އިލެކްޝަނަށް ދޮޅުމަހަށް ވީމާ ގޯތިދޭނެ މީހުންގެ ނަން އިއުލާނުކުރުމަކީ ރިޝްވަތު ހުށަހެޅުން: ދުންޔާ މައުމޫން

އިލެކްޝަނަށް ދޮޅުމަހަށް ވީމާ ގޯތިދޭނެ މީހުންގެ ނަން އިއުލާނުކުރުމަކީ ރިޝްވަތު ހުށަހެޅުން ކަހަލަ ކަމެއް ކަމަށް، ކުރީގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓް ސަރުކާރުން މިމަހުގެ 26 ވަނަ ދުވަހު އާންމުކުރުމާ ގުޅިގެން، އެކަމަށް ފާޑުވިދާޅުވެ ދުންޔާ ކުރެއްވި ޓްވީޓެއްގައި ވަނީ، ސަރުކާރުން ގޯތި ދޭން ބޭނުންވިނަމަ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުވެސް އެ ލިސްޓް އާންމުކުރެވުނީސް ކަމަށް ވިދާޅުވެފައެވެ.
އަދި ސަރުކާރުން ދޭނެ ކަމަށް އިއުލާންކޮށްފައިވާ ގޯތިތަކެއް އެދުވަސްވަރުވެސް، މިއަދުވެސް ވުޖޫދުގައި ނެތް ކަމަށް ދުންޔާ ތުހުމަތުކުރައްވައެވެ.
ސަރުކާރުން ދޭނެ ކަމަށް އިއުލާންކޮށްފައިވާ ގޯތިތަކަކީ ވުޖޫދުގައި ނެތް އެއްޗެއް ކަމަށް ދުންޔާ ވިދާޅުވެފައިވާއިރު، އެ ގޯތިތަކަކީ ވުޖޫދުގައި ނެތް ގޯތިތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވެސް ވަނީ ވިދާޅުވެފައެވެ.
މެންބަރު ވަހީދު ވިދާޅުވީ، ބޯހިޔާވަހިކަމަށް އެދެން ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ދިގު ލިސްޓުވެސް މިސަރުކާރަށް ފެންނަނީ ގޯތި ދީ ނިންމާފައިވާ މީހުންގެ ގޮތުގައި ކަމަށާއި، ވުޖޫދުގައި ނުވެސް ނެތް ކަންކަމާ ގުޅުވައިގެން ކަލަގޮވުން ނޫންކަމެއް މިސަރުކާރުން ނުކުރާކަމަށެވެ.
މީގެއިތުރުން، ގޯތި ދިނުމަށް ސަރުކާރުން އެކުލަވާލި ލިސްޓްގައި ސަރުކާރުގެ ބޮޑުން ހިމެނިފައިވުމުގެ އިތުރުން ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ތެރޭގައި ހިއްކުމުގެ އީޕީއޭވެސް ހަދާފައިނުވާ ސަރަހައްދުތައް ހިމެނޭކަމަށް ބުނެ އިދިކޮޅު ޕީޕީއެމްއިންވެސް ވަނީ ތުހުމަތުކޮށްފައެވެ.
ގޯތި ބެހުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތްއިރު، މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގި ސިޔާސީ އަމަލެއް ކަމަށް ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19،857 މީހުން ހުށައެޅި، 12،794 ފޯމު ވަނީ ޝަރުޠު ހަމަވެފައެވެ. އަދި ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތުވެސް މިހާރު ވަނީ ދީފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10،314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމްކަމުގައި ވާއިރު، އިއްޔެ އާންމުކުރި ލިސްޓާއި ބެހޭގޮތުން އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާންމުންގެ ޝަކުވާއަކީ، މާލޭގެ ނިކަމެތިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުއްގެ ދަށުން ސަރުކާރުގެ އިސްވެރިންނަށް ވެސް ބޯހިޔާވަހިކަން ލިބިފައިވުމެވެ. އިއްޔެ ނެރުނު ވަގުތީ ލިސްޓުގައި، ވާގޮތުން ސަރުކާރުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި، އޭނާގެ ފިރިކަލުން އަހުމަދު ނާޝިޒްއަށް ވެސް ގޯތި ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ