ލިވަޕޫލް (ނޮވެމްބަރު 23) - ލިވަޕޫލްގެ ފޯމު ގެއްލި މިހާރު އެ ޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ޒިންމާ ނަގާ ކަމަށް އެ ޓީމާ ހަވާލުވެ ހުރި ނެދަލެންޑްސްގެ ކޯޗު އާނާ ސްލޮޓް ބުނެފި އެވެ.
ނުވަ އަހަރަށް ފަހު، ޔާގަން ކްލޮޕް، ލިވަޕޫލްގެ ކޯޗުކަމުން ވަކިވުމުން، އެ މަގާމާ ހަވާލުވެ، ސްލޮޓް ވަނީ ފުރަތަަމަ ސީޒަނުގައި މިދިޔަ ސީޒަނުގައި ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އެކަމަކު، ސްލޮޓްގެ ދެ ވަނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް 500 މިލިއަން ޑޮލަރަށް ވުރެން އިތުރަށް މި ފަހަރުގެ ޓްރާންސްފާގައި ހަރަދުކުރުމަށް ފަހު، ލިވަޕޫލް މި ވަނީ އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން އަށް މެޗުން ބަލިވެފަ އެވެ.
ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-0 އިން ނޮޓިންހަމް ފޮރެސްޓް އަތުން ލިވަޕޫލް ބަލިވިއިރު، މިއީ، 2021 ވަނަ އަހަރުގެ ފަހުން، އަމިއްލަ ދަނޑުގައި ލިވަޕޫލަށް ލީގުގެ މެޗެއްގައި ކުރިމަތިލާން ޖެހުނު އެންމެ ދަށް ނަތީޖާ އެވެ.
"ޓީމަށް ބަދަލެއް ގެނެސްގެން ނޫނީ ކަމެއް ކޮށްގެން މި ނަތީޖާ ނުކުމެދާނެތޯ، ކަންކަން ރަނގަޅުވާނީ މިހެއް ކަންތައް ކުރީމަތޯ، ކުޅުންތެރިއަކު ބަދަލެއް ކޮށްގެން ކިހިނެއްތޯ ކަންކަން ރަނގަޅުވާނީ، މިއީ މިހާރު އޮތް ހާލަަތުގައި ވިސްނަން ހުރި ކަންކަން، އަދިވެސް އެއް ފަހަރު މި ބުނެލަނީ، މިހާރު މި ނުކުތް ދަށް ނަތީޖާތަކުގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން،" ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ ވަނަ މެޗުން ބަލިވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްލޮޓް ބުންޏެވެ.
"މޮޅުވާއިރު ޒިންމާ ނަގާ ގޮތަށް ބަލިވާއިރު ވެސް އެކަން ކުރެވެންވާނެ"
މި ފަހުން ލިވަޕޫލް ނެރުނު ނަތީޖާތަކަށް ބަލާއިރު، ޝަކުވާތަކެއް ކޮށްގެން ނޫނީ އުޒުރުތަކެއް ދައްކައިގެން ކުރިއަށްދެވޭނެ ގޮތެއް ނެތް ކަމަށާއި ކުރިމަތިވެފައި އޮތް ހާލަތަށް ރަނގަޅަށް ކުރިމަތިލުން ނޫން ގޮތެއް ނެތް ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.
ލިވަޕޫލުން ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަންއާ ދެކޮޅަށް ކުޅޭ މެޗެވެ.
ލިވަޕޫލްގެ ދަށް ނަތީޖާތަކުގެ ޒިންމާނަގާ ކަމަށް ސްލޮޓް ބުނެފި ލިވަޕޫލްގެ ދަށް ނަތީޖާތަކުގެ ޒިންމާނަގާ ކަމަށް ސްލޮޓް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ