ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އިސްލާޙެއް ގެނެސް އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފިއެވެ.
މިގޮތުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ "ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011"ގެ 129 ވަނަ މާއްދާ އިސްލާޙްކޮށްފައިވާ ކަމަށް ބުނެފައެވެ.
މި މާއްދާގައި ކުރިން އޮންނަނީ ޝަރުޢީ ދާއިރާގެ ކޮންމެ ޚިދުމަތަކީ ވެސް ޒިންމާދާރުކަމާއެކު، ޖަވާބުދާރީވާންޖެހޭ ޚިދުމަތަކަށްވެފައި، ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަލާތްކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެންޖެހޭނެތީ، މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ގޮތަށް ކަމަށެވެ.
ނަމަވެސް ޑީޖޭއޭ އިން ގެނައި އިސްލާޙްގައި މި މާއްދާގެ ދަށަށް ވަނީ އަކުރެއް އިތުރުކޮށް، މި މާއްދާގައި މިހެން އޮތްނަމަވެސް ޝަރުޢީދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް މޫނު ބުރުގާ (ލޯ ނުފޮރުވޭގޮތަށް) އެޅުން ހުއްދަކޮށްފައެވެ.
އައު އިސްލާހުގެ ދަށުން މުވައްޒަފުންނަށް މޫނުބުރުގާ އެޅުމުގެ ފުރުސަތު ލިބިގެންދާއިރު، މުވައްޒަފަކީ ކާކުކަން ކަށަވަރުކުރަން ޖެހިއްޖެ ހާލަތެއްގައި، ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް މޫނު ދައްކަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހަށް އިއްޔެއިން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ. އެހެންވެ، އެގޮތުގެ މަތިން ޢަމަލުކުރުމަށް ހުރިހާ ކޯޓުތަކަކާއި އިދާރާތަކަށް ޑީޖޭއޭ އިން ވަނީ އަންގާފައެވެ.
މި ބަދަލަކީ ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހެދުން އެޅުމުގެ މިނިވަންކަން އިތުރުކޮށް، އިސްލާމީ ޝިޢާރު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޤަވާއިދު އިސްލާހްކޮށް ޝަރުއީ ދާއިރާގެ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ