އިސްލާމް ދީނަށް އެންމެ ފުރިހަމަ ގޮތުގައި ޢަމަލުކުރާތަން ދެކެން ދުޝްމިނުންނަކަށް ކުޅަދާނައެއް ނުވާނެއެވެ. މިބުނަނީ ޤުރްއާނުގައިވާ މަގުން ކަންކަން ކުރާތަން ދެކެން ކުޅަދާނަ ނުވާނެ ވާހަކައެވެ. އެއީ ދުޝްމިނުންނަށް ޙަޖަމްކުރެވޭނެ ކަމެއް ނޫނެވެ.
ހަމަކަށަވަރުން މުއްމިނުންނީ ނަމާދު ޤާއިމުކޮށް ޒަކާތްދީ އަދި ﷲ ތަޢާލާ ފަރުޟް ކުރައްވަވާފައިވާ އެނޫންވެސް ކަންކަން ކުރުމުގައި ޘާބިތުވެ ތިބޭ ބައެކެވެ. އަދި މުއްމިނުންނަކީ ހެޔޮކަންތައްތަކަށް އަމުރުކުރާ އަދި ނުބައި ކަންތައްތައް ނަހީކުރާ ބައެކެވެ. މިއީ ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް އެނގެން އޮތް ކަންކަމެވެ. މުއްމިނަކަށްވެވޭނީ މިކަންތައްތައް ކުރުމުންނެވެ.
އެހެނަސް ހިތާމައަކީ މިއަދު އަހުރެމެންނަކީ މުއްމިނުން ކަމުގައި ބުނަމުން ޤުރްއާނަށް ދެކޮޅުހެދޭކަމެވެ. ޢަމަލުނުކުރެވޭ ކަމެވެ. ޤުރްއާނުގައިވާ ގޮތް ނޫން އެހެން ގޮތްގޮތަށް ޢަމަލުކުރާ މީހުންކަމުގައިވެގެންދާކަމެވެ. މިއީ ހަމަ ކޮންމެ މުސްލިމަކުވެސް ވިސްނަންޖެހިފައިވާ ކަމެކެވެ.
އަލް ޙައްޖު ސޫރަތުގެ 49 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ތިޔަބައިމީހުންނަށްޓަކައި ހުންނެވި އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައެވެ."
ނިކަން ވިސްނައިބަލާށެވެ! ﷲ ތަޢާލާއަށް އީމާންވުމަށާއި އިސްލާމް ދީނަށް ތަބަޢަވުމަށް ނުވަތަ ޢަމަލުކުރަން ގޮވާލެއްވެވުމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ދެކޮޅަށް ދުޝްމިނުން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ޙައްޤަށް ޢަމަލުފުޅުކުރެއްވެވީތީ 4 ޚަލީފާއިންގެ ތެރެއިން 3 ޚަލީފާއިން ޝަހީދުކުރި ނޫންހެއްޔެވެ؟
މީސްތަކުންނޭވެ! ޝަހީދުކުރިނަމަވެސް ވެރިކަން ވައްޓައިލި ނަމަވެސް މުސްލިމް އުންމަތުގެ ވެރިންނަށް އޮތީ މުޝްރިކުންނަށް ބޯނުލެނބުމެވެ. އަޅުވެތިނުވުމެވެ. "ޚުލަފާއުއްރާޝިދޫން" މަތިވެރި ލަޤަބް ލިބިވަޑައިގެންނެވި މާތް ބޭކަލުން ޢަމަލުފުޅު ކުރެއްވެވީ އެގޮތަށެވެ.
މުޖްތަމަޢު އިޞްލާޙްކޮށް ﷲ ތަޢާލާގެ ދީން އެއިގެ އަޞްލާއި އެއްގޮތަށް ތަންފީޒުކުރަން ނުވަތަ ފަތުރަން މަސައްކަތްކުރާނަމަ ޢަދާވާތްތެރިން އެމީހަކާއި ދެކޮޅަށް ތެދުވާނެއެވެ. އެއީ ވެރިއަކު ނަމަ އެމީހެއްގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާނެއެވެ. އަދި ޝަހީދުކޮށް އެމީހެއްގެ ވަސްވެސް ފުހެލަން މަސައްކަތްކުރާނެއެވެ.
މިއަދު އުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެރިކަމުގެ ދަހިވެތިކަމުގައި އުންމަތުގެ ވެރިން ދުޝްމިނުންނަށް ބޯލެނބުމެވެ. ﷲ ތަޢަލާގެ ދީނަށް ނަޞްރުދިނުމުގެ ބަދަލުގައި ވެރިަކަމަށް އޮންނަ ދަހިވެތިކަން ބޮޑުވުމެވެ. ހަމަޤައިމުވެސް އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. އުންމަތަށް ލިބޭ ގެއްލުންތައް ބޮޑުވެ އުންމަތްދާނީ ބަލިކަށިވަމުންނެވެ.
ވީމާ ވެރިން ނަމޫނާއަކަށް ބަލަންވީ ޚަލީފާއިންނެވެ. ދުޝްމިނުން ކޮށްފާނެ ކަމަކަށް ބެލުމެއް ނެތެވެ. އޮތީ ﷲ ތަޢާލާގެ ދީނަށް ނަޞްރު ދިނުމުގައި ޘާބިތުވުމެވެ. އެއިރުން އެމީހަކާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާނެތެވެ. އެއީ ދުނިޔޭގައި ތިބި 7 ބިލިއަން މީހުންގެ ރުހުން ލިބުމަށްވުރެވެސް މާފައިދާ ކުރާނެ ކަމެކެވެ.
މަޢުލޫމާތު: ޝައިޚް ޢަބްދުއްނާޞިރު ޖަންގްދާގެ ދަރުސަކުން
ވެރިން ހެއްލެންވީ ޢަދާވާތްތެރިންގެ ބަހަކަށް ނޫން! މަސައްކަތްކުރަންވީ ޤުރްއާނަށް ޢަމަލުކުރަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ