މިދިޔަ މަހު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ގެއްލުނުއިރު، ހޯދުނީ 630،319 ރުފިޔާ
ސްކޭމްތަކުގައި މިދިޔަ މަހު މިލިއަނަކަށް ވުރެ ރުފިޔާ ގެއްލިފައިވާއިރު، އަނބުރާ ހޯދުނީ ޖުމުލަ 630،319.15 ރުފިޔާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން އާންމުކުރި ސްކޭމްގެ ހިސާބުތަކުން އެނގޭ ގޮތުގައި، 189 މައްސަލައެއްގައި ފައިސާ ގެއްލިގެން ވަނީ ހުށަހަޅާފައެވެ. އެ މައްސަލަތަކުގައި 1.7 މިލިއަން ރުފިޔާ ގެއްލިފައިވާއިރު، އަނބުރާ ހޯދުނީ 630،319.15އެވެ. ފުލުހުން ބުނި ގޮތުގައި، އެ މައްސަލަތަކުގެ ތެރެއިން އެއްކޮށް ފައިސާ ހޯދުނީ، 52 މީހުންނެވެ. އެގާރަ މީހުންގެ ހޯދައިދެވުނީ، ގެއްލުނު ފައިސާއިން ބައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން އެކި އުކުޅުތައް ބޭނުންކުރެއެވެ. އެގޮތުން، މިދިޔަ މަހު އެންމެ ގިނަ މީހުން ފުލުހުންނަށް ރިޕޯޓުކުރީ، އީކޮމާސް ސްކޭމްގެ މައްސަލަތަކެވެ. އެ ބާވަތުގެ 109 މައްސަލަ ހުށަހަޅާފައިވާއިރު، ޑޮލަރު މާރު ކުރުމުގެ ސްކޭމްގައި 36މީހަކު މިދިޔަ މަހު ޖެހުނެވެ. 500 ރުފިޔާގެ ނޫޓެއް: މިދިޔަ މަހު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ގެއްލުނުއިރު، ހޯދުނީ 630،319 ރުފިޔާ --- ސަން ފޮޓޯ: އިބްރާހިމް އިފާޒް އޭގެއިތުރަށް، މީހެއްގެ ފަރާތުން ކަމަށް ހެދިގެން އޮޅުވާލައިގެން 17 މީހެއްގެ އަތުން މަކަރާއި ހީލަތުން މިދިޔަ މަހު ސްކޭމަރުން ވަނީ ފައިސާ ހޯދާފައެވެ. އެ މައްސަލަތަކުގައި ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި، ފޯނު ކޯލާއި އައިބޭއާއި އޮންލައިން މެސެޖިން ޕްލެޓުފޯމުތަކާއި ފިޝިން ލިންކުތަކާއި ފޭސްބުކް މާކެޓު ޕްލޭސް ހިމެނޭ ކަމަށް ހިސާބުތަކުން ދައްކައެވެ. އެހެންވެ، ފުލުހުން ވަނީ، އެ ފަދަ ސްކޭމަރުންނަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފައެވެ. https://sun.mv/217172 ފާހަގަކުރެވޭ ގޮތުގައި، މީހުންގެ ހަމްދަރުދީ ހޯދައިގެން ސްކޭމްގައި ޖައްސާ މީހުން ވެސް މިހާރު މަދެއް ނޫނެވެ. އެ ބާވަތުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. މިގޮތުން، ބަލި މީހުންނަށް އެހީވުމުގެ ނަމުގައި ސްކޭމް ކުރުން އިތުރުވާތީ، އެ ކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ