ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ދީނީ ދެ އިލްމުވެރިން ކަމަށްވާ އާދަމް ނިޝާން އާއި ފަޒްލޫން މުހައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެ އެއްވުމުގައި އެކި ގޮތް ގޮތުން ބައިވެރިވި ކަމަށް ބުނެ 20އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އިރު، އެ ކަމުގައި އިސް ދައުރެއް އަދާ ކުރި ކަމަށް ބުނެ ފަޒްލޫން އާއި ނިޝާން ހައްޔަރުކުރި އެވެ. އެގޮތުން:
ދުވަސްތަކެއް ވަންދެން ބަންދުގައި ވެސް ބޭތިއްބި
ޝަރުތުކުރުމަށް ފަހު ފަޒްލޫން ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 21ގައި
ނިޝާން ބަންދުން ދޫކޮށްލީ މި މަހުގެ 7ގައި
ވީ ކިހިނެއް؟ - އެ ދެ މީހުން ބަންދުން ދޫކޮށްލުމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ވަނީ އެ ދެ ކޯޓު އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާ ވަނީ އެ ދެ މައްސަލަ ވެސް ބަލައިގަނެވެން ނެތް ކަމަށް ނިންމަވައިފަ އެވެ.
ތަފްސީލް - ފަޒްލޫންގެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ މި މަހުގެ 2ގަ އެވެ. ރަޖިސްޓްރާގެ ނިންމުމުގައި ބުނީ:
ފަޒްލޫނު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީ ނިންމެވީ، ގާޒީއަށް ލިބިގެންވާ އިހްތިޔާރެއްގެ ދަށުން
އެ ނިންމުމަށް ވާސިލްވުމުގައި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ގާޒީ ވަނީ ރިއާޔަތް ކުރައްވާފައި
ނިޝާންގެ ބަންދު އަމުރާ ގުޅިގެން ހައި ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ބުނީ:
އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ފަނޑިޔާރަށް ލާޒިމްވާ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައެއް ނުވޭ
އެހެންވެ، އެ މައްސަލަ ވެސް ބަލައިގަނެވޭކަށް ނެތް
މައްސަލައިގެ ފެށުން - ޖޫން 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ހަރަކާތެއް ބާއްވަނިކޮށް، ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ވަނީ ފުލުހުންގެ ސަފުތައް ފޫއަޅޫވާލައި ގަލޮޅު ދަނޑަށް ވަދެގަނެ ބައެއް މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދީފަ އެވެ.
އެނގުން މުހިންމު - އެ ހަމަނުޖެހުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ފަޒްލޫން އާއި ނިޝާންގެ ދީނީ ތަގުރީރު ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ.
ފަޒްލޫނާއި ނިޝާން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ