މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވާހިނދު ސަލާމް ގޮވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި މީހަކު ސަލާމް ގޮވައިފިނަމަ ރައްދު ދިނުމަށް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ.
މިއީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ނެތެމުންދާ އަޅުކަމެކެވެ. ކުޑަކުޑަ ޢަމަލަކުން، ބުނެލެވޭ ކުޑަކުޑަ ބަހަކުން ނުހަނު ފަސޭހައިން ޘަވާބު ލިބެން އޮތް ޢަމަލެއް ނުކޮށް ދޫކޮށްލެވޭކަން އެއީ ހިތާމަކުރަންޖެހިފައިވާ ކަމެކެވެ.
ސަލާމް ގޮވުމުގައި 3 ދަރަޖައެއް ވެއެވެ. ތިރީގައިވާ ލިޔުމުން ދަރަޖަތައް އެނގިވަދައިގަންނަވާނެއެވެ. އިން ޝާ ﷲ
ސަލާމްކުރުން 10، 20، 30
ސަލާމްގޮވުމާއި ސަލާމްކުރުމަކީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ލޯބި ފާޅުކުރުމަށް ޓަކައި ކޮށްއުޅޭ ކަމެކެވެ. އެއްބަޔަކު އަނެއްބަޔަކާ އޮންނަ ގުޅުން އަމާންކަން ބަޔާންކުރާ ރަމްޒެކެވެ. ސަލާމަށް އިސްނެގި މީހާގެ މާތްކަން ބޮޑެވެ. އަދި ސަލާމަށް ޖަވާބުދިނުމަކީ ވެސް ދީނީ ހަމަތަކުން ބަލާއިރު މަތިވެރި ކަމެކެވެ. އަދި ކިޔެއް، އެއީ މާތް ﷲއަށް ބޯލަނބައި ކިޔަމަންގަތުމުގެ ތެރޭ ހިމެނޭ ކަމެއް ވެސް މެއެވެ. އެ ކަލާނގެ ވާޙީކުރެއްވިއެވެ.
﴿وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا﴾ (النساء: ٨٦) މާނައީ: [ތިޔަބައިމީހުންނަށް އެއްވެސް ކަހަލަ ސަލާމަކުން ސަލާމްކޮށްފި ނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިޔަބައިމީހުން ސަލާމްކުރާށެވެ! ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ ހިސާބު ބައްލަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.]
ސަލާމްގެ ރައްދުދިނުމަށް ކީރިތި ޤުރުއާނުގައި އަންގަވައިފައި އޮތްއޮތުމާ ވިދިގެން ކޮންމެ ކަމެއްގެ ހިސާބު ބައްލަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވާކަން ބަޔާންކުރައްވައިފައި އޮތުމުގެ ޙިކުމަތްފުޅެއް އޮންނާނޭ ކަން ކަށަވަރެވެ. ސަލާމަށް ރައްދު ދިނުމުގައި، ސަލާމްކުރެވުނު މިންވަރަށް ނުވަތަ އެއަށްވުރެ ރިވެތި ސަލާމަކުން ސަލާމްކުރުމަށް އެ އާޔަތުގައި އަންގަވައިފައި ވެއެވެ. އެހެން ކަމުން ސަލާމްކުރުމުގައި މިންތަކެއް ވާ ކަން އެބަ އެނގެއެވެ. އެ މިންތަކުގެ ސަބަބުން ސަލާމުގެ ސަވާބު އިތުރުވެގެން އަންނަ ކަން ޙަދީޘްތަކުން ވެސް އެނގެއެވެ.
[وَعَنْ عِمْرَانَ بْنِ حُصَيْنٍ رَضِيَ اللهُ عَنْهُ قَالَ: ﷲ ރުއްސުންލެއްވި ޢިމްރާން ބުނު ޙުޞައިނުގެ އަރިހުން ރިވާވެގެން ވިއެވެ. جَاءَ رَجُلٌ إِلَى النَّبيِّ صلى الله عليه وسلم فَقَالَ: [السَّلاَمُ عَلَيْكُمْ] ރަސޫލު ﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހަށް މީހަކު އައިސް [السَّلاَمُ عَلَيْكُمْ] އޭ ދަންނަވައި ސަލާމްގޮވައިލިއެވެ. فَرَدَّ عَلَيْهِ السَّلاَمَ ފަހެ، އިތުރު އެކަލޭގެފާނު އޭނާގެ ސަލާމަށް ރައްދު ދެއްވިއެވެ. ثُمَّ جَلَسَ ދެން އޭނާ އިށީނެވެ. فَقَالَ النَّبيُّ صلى الله عليه وسلم: «عَشْرٌ». ދެން ފަހެ، ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ދިހައެކޭ (10) ޙަދީޘްކުރެއްވިއެވެ. ثُمَّ جَاءَ آخَرُ فَقَالَ: [السَّلاَمُ عَلَيْكُمْ وَرَحْمَةُ الله] ދެން އަނެއްކާ އެހެން މީހަކު އައިސް [السَّلاَمُ عَلَيْكُمْ وَرَحْمَةُ الله] އޭ ދަންނަވައި ސަލާމްގޮވައިލިއެވެ. فَرَدَّ عَلَيْهِ އިތުރު އެކަލޭގެފާނު (އޭނާގެ ސަލާމަށް) ރައްދު ދެއްވިއެވެ. فَجَلَسَ ދެން އޭނާ އިށީނެވެ. فَقَالَ: «عِشْرُونَ». ފަހެ، ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވިއްސޭ (20) ޙަދީޘްކުރެއްވިއެވެ. ثمَّ جَاءَ آخَرُ فَقَالَ: [السَّلاَمُ عَلَيْكُمْ وَرَحْمَةُ الله وَبَرَكَاتُهُ] ދެން އެއަށް ފަހު، (އަނެއްކާ ވެސް) އެހެން މީހަކު އައިސް [السَّلاَمُ عَلَيْكُمْ وَرَحْمَةُ الله وَبَرَكَاتُهُ] އޭ ދަންނަވައި ސަލާމްގޮވައިލިއެވެ. فَرَدَّ عَلَيْهِ އިތުރު އެކަލޭގެފާނު އޭނާގެ ސަލާމަށް ރައްދު ދެއްވިއެވެ. فَجَلَسَ ދެން އޭނާ އިށީނެވެ. فَقَالَ: «ثلاَثونَ». ފަހެ، ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ތިރީހޭ (30) ޙަދީޘްކުރެއްވިއެވެ.] (أخرجه أبو داود) ސަލާމް ގޮވުމާއި ބަލައިގަތުމުގައި އެންމެ މަތީ މިން ޚިޔާރުކުރަމާ ހިނގާށެވެ!
"ދީނުގެ މަގު" މަޖައްލާއިން
ތިމާއަށް އެންމެ ފައިދާހުރި ގޮތަށް ސަލާމްގޮވުން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ