ދިރިއުޅުމުގައި ބައްދަލުވާ އެންމެންނާއިމެދު އެއްގޮތަކަށް ދެކެގެން ނުވާނެއެވެ. މީހުންނާއިމެދު ސަމާލުކަންދޭންޖެހިފައި މިވަނީ ނުބައި މީހުން ގިނަވީމައެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް އަނެކާގެ ވިސްނުމާ އޭނާ ބޭނުންވާ ގޮތް ދެނެގަނެ ޔަޤީންކުރަންވާނެއެވެ. ގުޅުން އުފައްދަންވާނީ އެކަމަށް ބަލައިގެންނެވެ.
އިންސާނުންގެ ނުބައިކަން ބޮޑުވަމުން އަންނަ ވަރަކަށް އަޚްލާޤީ މައްސަލަތައް ގިނަވާނެއެވެ. އެންމެ ދަށުދަރަޖައިގެ ޢަމަލުތައް ކުރުން ގިނަވާނެއެވެ. ފާޙިޝް ޢަމަލުތައް ކުރަން ބޭނުންވާ މީހުން ގިނަވާނެއެވެ. ފާޙިޝް ޢަމަލުތައް ކުރަން ބޭނުންވުން ގިނަވާވަރަކަށް ދަތިޙާލުގައި އުޅެންޖެހިފައިވާ އެކަނިވެރިމައިންނަށް ނުރައްކާތައް ކުރިމަތިވުންވެސް ގިނަވެފަ ބޮޑުވާނެއެވެ.
ވިސްނާށެވެ! ޒަވާޖީ ޙަޔާތް ރޫޅިއްޖެނަމަ ބައެއް ފަހަރު ވަރަށް ދަތިހާލު ކުރިމަތިވެއެވެ. ކުރިން އުޅުނު ފުދުންތެރި ދިރިއުޅުމުން ވަކިވާން ޖެހުމުން ވަރަށް ގިނަ ދަތިތައް ކުރިމަތިވެއެވެ. ޚާއްޞަކޮށް އަންހެން މީހާގެ ގާތުގައި ދަރިން ތިބިނަމައެވެ. އަތްމަތި ދަތިވެ ހިތްދަތިކަން އިންތިހާއަށްވެސް ހިގައިދާނެއެވެ. އެފަދަ ހާލަތުގައިވާ އަންހެނުންގެ ކިބައިން ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ ފިރިހެނުން ވަރަށް ގިނަވާނެއެވެ.
ހިތްވަރުކުރާށެވެ! އަންހެނުންނަކީ ވަރަށް ހިތްވަރުގަދަ ބައެކެވެ. ވީމާ މިއާޔަތާއިމެދު ވިސްނައިލާށެވެ! މިއާޔަތުގައި ބަޔާން ކުރައްވަވާފައި މިވާ ފަދަ ހިތްވަރު ގަދަ، އީމާންތެރި، ކިޔަމަންތެރި އަންހެނުންގެ ތެރެއިންވާށެވެ! "އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކޭ ބުނާ މީހުންނެވެ." (ބަޤަރާ: 156)
މިފަދަ ހިތްވަރު ހުރި އީމާންތެރިއަކަށް ވެވިއްޖެ ނަމަ ހުރި އުފާވެރިކަމުގެ ޚަބަރު މިއާޔަތުން ލިބިގަންނާށެވެ. "އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން މަޣްފިރަތާއި ރަހްމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ."
(ބަޤަރާ: 157)
ދަތިޙާލު ކުރިމަތިވާނެއެވެ. ކެތްތެރިވާށެވެ! ޢަބުރާއި ޢިއްޒަތް ނަގައިނުލާށެވެ! ޢަބުރާއި ޢިއްޒަތް ނަގައި ނުލުމަކީ ހަމަ އެކަނި ދުނިޔޭގެ ލޯތަކަށް ޢިއްޒަތް ހިފެހެއްޓުމެއް ނޫނެވެ. ޢަބުރާއި ޢިއްޒަތް ހިފަހައްޓަންވީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ދުނިޔޭގައި ސިއްރުން ކަންކަން ކުރެވިދާނެއެވެ. ކުރާ ކަންކަން މީސްތަކުންނަށް ސިއްރު ކުރެވިދާނެއެވެ. ނަމަވެސް އެއްވެސް ކަމެއް ﷲ ތަޢާލާއަށް ސިއްރެއް ނުކުރެވޭނެއެވެ. ވީމާ ކިތަންމެ ސިއްރުން ނަމަވެސް ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ކަމެއް، ނަހީ ކުރެއްވެވި ކަމެއް ކޮށްފި ނަމަ އެމީހެއްގެ ޢަބުރެއް އަދި ޢިއްޒަތެއްވެސް ނެތެވެ. އެވަނީ ގެއްލި ހުސްވެފައެވެ.
މި ބަސްކޮޅު މި އަމާޒުކުރަނީ ބައެއް އަންހެނުންނަށެވެ. އެމީހުންގެ ދިރިއުޅުމުގައި ދަތިތައް ކުރިމަތިވުމުން ﷲ ތަޢާލާގެ މަގު ދޫކޮށް އެހެން ގޮތް ގޮތުން ސަލާމަތްކަން ހޯދަން މަސައްކަތްކުރާ އަންހެނުންނަށެވެ. ޙަލާލް ނޫން ގޮތުގައި ފައިސާ އާއި ތަކެތި ހޯދަން މަސައްކަތްކުރާ އަންހެނުންނަށެވެ.
ލޮބުވެތި ކަނބަލުންނޭވެ! ޚާއްޞަކޮށް ރިވެތި ސޫރަ ލިބިގެންވާ ކަނބަލުންނޭވެ! ތިބާ ވަނީ މުޞީބާތެއްގެ ތެރޭގައިކަން އެނގޭނަމަ އެހީގެ އަތްތައް ގިނަވާނެއެވެ. ދިގުވެސްވާނެއެވެ. ވީމާ މަގު އޮޅުމުގެ ފުރުޞަތު ބޮޑުވެސްވާނެއެވެ. މަގު އޮޅުން ފަސޭހަވެސް ވާނެއެވެ. ޔަޤީންކުރާށެވެ! ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން ނޫން ގޮތަކަށް، ތިބާގެ ކިބައިން ކަންކަމަށް އެދޭ ޙާލު އެހީގެ ގޮތުގައި ތިބާއަށް އެދިއްކުރަނީ އަލިފާނެވެ! ހިފައިފިނަމަ އަނދާނެއެވެ!
ވީމާ ފުރަތަމަވެސް ވިސްނައިލަންވީ މިއާޔަތަށެވެ. "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!" (ބަޤަރާ: 155)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކަނބަލުންނަށް ޚާއްޞަ: ދަތިޙާލުގަ އުޅެންޖެހިފައިވާ ވަގުތު އެހީގެ ގޮތުގަ ދިއްކުރާ އަލިފާން ގިނަވާނެ! ޔަޤީންކޮށްފަ ނޫނީ ނުހިފާތި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ