ މުދަލުގެ ޓެރިފް %18އަށް ކުޑަކޮށްފި؛ ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލަން އިންޑިއާއިން އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ