ނިއުކްލިއާ އެއްބަސްވުމަކަށް އާދެވެންދެން އީރާނުގެ ބަނދަރުތައް ބަންދުކުރުން ދަމަހައްޓާނަން: ޓްރަމްޕް

އީރާނުން ނިއުކްލިއާ އެއްބަސްވުމަކަށް އެއްބަސްވަންދެން، އެ ގައުމާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ކަނޑުގެ ބްލޮކޭޑް ނުވަތަ ބަނދަރުތައް ބަންދުކުރުން ދަމަހައްޓާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ.
މިއީ ހުއްޓިފައިވާ މަޝްވަރާތަކަށް އަވަސް ހައްލެއް ލިބުމުގެ ނިޝާނެއް ނެތްކަން ހާމަކޮށްދޭ ނިންމުމެކެވެ.
އެކްސިއޯސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ބަދަލުގައި ބްލޮކޭޑް އުވާލުމަށް އީރާނުން ހުށަހެޅި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވީ ނަމަވެސް، އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ބޭނުން ނުވާ ކަމަށެވެ.
"ބްލޮކޭޑަކީ ބޮން އެޅުމަށް ވުރެ ވެސް ނަތީޖާ ރަނގަޅު، މާ ނުފޫޒުގަދަ ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ.
އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ދުވަހަކު ވެސް ނުދެއްވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
މަޝްވަރާތައް އަލުން ފެށުމުގެ ޝަރުތެއްގެ ގޮތުގައި އީރާނުން ކަނޑައަޅާފައިވަނީ މި ބްލޮކޭޑް އުވާލުމަށެވެ. އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވޮޝިންޓަނަށް ތުހުމަތު ކުރެއްވި ގޮތުގައި، އެމެރިކާއިން މަސައްކަތް ކުރަނީ އިގްތިސާދީ ގޮތުން ދަތިކޮށް، ގައުމުގެ އެތެރޭގައި ބައިބައިވުން އުފައްދައި، އީރާނު ބަލިކަށި ކުރުމަށެވެ. ނަމަވެސް އީރާނުން އެމެރިކާގެ މި ރޭވުންތައް ނާކާމިޔާބު ކޮށްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ. ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އިއްޔެ 119 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، އެމެރިކާގައި ޕެޓްރޯލް ގެލަނެއްގެ އަގު ވަނީ 4.22 ޑޮލަރަށް ވުރެ މައްޗަށް އުފުލިފަ އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، ފާއިތުވި ހަފުތާތަކުގައި އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުން 39 އުޅަނދެއްގެ މިސްރާބު ވަނީ ބަދަލުކޮށްފަ އެވެ. އަދި އީރާނާ ގުޅުންހުރި ވިޔަފާރި ކުރާ މަދުވެގެން ދެ އުޅަނދެއް އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފައިވެ އެވެ. މީގެ ރައްދުގައި އީރާނުން ވެސް ވަނީ ކަނޑުގެ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ބައެއް އުޅަނދުތައް ހިފަހައްޓާފަ އެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު ދެ ގައުމުގެ މެދުގައި އޮތް ހިޔާލުތަފާތުވުންތައް އަދިވެސް އޮތީ ވަރަށް ބޮޑަށެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރި ނަމަވެސް، ޔުރޭނިއަމް މުއްސަނދި ކުރުމަކީ އެ ގައުމަށް ލިބިގެންވާ ހައްގެއް ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ޓްރަމްޕް ބާރުއަޅުއްވަނީ އެ ޕްރޮގްރާމް މުޅިން ހުއްޓާލުމަށެވެ.
ޕާކިސްތާނުގައި ބޭއްވި ނަތީޖާއެއް ނުނިކުންނަ މަޝްވަރާތަކަށް ފަހު، ރަޝިޔާގެ ރައީސް ލަޑީމިއަ ޕޫޓިން އާއި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ބޭއްވެވި ބައްދަލުވުމަށް ފަހު، މި މައްސަލަ ހައްލުކުރުމަށްޓަކައި ބައެއް ހިޔާލުތައް ހުށަހަޅާފައިވާ ކަމަށް ރަޝިޔާއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ