މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވަރލްޑް ބޭންކާ ގުޅިގެން މަސްވެރިކަމަށް ދިވެހި ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމާ ގުޅިގެން މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ، ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުންނެރުމަށް ކަމާއިގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާކަމަށެވެ. މިއީ ވަރލްޑް ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 3 މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ.
މިތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު ފާހަގަކޮށްލެވެއެވެ.
މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުން ފެށިގެން ޖެނުއަރީމަހުގެ ނިޔަލަށެވެ. ޕްރޮގްރާމްގެ ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާއިރު، މިނިސްޓްރީގެ މަސްވެރިކަމުގެ ދަފްތަރުގައި ޖެހިފައިނުވާ އުމުރުން 24 އަހަރުން ދަށުގެ ކޮންމެ ޒުވާނަކަށްވެސް ޕްރޮގްރާމްގައި ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން 18 އަހަރު ނުވާ ކުއްޖެއްނަމަ ބެލެނިވެރިޔާގެ ހުއްދައާއެކު ބައިވެރިވެވޭނެއެވެ.
ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމަށް ހުޅުވާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.
ވަރލްޑް ބޭންކާ ގުޅިގެން މަސްވެރިކަމަށް ޒުވާނުން ތަމްރީނުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ