ސަރުކާރަށް ދެ އަހަރު: ޚާރިޖީ ސިޔާސަތުގެ ފޮތުން އަދިވެސް ފިލާވަޅު ދަސްކުރަނީތަ؟
ދައުލަތެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެ ދައުލަތެއްގެ ސަރަހައްދީ އިމުގެ އެތެރޭގެ އެންމެހާ ކަންކަން ކަށަވަރުކުރުމުގައި ހަރަކާތްތެރިވާނީ އެ ގައުމެއްގެ ސަލާމަތީ ބާރުތަކެވެ. ގައުމަށް ބޭރުގެ ބަޔަކު އަރައި އުދުވާނީ ހަމަލައެއް ދީފިނަމަ، އެކަމަށް ރައްދުދީ އަމަލީ މައިދާނަށް ނިކުންނާނީ ދިފާއީ ވުޒާރާގެ ދަށުން ތިބި އަސްކަރީ ސިފައިންނެވެ. އެހާ ހިސާބަށް ދާނީ، މަރުހަލާތަކަކުން ގައުމު ފެއިލްވީމައެވެ. ހަމަ އެފަދައިން މާލީ ގޮތުން ބޭރުގެ އިދާރާއަކުން ރާއްޖެއާ ދެކޮޅަށް ފިޔަވަޅެއް އަޅައިފިނަމަ، އެ ކަމެއް ވެސް ކުރާނީ ހަމަ ވަކި ކަންތައްތަކެއް ވަކި ގޮތަކަށް ދިއުމުންނެވެ. ބައިނަލްއަގްވާމީ މައިދާނުގެ ތެރެއިން ގައުމަށް ދިމާވާ މިފަދަ ކޮންމެ ގެއްލުމެއް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ އެއިރަކު ވެރިކަންކުރާ ސަރުކާރަކުން ވިއްކާ ޚާރިޖީ ސިޔާސަތު ފެއިލްވުމެވެ. ގައުމެއްގެ ޚާރިޖިއްޔާއަކީ އެ ގައުމެއްގެ އެންމެ މުހިންމު އެއް ވުޒާރާއެވެ. ބައިނަލްއަގްވާމީ މައިދާނުގައި ނިންމޭ ކޮންމެ ނިންމުމެއް ނިންމަނީ އެ ކަމުގައި ޚާރިޖިއްޔާގެ ބައިވެރިވުން އޮވެ، ކުރެވޭ މަޝްވަރާތަކަށްފަހުގައެވެ. ޑިޕްލޮމެސީގެ އުސޫލު ފެއިލްވާ ހިސާބަކީ، ގައުމަށް އެކި ހުރަސްތަކާއި، ގޮންޖެހުންތަކުގެ ރާޅު ބިންދާލާނެ ހިސާބެވެ. ދިފާއަށް ގައުމުގެ ތެރެއިން ނިކުންނަން ޖެހޭ ހިސާބެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައީސާއެކު:--- ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދަށް މިވީ ދެ އަހަރެވެ. ދެ އަހަރު ތެރޭ، މަގާމަށް އައްޔަންކުރެއްވި ދެވަނަ ފޮރިން މިނިސްޓަރާއެކު ޚާރިޖީ ދާއިރާއިން ގައުމަށް ހާސިލްކޮށްދެވުނީ ކޮން ކާމިޔާބެއްތޯ ވަޒަންކުރުން މުހިންމެވެ. އެނގުނީ އިންޑިއާއަށް ބުލީއަކަށް ގޮވުމަކީ ހެދުނު ގޯހެއްކަން، ޖެހިގަނެގެން ނޫޅެވޭނެކަން ޚާރިޖީ މައިދާނަކީ ކެތްތެރިކަން އިންތިހާއަށް އިސްކުރަންޖެހޭ ދާއިރާއެކެވެ. ތަފާތު ޚިޔާލުތަކާއި، ވިސްނުންތަކުގެ މީހުން އުޅޭނެކަން ދަނެ، އެ އެންމެންގެ އަޑު އަހައި، ސުލްހަވެރިކަން އިސްކޮށް، ރިވެތި މަޝްވަރާ ނުވަތަ ޑިޕްލޮމެސީގެ އުސޫލުން ކަންކަން ނިންމަންޖެހޭ ދާއިރާއެކެވެ. ކިތަންމެ ބޮޑު ބާރެއް ނުވަތަ ކުޑަ ބާރެއް ނަމަވެސް ޖަޒުބާތުގައި ޖެހި، ގައުމަކާ ދިމާއަށް ބުނާ ބަހަކީ ޚާރިޖީ ދުނިޔޭގައި އެ ގައުމެއްގެ އަގާއި ގަދަރާއި އިތުބާރުގައި ވަރަށް ފަސޭހައިން ރެނދުލައި، ފުނޑުފުނޑުވެދާނެ ކަމެކެވެ. މި ސަރުކާރަށް ދައުރުގެ އެންމެ ފުރަތަމަ އަހަރު މި ފިލާވަޅު ދަސްވީ އެންމެ ހިތިކޮށެވެ. ޒަމާނުއްސުރެ ދިވެހީންގެ މަދަދުގާރެއްގެ ގޮތުގައި އޮތް އިންޑިއާއާ ދިމާއަށް ސީދާ ބަހުގެ އެތައް ހަމަލައެއް ރައްދުކުރެއްވިއެވެ. އިދިކޮޅުގައި ތިއްބެވިއިރު ޖެހިވަޑައިގެން ތިއްބެވި ޖަޒުބާތު ފިލައިނުގޮސް ހުއްޓައި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ތިން ބޭފުޅުން އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކުރައްވައިފިއެވެ. ބުލީ ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ނިކުމެވަޑައިގަތީ ޑިފެންސަށެވެ. "އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ދެ އަހަރުގެ ތެރޭ މި ބޭފުޅުން ހެއްދެވި އެންމެ ބޮޑު ގޯސް. ކިހިނެއްތޯ އެ ހެއްދެވީ. އަޅުގަނޑުމެންގެ ސަރުކާރުތަކުން އެތައް ޒަމާނެއްވަންދެން ރައްކާތެރިކޮށް ދަމަހައްޓަމުން އައި ގުޅުމުގައި ކޮންފަދަ ލައްގަނޑެއްތޯ އެ ޖެހުނީ. ކިހާ ބޮޑު ޑެމޭޖެއްތޯ މިއީ،" ޚާރިޖީ ދާއިރާގެ ޚިދުމަތްތެރިއަކު ނަން ނުޖަހަން ޝަރުތުކުރައްވައި ވިދާޅުވިއެވެ. 26 ޖުލައި 2025: އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އިންޑިއާއަށް ވަޑައުގަތުން -- ފޮޓޯ: ރައީސް އޮފީސް މިއީ ފުރަތަމަ އަހަރުގެ ތެރެއިން އެންމެ ބޮޑު އެއް ފެއިލިއާއެވެ. އަހަރުގެ ތެރެއިން ދެން އުޅުއްވަން ޖެހުނީ އެންމެ އެކުވެރި، އަވައްޓެރި އިންޑިއާ ރުއްސޭތޯއެވެ. ސަބަބަކީ ރާއްޖޭގެ އިގްތިޞާދަށް ލޮޅުން އެރީމައެވެ. ފަތުރުވެރިކަމުގެ މާކެޓުގައި އެއްވަނައިގައި އޮތް އިންޑިއާ ކުއްލިއަކަށް ދަށަށް ސޮއްސައިލީމައެވެ. ދެ ގައުމުގެ ދެ ސަރުކާރުގެ މެދުގައި ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން އުފެދުނީމައެވެ. އެހެން ގައުމެއްގެ އިތުބާރު ލިބެންދެން ވެސް ދެން ވެސް އަތުގައި ހިފައިދޭނީ އިންޑިއާކަން އެނގޭތީއެވެ. އެހެންކަމުން ދެ އަހަރު ދުވަހުގެ ތެރޭ ޚާރިޖީ ސިޔާސަތުގެ ފޮތުން ދަސްވި އެއް ފިލާވަޅަކީ، ޖަޒުބާތުގައި ޖެހި، ގައުމަކާ ޖެހިގަނެގެން ނުވާނެ ކަމެވެ. ވަކިން ޚާއްސަކޮށް އަވައްޓެރިޔާއާ ޖެހިގަތުމުން ގެއްލުންވާނެ ކަމެވެ. އެންމެ ފަހު ވަގުތު މާލީ ގޮތުން ވެސް އެހީވާން އިސްނެގީ އިންޑިއާއެވެ. ހިލޭއެހީއަށްވުރެ ގިނައީ، ހިލޭ އެހީ ހޯދަން ކުރި ދަތުރު! މި ދައުރު ފެށިގެން ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭ، ރައީސް ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ އިސް ވަފުދުތައް އދ.ގެ ބައްދަލުވުންތަކަށާއި، ކޮޕް ސަމިޓު ފަދަ އެތައް ބައްދަލުވުމަކަށް ވަޑައިގެން، ރާއްޖެއަށް މާލީ އެހީ ހޯދުމަށް ޓަކައި އެތައް ވާހަކަފުޅެއް ދެއްކެވިއެވެ. އެތައް ގައުމެއްގައި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްތައް ބޭއްވިއެވެ. ނަމަވެސް ވެރިކަމުގެ ފުރަތަމަ އަހަރު ނިމުނީ ހިލޭ އެހީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިސާބުކޮށް އޭގެ އެއްބައި ވެސް ނުލިބިއެވެ. މިދިޔަ އަހަރު ނިމުނުއިރު ހިލޭ އެހީގެ ގޮތުގައި ލިބުނީ 660.6 މިލިއަން ރުފިޔާއެވެ. އެއީ ލިބޭނެކަމަށް އަންދާޒާކުރި މިންވަރުގެ 44 ޕަސެންޓެވެ. މި އަހަރު ނިމެން ބާކީ މިއޮތީ ދޮޅު މަހަށްވުރެ ވެސް މަދުވެފައެވެ. ހިލޭ އެހީގެ ގޮތުގައި ހެޔޮއެދޭ ގައުމުތަކާއި ބައިނަލްއަގްވާމީ އިދާރާތަކުން ދޭނެކަމަށް 2.6 ބިލިއަން ރުފިޔާ ބަޖެޓުގައި ޖަހައިފައި އެބައޮތެވެ. ނަމަވެސް އެންމެފަހުން ހިސާބުތައް އާންމުކޮށްފައިވާ މިދިޔަ މަހުގެ 23ވަނަ ދުވަހާ ހަމައަށް ލިބުނީ، 269.9 މިލިއަން ރުފިޔާއެވެ. އެއީ ލިބޭނެކަމަށް އަންދާޒާކުރި މިންވަރުގެ އެންމެ 10 ޕަސެންޓެވެ. މީގެ އިތުރުން ދިވެހި ސަފީރުން ތިބެމެ، ރާއްޖޭން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމުގެ މަޝްވަރާތަކުގެ ތެރެއިން އުންމީދީ ހެޔޮ ބަދަލެއްގެ ނަތީޖާ މިހާތަނަށް ވެސް ނެރެވިފައި ނުވެއެވެ. މި ދެ އަހަރުގެ ތެރޭ ލިބުނު ހިލޭ އެހީތަކަށްވުރެ، ހިލޭ އެހީ ހޯއްދަވަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި، ސަރުކާރުގެ ވެރިން ކުރެއްވި ދަތުރުތަކަށް ކުރެއްވި ހޭދަ އެތައް ގުނައެއް އިތުރުވުން ވެސް އެކަށީގެންވެއެވެ. އެހެންކަމުން އަދިވެސް ލިބުނު ކާމިޔާބެއް ނެތެވެ. ބޭރުގެ ގައުމަކުން ފައިސާ ފޮއްޗެއް ވެސް އެހީގެ ގޮތުގައި ދިއްކޮށްނުލީ ޚާރިޖީ ސިޔާސަތު ފެއިލްވެފައި އޮތުމުންނެވެ. އެއަށް އިތުބާރު ނުކުރާތީއެވެ. އެ ނޫން ނަމަ މިހާ ގިނަ އިންވެސްޓްމަންޓް ފޯރަމްތަކާއި، ބައިނަލްއަގްވާމީ އެކި ބައްދަލުވުންތަކުގައި ފައިސާގެ އެހީ ފޯރުކޮށްދޭން ކުރި "އާދޭސް"ތަކަށް ބީރު ކަންފަތެއް ނުދިނީހެވެ. މިހާރުގެ ފޮރިން މިނިސްޓަރު ހަލީލާއި މިސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު މޫސާ ޒަމީރު-- ފޮޓޯ: ފޮރިން މިނިސްޓްރީ ޚާރިޖީ ވުޒާރާއާއި އެމްބަސީތަކަށް ބަލާނެ ކަމެއް ނެތް، ސިޔާސީ މަގާމުތަކުން ފުރިފައި! ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅަކު ވިދާޅުވީ، ދިވެހި ފޮރިން ސާވިސް މުވައްޒަފުންނަށް ދާއިރާގައި ކުރިއަށް ގޮސް، އާ ތަޖުރިބާތައް ހާސިލްކުރަން ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ޚާރިޖީ ދާއިރާގެ މަދު މަގާމުތަކެއް ފިޔަވައި ހުރިހާ މަގާމަކަށް ވެސް ސިޔާސީ މީހުން އައްޔަންކުރުން ކަމަށެވެ. ކޮންމެ ވެރިކަމެއް ބަދަލުވުމާއެކު ބޭރު ގައުމުތަކުގައި ހުންނަ އެމްބަސީތައް ފުރާލަނީ ސިޔާސީ އެކްޓިވިސްޓުންނާއި، އެއިރަކު ހުންނަވާ ރައީސެއްގެ އެކުވެރި ގާތް ބޭފުޅުންނާއި، އެ ބޭފުޅުންގެ އާއިލީ މެންބަރުންނަށް ދޭ އެތައް މަގާމަކުންނެވެ. https://sun.mv/212539 ނަތީޖާއެއްގެ ގޮތުން، ދާއިރާއިން ކުރިއަށްދާން ކިޔަވައިގެން ތިބި ފަންނީ މުވައްޒަފުން ތާށިވަނީ މާލޭގައި ހުންނަ ޚާރިޖީ ވުޒާރާގައެވެ. ގައުމުން ބޭރުގައި، އަމަލީ މައިދާނުގައި ތަޖުރިބާ ހާސިލްކުރަން ލިބޭ ފުރުސަތު ގެއްލެނީއެވެ. ގައުމުތަކުގެ އިސް ފަރާތްތަކާ އެކު މަޝްވަރާގެ މޭޒު މައްޗަށް އަރަން ޖެހެނީ ޚާރިޖީ ސިޔާސަތާއި، ޑިޕްލޮމެސީއަކީ ވެސް ކޯއްޗެއްކަން ނުދަންނަ ސިޔާސީ ބޭފުޅުންތަކަކަށެވެ. ކުރީގެ ހޯމް މިނިސްޓަރު އަދި ސިޔާސީ މަސްރަހާ ގުޅޭ މި ފަދަ ކަންކަން ބައްލަވާ، އުމަރު ނަސީރު ވެސް ފާހަގަކުރެއްވި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިއީއެވެ. ބޭނުން ނެތް އެތައް ބަޔަކު އެމްބަސީތަކުގެ ވަޒީފާތަކުގައި ތިބުމެވެ. އެއިން ކޮންމެ ވަޒީފާއަކަށް ވެސް ބޮޑު މުސާރައެއް ލިބުމެވެ. "ސަން"އަށް އެންމެ ފަހުން ފޮރިން މިނިސްޓްރީން ހިއްސާކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އެކެއް އޮކްޓޯބަރުން މި އަހަރުގެ ޖެނުއަރީ 31ގެ ނިޔަލަށް ބޭރު ގައުމުތަކުގައި ގާއިމްކޮށްފައިވާ ޖުމްލަ 21 މިޝަނަކަށް، އޮޕަރޭޝަން ޚަރަދަށް ޖުމްލަ 21،655،475.30 ރުފިޔާ ޚަރަދުކުރިއިރު މިއީ އެވްރެޖުކޮށް މަހަކަށް 7.2 މިލިއަން ރުފިޔާއެވެ. މުވައްޒަފުންގެ ޚަރަދުތަކަށް 74،278،670.94 ރުފިޔާ ޚަރަދުކުރިއިރު މިއީ އެވްރެޖުކޮށް މަހަކަށް 24.8 މިލިއަން ރުފިޔާއެވެ. މިހާ ބޮޑު ޚަރަދެއް ކޮށްގެން ގައުމަށް ކުރީ ކޮން ފައިދާއެއްތޯ ސުވާލު އުފެދެއެވެ. ތިން ވަނަ އަހަރު މި ފެށުނީ: ދެން ދަސްކުރަންވީ ފިލާވަޅަކީ ކޮބާ؟ ވެރިކަމުގެ ތިންވަނަ އަހަރު މި ފެށުނީއެވެ. ދައުރު ދެބައިވުމާ ހަމައަށް ދެން މާ ގިނަ ދުވަހެއް ނެތެވެ. ފުރަތަމަ ދެ އަހަރަކީ ދަސްކުރަން ހޭދަކުރި މުއްދަތަކަށް ހެދި ނަމަވެސް މުޅި ދައުރު މިހެން ދުއްވައިލުން އެއީ ސަރުކާރަށް އޮތް ޗޮއިސެއް ނޫނެވެ. އޮތް ހަމައެކަނި ޗޮއިސަކީ ކަންކަން އިސްލާހުކުރުމެވެ. އެއް ކަމަކަށް ކުރަންވީ އެންމެ މުހިންމު ކަމަކީ، ދުނިޔޭގެ އެކި ގައުމުތަކުގައި ގާއިމްކޮށްފައިހުރި ދިވެހި އެމްބަސީތަކުގައި ދައުލަތަށް ނުކަތާ ވަރަށް އުފައްދައިފައިވާ މަގާމުތައް މަދުކުރުމެވެ. އަދި އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމެވެ. ހުސްކުރާ ސިޔާސީ މަގާމުތަކަށް ޚާރިޖީ ދުނިޔެ ދަންނަ ފަންނީ މީހުން އައްޔަން ކުރުމެވެ. މިނިސްޓަރުގެ މަގާމުން ފެށިގެން ވެސް އެ ދާއިރާގައި ތިބެން ވާނީ ދާއިރާ ދަންނަ ބޭފުޅުންނެވެ. ޚާރިޖީ ބަސްމަގު ދަންނަ ބަޔަކަށް ނޫނީ ދޭދޭ ގައުމުތަކުގެ މެދުގައި ހިނގާ މުއާމަލާތްތަކުގައި ބައިވެރިނުވެވޭނެއެވެ. އެ ނޫންނަމަ ނިކުންނާނީ މި ދެ އަހަރު ވެސް މި ފެނުނު ނަތީޖާއެވެ. ދެވަނަ އަށް ކުރަންވީ އެންމެ މުހިންމު ކަމަކީ، ބައިނަލްއަގްވަމީ މާލީ އިދާރާތަކުން ދޭ ލަފާތައް އަޑުއަހައި، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރުމެވެ. އިގްތިޞާދު ބަނގުރޫޓު ނުވާނެކަމުގެ ފެހި ސިގްނަލް ގައުމުތަކަށް ލިބިގެން ނޫނީ އެ ގައުމަކުން ދޭނެ މާލީ އެހީތެރިކަމެއް ނޯންނާނެއެވެ. ދައްކަންޖެހޭ ދަރަންޏެއް ފަސްކޮށްދޭނެ ގޮތެއް ވެސް ނޯންނާނެއެވެ. ހަމައެއާއެކު ވަކި ގައުމެއްގެ އުނގުމައްޗަށް ވެއްޓިގަނެ، ވަކި ގައުމަކަށް ބަރޯސާވެގެން މޮޅެއް ލިބޭނެ ކަމަށް ވިސްނާ ވިސްނުން ދޫކުރަންޖެހެއެވެ. ރާއްޖެ މި އޮތް ޖިއޮގްރަފިކް ލޮކޭޝަނަކީ ދުނިޔޭގެ ބޮޑެތި ބާރުތަކަށާއި، ނުފޫޒު ގަދަ ގައުމުތަކަށް މުހިންމު ސަރަހައްދެކެވެ. މި ސަރަހައްދު ކޮންޓްރޯލްކޮށް އެ ބައެއްގެ ބާރު ކޮންމެވެސް ސިފައެއްގައި ހިންގަން ބޭނުންވާނެ ވިޔަފާރީގެ ބޮޑު ސަރަހައްދެކެވެ. އެހެންކަމުން ދިވެހި ސަރުކާރުން މަސައްކަތްކުރަންވީ ވަކި ގައުމަކާ ގުޅިގެން ކުރިއަށް ގޮސް، ޖިއޯޕޮލިޓިކްސްގެ އޮއިގަނޑުގައި ޖެހުމުގެ ބަދަލުގައި ހުރިހާ ގައުމަކާ އެކީ ގުޅިގެން ކުރިއަށް ދެވޭތޯއެވެ. އެއީ އިންޑިއާ، ޗައިނާ، އެމެރިކާ ނުވަތަ ރަޝިއާ ކަމުގައި ވިޔަސްމެއެވެ. ޚާރިޖީ މައިދާނަކީ ގައުމެއްގެ ކުރިއެރުމާއި ސުލްހައާއި، ސަލާމަތާ ގުޅިފައިވާ އެންމެ މުހިންމު މައިދާނެވެ. މިއީ ދަސްކުރަން ނިކުންނަ ކުލާސްރޫމެއްގެ ބަދަލުގައި، އަބަދުވެސް، ހުއްޓުމެއްނެތި އެތައް މުހިންމު މަޝްވަރާއަކާއި މުސްތަގްބަލާމެދު އެތައް ގޮތެއް ނިންމަމުން އަންނަ މައިދާނެކެވެ. މި މައިދާނަށް ނިކުންނަން ވާނީ ދަސްކުރާނެ އެއްޗެއް ދަސްކޮށްގެންނެވެ. އިތުރު އަހަރެއް ބޭކާރުވެގެން ދިއުމަކީ އޮތް ޗައިސްއެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ