ތިލަދެކުނު ފުޓްސަލް މުބާރާތް 2025: ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނައިވާދޫ އަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025"ގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނައިވާދޫގެ ޓްރޭނާސް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.
ރަށުގައި ތަށި ބެހެއްޓުމުގެ އަޒުމުގައި ނުކުތް ނައިވާދޫ ޗެމްޕިއަންކަން ހޯދީ ދެ ތަށި ރަށަށް ގެންދިޔުމުގެ އުންމީދުގައި ނުކުތް ކުމުންދޫގެ ބީޗު ސިޓީ 2-0 އިން ބަލިކޮށްގެންނެވެ.
ނައިވާދޫގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މުޅި މުބާރާތުގައި ވެސް އިތުބާރާއެކު ކުޅެމުން އަންނަ ނައިވާދޫގެ އުންމީދީ ކުޅުންތެރިޔާ ޖާޒީ ނަންބަރު 22 ޔޫސުފް ސާއިފެވެ. ނައިވާދޫ ލީޑް ފުޅާކުރި ލަނޑު ޖަހައިދިނީ މެޗު ނިމެންދަނިކޮށް އެ ޓީމުގެ މުހައްމަދު އަސްލަމް (މޯންޑޭ) އެވެ.
ނައިވާދޫގައި ކުޅުނު މި މުބާރާތުގެ އަންހެން ޑިވިޜަންގެ ތަށި ވަނީ ކުމުންދޫ ހޯދާފައެވެ. ޑިވިޜަންގެ ޗެމްޕިއަންކަން ކުމުންދޫ ހޯދީ ހަވީރު ކުޅުނު ފައިނަލްގައި 2-0 އިން ނޮޅިވަރަންފަރު ބަލިކޮށްގެންނެވެ.
މިރޭ ކުޅުނު ފިރިހެން ޑިވިޜަންގެ ފައިނަލަށްފަހު ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ އަންހެން އަދި ފިރިހެން އަދި ޑިވިޜަންގެ ޗެމްޕިއަން، ރަނަރަޕް އަދި އެހެނިހެން ވަނަތަކަށް އިނާމް ދީފައެވެ.
މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ފަސް ކުޅުންތެރިން
މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ކޯޗު ނައިވާދޫ ޓްރޭނާސްގެ އަހްމަދު ސިނާންއެވެ. ޓޮޕް ސްކޯރަރ ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބްގެ ޖޯޒީ ނަންބަރު 10 ޔާމީން މުހައްމަދު ހޮވިފައިވާއިރު އޭނާ ވަނީ މުބާރާތުގައި 8 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ޑިވިޜަންގެ މޮސްޓް ޕްރޮމިސިންގ ޕްލޭޔަރ އަކީ ނައިވާދޫ ޓްރޭނާސްގެ ޖޯޒީ ނަންބަރު 21 ޔާނީ މުހައްމަދެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިވާދޫ ޓްރޭނާސްގެ ޖާޒީ ނަންބަރު 22 ޔޫސުފް ސާއިފެވެ.
މި ޑިވިޜަންގެ ފެއާ ޕްލޭ ޓީމަކީ ކުޅުދުއްފުށީ ސިޓީގެ މަގުލަސް ކްލަބެވެ. ރަނަރަޕް ޓީމް ކުމުންދޫ ބީޗް ސިޓީ އަށް ވަނީ ޓްރޮފީއާއި 25،000 ރުފިޔާގެ ފައިސާގެ އިނާމް ދީފައެވެ. ޗެމްޕިއަން ނައިވާދޫ ޓްރޭނާސް އަށް ވަނީ ތައްޓާއި، މެޑަށްޔާއި އަދި 50،000 ރުފިޔާ ދީފައެވެ.
މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ފަސް ކުޅުންތެރިން
މި ޑިވިޜަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކުމުންދޫ ސްޕޯޓްސް ކްލަބްގެ ނޫރައްދީން އިބްރާހީމެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ ކުމުންދޫ ސްޕޯޓްސް ކްލަބްގެ ޖާސާއިދާ މޫސާއެވެ. ސާޖިދާ ވަނީ މި މުބާރާތުގައި 11 ލަނޑު ޖަހައިދީފައެވެ. އަދި މޮސްޓް ޕްރޮމިސިންގ ޕްލޭޔަރަކަށް ހޮވުނީ ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ) ޖޯޒީ ނަންބަރު 17 އައިމިނަތު ޝިއުރާ އިސްހާގް އެވެ.
މި ޑިވަޜަންގެ ފެއަރ ޕްލޭ ޓީމަކީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. މި ޑިވިޜަންގެ ރަނަރަޕް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، ޗެމްޕިއަން ނައިވާދޫ ޓްރޭނާސް އަށް ވަނީ ޝީލްޑް، މެޑަލް އަދި 50،000 ރުފިޔާގެ ފައިސާގެ އިނާމް ދީފައެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޜަންގައި 9 ޓީމު އަދި އަންހެން ޑިވިޜަންގައި 5 ޓީމު ބައިވެރިވެފައިވެފައިވެއެވެ.
މިމުބާރާތުގެ ފިރިހެން ޑިވިޜަންގައި ބައިވެރިވި ޓީމުތައް
މިމުބާރާތުގެ އަންހެން ޑިވިޜަންގައި ބައިވެރިވި ޓީމުތައް
މި މުބާރާތް ކުރިޔަށްދިޔައީ ޑިސެމްބަރ 2 ން 11 އަށް ހދ. ނައިވާދޫގައެވެ.
 
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ